ދުނިޔެ

މުމްބާއީއަށް ބޯކޮށް ވާރޭ ވެހެނީ، މާދަމާ ސްކޫލްތައް ބަންދު

ފަތޯނާ ފާއިޒު

އިންޑިއާގެ މުމްބާއީއަށް ބޯކޮށް ވާރޭ ވެހެމުން ދިއުމުގެ ސަބަބުން އެ ސިޓީގެ ގިނަ ސްކޫލްތަކެއް މާދަމާ ބަންދު ކުރާ ގޮތަށް ނިންމައިފިއެވެ.

މުމްބާއީއަށް މިއަދު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކުގެ ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާ އިރު، ހަތަރު މީހަކު ވަނީ މަރުވެފައެވެ. އަދި ބޯކޮށް ވާރޭ ވެހި ފެންބޮޑުވަމުން ދިއުމުގެ ސަބަބުން 400 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން ގިނަ ރެއިލްވޭ ސްޓޭޝަންތައްވެސް ބަންދު ކުރަން ޖެހިފައިވާ އިރު، މާދަމާ ގިނަ ސްކޫލްތަކެއް ބަންދުކުރަން ވަނީ ނިންމާފައެވެ. މުމްބާއީގެ އިތުރުން، އެސިޓީ ކައިރީގައިވާ އެމްއެމްއާރް، ޕަލްގަރް، ތާނޭ އަދި ރައިގަދު ޑިސްޓްރިކްޓްގެ ސްކޫލްތައްވެސް މާދަމާ ބަންދު ވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

މުމްބާއީގެ ޗީފް މިނިސްޓަރ ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލަހުން އޮފީހަށް ހާޒިރުވުމުގެ ހުއްދަވެސް ދެއްވާފައެވެ.

ވިއްސާރައާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ މަަސައްކަތް ކުރަމުންނެވެ. އެގޮތުން ފެންބޮޑުވުމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އިންޑިއާގެ އެއާ ފޯސްގެ އޮފިޝަލުން އަންނަނީ ކުރަމުންނެވެ.