ޚަބަރު

ފަންނުވެރިކަން ކުރިއަރައިގެން ދިއުމަކީ މި ސަރުކާރުގެ އަމާޒެއް- ޔުމްނާ މައުމޫން

އާނިފާ ހުސެއިން ސިރާޖް

ފަންނުވެރިކަން ކުރިއަރައިގެން ދިއުމަކީ މި ސަރުކާރުގެ އަމާޒެއްކަމުގައި މިނިސްޓަރ އޮފް އާރޓްސް ކަލްޗާރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި އެންސީއޭ ގުޅިގެން 'އަންވީލިންގ ވިޜަންސް 2019' ގެ ނަމުގައި މިރޭ ބޭއްވި ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި މުޖުތަމައުގައި އާރްޓިސްޓުންގެ މުހިންމުކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވާފައިވެއެވެ.

އެގޮތުން އާރޓިސްޓުންނަކީ މުޖުތަމައުގައި ހުންނަ މައްސަލަތަކާ ބެހޭގޮތުން އުފެއްދުންތެރި ގޮތަކަށް އެބޭފުޅުންގެ ހިޔާލު ހުށަހަޅާބައެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ސަރުކާރަށް އެކަނި މިފަދަ ކަންކަން ކުރިއަށް ނުގެންދެވޭނެކަމަށާއި، އެފަދަ ކަންކަން ކުރެވޭނީ އަމިއްލަ ޖަމްއިއްޔާ ޖަމާއަތް ތަކާއި އަމިއްލަ ރައްޔިތުންނާއި އާރޓިސްޓުންގެ އެއްބާރުލުން ލިބިގެންކަން ފާހަގަކުރައްވައި، މޯލްޑިވިއަން އާރޓިސްޓް ކޮމިޔުނިޓީ އިން ކުރައްވަމުން ގެންދަވަނީ ވަރަށްވެސް މުހިންމު ހިދުމަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފަންނުވެރިކަން ކުރިއެރުވުމަށް އަދި ފަންނުވެރިންގެ މަސައްކަތް ތައް ޕްރޮމޯޓް ކޮށް ދާއިރާ ފުޅާކުރުމަށް މޯލްޑިވިއަން އާރޓިސްޓް ކޮމިޔުނިޓީ އިން އިންތިޒާމުކޮށްގެން ބާއްވާ މައުރަޒުތައް ވަރައް މުހިނަމު ރޯލެއް އަދާކުރޭ" މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވިއެވެ.

މިނިސްޓްރީއިން ކުރިއަށްގެންދަން ބޭނުންވާ ފަންނުވެރިކަން ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދަނީ އާރޓިސްޓް ކޮމިޔުނިޓީންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަމިއްލަ ޖަމާއަތް ތަކުން ކުރާ މިފަދަ ކަންކަމަށް އަބަދުވެސް އެ މިނިސްޓްރީގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.

"އާރޓިސްޓުން ބިނާކުރުމުގެ ފުރުސަތު ހޯދައިދޭން އެބަޖެހޭ." މިނިސްޓަރ އިތުރަށް ވިދާޅުވިއެވެ.

ޔުމްނާގެ ވާހަކަ ފުޅުގައި އެޑިއުކޭޝަން މިނިސަޓްރ އައިޝްތު އަލީ އާ މުހާތަބުކުރައްވި، ވިދާޅުވީ ތައުލީމީ ދައުރުގައި ކުދިންގެ ކިބައިގައި ހުންނަ މިފަދަ ހުނަރުތައް ކުރިއަރުވަން މަސައްކަތް ކުރަން ޖެހޭ ކަމުގައެވެ.

އަދި މިފަދަ ކަންކަމުގައި ޒުވާނުންގެ ދައުރުގެ މުހިންމުކަން ޔޫތް މިނިސްޓަރ އަހުމަދް މަހުލޫފްއާ މުހާތަބުކުރައްވަމުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަހަރު ސެޕްޓެމްބަރު މަހު 22 ގައި ބާއްވާ ސާރކް އާރޓިސްޓް ކޭމްޕް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތައް ތައްޔާރުވަމުން އަންނަކަން މިނިސްޓަރ ގެ ވާހަކަ ނިންމަވާލައްވަމުން ވަނީ ފާހަގަކުރައްވާފައެވެ.

މި މައުރަޒުގައި އެޑިއުކޭޝަން މިނިސްޓަރ ގެ އިތުރުން ޔޫތް މިނިސްޓަރ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަައުރަޒުގައި 55 އާރޓިސްޓުންގެ މަސައްކަތް ފެނިގެން ގޮސްފައިވެއެވެ.

މިއީ މިގޮތައް ބާއްވާ 3 ވަނަ މައުރަޒެވެ.