އުމުރަށް ތިޔަ ނަމުގައި

އުމުރަށް ތިޔަ ނަމުގައި (6 ވަނަ ބައި)

(އޮކްޓޯބަރ 26 އާއި ގުޅޭ)

އަވަސް އަވަހަށް ފޯނު ނަގާ ރާނިޔާ ޒަކްވާން އަށް ގުޅިއެވެ. ހަމަ އެސިކުންތު ދޮރުގައި މީހަކު ޓަކި ދިނެވެ. އެއް އަތުން ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ލައިގެން ހުރި ޓީޝާޓް ތިރިއަށް ދަމާލުމަށްފަހު ދޮރު ހުޅުވާލިއެވެ. ރާނިޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަތުގައި އޮތް ފޯނުވެއްޓި ފައިގެ ބޮޑުވާ އިނގިލީގައި ޖެހުމުން ވީތަަދުން މަޑު އާހެއް އޭނާގެ އަނގައިން ބޭރުވި ނަމަވެސް ކުރިމަތީގައި ހުރީ އެއަށް ވުރެ ބޮޑު މުސީބާތެކެވެ. ދާޜިޔާ އެވެ.

.........

ދެދުވަސްފަހެވެ.

"މީދެން ކިހާ ދެރަކަމެއް އަހަރެން ބޭނުންވީމަ މިތަނުން ނުކެނޑެވޭއިރު، މިތަނުން މަސައްކަތް ހުހެއްނުވޭ މުސާރަ ކިތަންމެ ރަނގަޅަސް މީ މީހުން ލައްވާ މަސައްކަތް ކުރުވަން ޖެހޭގޮތްތަ. އެކަމަކު މިތަނަކުން މީހަކު ޝަކުވާ އެއް ކޮށްލާ އަޑެއްވެސް ނީވޭ އެއްމެންވެސް އެފެންނަނީ އެމީހެއްގެ މަސައްކަތައިގެން އުޅޭތަން. އަހަންނަކަށް ނުވާނެ. ދާންވީ ކޮފީ އެއް ބޯލަން" ކުރަންހުރި މަސައްކަތް ގިނަ ކަމުން ކުދި ކިޔަމުން ގޮސް ކޮފީ ކޮޓަރި އަށް ވަން އާރިޔާ އަށް އެރުނީ ޒައުލް އާ ޒަކްވާން ކުރިމައްޗަށެވެ.

އޭނާގެ ސިކުނޑީގައި ހުރި ޝަކުވާ ތަކައިގެން ކޮފީ މެޝިން ކައިރީ މަޑުކޮށްލިއިރުވެސް ދެންމެ ބޮސްގެ ކުރިމައްޗަށް އެރުނު ކަންވެސް އޭނާ އަށް އިހްސާސެއް ނުވެއެވެ. އެ މޫނުމަތީގައި ހުރީ ޝަކުވާގެ ކުލަވަރެވެ.

އެތަނުން ނިކުންނަން ދިޔަ ޒައުލް އާރިޔާ ފެނުމުން އެއްފަރާތަށް ޖެހި ހެވިފައި އިންގޮތުން ޒަކްވާން ގާތަށް ހިނިއައެވެ. މަޑުމަޑުން ޒައުލްގެ ކޮނޑުގައި ކޮށްޓާލުމަށްފަހު އާރިޔާ އަށް ގޮވާލިއެވެ.

"ދެން އެއްވެސް މީހަކު އަހަންނަށް ނޮގޮވާތި އައި ކާންޓް ޑޫ ދިޒް. އަހަރެން ވަރުބަލިވެއްޖެ, މިދެން މީހުން ލައްވާ މަސައްކަތް ކުރުވާގޮތްތަ. ކުންފުނީގެ އަހަރީ ދުވަސް ވީމަ ސްޓާފުންތަ ޖެހެނީ ހަނާވާން, އަދި އަހަރެންގެ ޕްރޮބޭޝަންވެސް ހަމަވީ އެއް ނޫން ދެން އަހަންނަށް ކީއްތަ, މީ ބޮޑުވަރު" ތަސްބީހަ ފައްޗެއް ކިޔާ ނިންމާލާހެން އެހެން ބުނެލުމަށްފަހު އާރިޔާ އެތަނުގައި ހުރި ގޮނޑިއެއްގައި އިށީންދެލިއެވެ.

އޭރުވެސް މީހާ ހުރީ ރުޅިން ދެބުމަ ގޮށްޖެހިފައެވެ. ޒަކްވާން އަށް މަޑަކުން ނުހުރެވުނެވެ. އޭނާގެ ހިނގަނޑު ފަޅައިގެން ދިޔައެވެ. "ތެދެކޭ ބްރޯ އަލަށް އަންނަ ކުދިން ލަައްވާ އެވަރަށް މަސައްކަތް ނުކުރުވާ"

ކިތަންމެ ހިނިއައިސްފައި ހުރި ނަމަވެސް ޒައުލްގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ޒައުލްގެ ހިތުގެ އޮއިވަރު ދެނެގަންނާކަށް ޒަކްވާން އަކަށް އުނދަގުލެއް ނުވިއެވެ. އޭނާ އެތަނުން ދާން ގަސްތުކުރީވެސް އެހެންވެއެވެ.

ބޮޑު ކުށްވެރިއެއް ފަދައިން އާރިޔާ ޒައުލް ކުރިމަތީގައި އިނީ ބުނާނެ އިތުރު އެއްޗެއް ނޭންގޭތީއެވެ. އޭނާ އަށް ލިބުނު ކުށްލި ސިހުމާއެކީ ސިކުނޑި ސުމަކަށް ދިޔައެވެ. މަޑު މަޑުން އިސްދަށަށް ޖަހާލީ ބޮޑު ކުށްވެރިއެއް ފަދައިންނެވެ.

"ޔޫ ކޭން ލީވް އިފް ޔޫ އާ ޓަޔާޑް, އެންޑް އައި އޭމް ރިއަލީ ސޮރީ, ޑޯންޓް ފޮގެޓް ޓުކަމް އަވާ އެނުއަލް ޕާޓީ, ތީވެސް މި ކުންފުނީގެ މުވައްޒަފެއް ނުން, ހާއްސަ މީހެއް ހުރިއްޔާ ގޮވައިގެން އަޔަސް އެއްމެ ރަނގަޅު, އެހާ މަސައްކަތް މިއަދު ބުރަވީ ފްރައިޑޭ ނައިޓް ގަ އެނުއަލް ޕާޓީ އޮތީމަ, ދެންދޭ އަވަހަށް ތިހެން ޝަކުވާ ކުރާތަން އެހެން މީހަކަށް ފެނުނިއްޔާ މޮޔަވެދާނެ" ނުހޭން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ޒައުލް އަށް މިފަހަރު ރަނގަޅަށް ހެވިއްޖެއެވެ.

ގަތްލަދުން އާރިޔާ އަށް އިތުރަށް އިސް ޖަހާލެވުނެވެ. އެހެނަސް އަބަދުހެން ހަރުކަށި މޫޑެއްގައި ފެންނަ ޒައުލްގެ އެހަރަކާތް އޭނާ އަށް ނިކަން ކަމުދިޔައެވެ. އެއްޗެކޭ ނުބުނެ ބޯން އުޅުނު ކޮފީތަށި ހިފައިގެން އެތަނުން ނިކުންނަން އާރިޔާ ހިނގައިގަތެވެ.

"އާ ޔޫ ލީވިން" ޒައުލް އެހެން އަހާލީ އިތުރަށް އާރިޔާ އާ ވާހަކަ ދައްކާލަން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ.

"އިފް ޔޫ ޑޯންޓް މައިންޑް ކޭން ޔޫ ކަމް ޓު މައި ރޫމް" އެހެން ބުނުމަށް ފަހު ކުޑަކޮށް ހުޅުވިފައި ހުރި ދޮރުން އާރިޔާގެ ގައިގައި ޖެހި ފިތޭހާ ކައިރިން ނިކުމެގެން ޒައުލް ދިޔައެވެ. އާރިޔާއަށް ހުރެވުނީ ކޮފީތަށީގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ޒައުލްގެ ގައިން އެދުވި ސެންޓު ވަހުން އެކަނިވެސް އޭނާގެ ވަރުބަލިވެފައިވާ ސިކުނޑިއަށް ދިރުމެއް ގެނެސް ދިނެވެ. މަޑުމަޑުން ޒައުލްގެ ފަހަތުން އޭނާ ދިޔައީ ހުވަފެނީ ހިޔާލުތަކެއްގެ ތެރެއަށް ގެއްލި ހުރެއެވެ.

* * * * * * * * * * * * *

އަމީނާގެ ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލާ ހިނގާލާ މާލިކުއަށް ހުރެވުނީ ޑޮކްޓަރުގެ ޖަވާބަކަށް އިންތިޒާރު ކުރެވޭލެއް ބޮޑު ކަމުންނެވެ. ހަމަޔަށް ހެޔޮ ހާލުގައި ހުރެފައި މަންމަ އަށް އެވާން ފެށިގޮތުން މާލިކު އެހުންނަނީ ވަރަށް ދެރަވެފައެވެ.

"އެ އުމުރަށް ދިޔައިމަ ދެން ބަލިވެސް ވާނެ, ގަސްގަހުގެ ފަތްތައް ދޮންވެ ވެއްޓޭހެން މީހުންގެ ދިރިއުޅުމަށްވެސް އެބަދަލު އަންނާނެ, މާލިކު ތިހާ ބޮޑަށް ފިކުރު ކުރަނިކޮށް ބަލިވެ ދާނެ, އަން މި ޖޫސްތަށި ބޯލާ" ދާރިޔާގެ އެ ޖުމްލަތައް މާލިކުއަށް އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. އޭނާގެ ނަޒަރު ހުރީ ފަންސާހުން މައްޗަށް ގޮސްފައިވާ އޭނާގެ މަންމަގެ މޫނަށެވެ.

ޖޫސްތަށި ހިފައިގެން ހުރި ދާރިޔާ ކުއްލި އަކަށް ކަމެއް ހަނދާންވީހެން ޖޫސްތަށި އެތަނުގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ބަހައްޓާފައި ކޮޓަރިން ބޭރަށް ނިކުތެވެ.

"ކޮބާ އަހަރެން ބުނި މައުލޫމާތު ހޯދިއްޖެތަ؟ ވަޒީފާ ބޭނުމިއްޔާ އަހަރެން ބުނި ކަންތައް ރަނގަޅަށް ކުރާތި ނޫނީ ކިޔެވުން ދޫކޮށްލާފައި ފޮށިތަންމަތި ހިފައިގެން ފުރަން ޖެހިދާނެ, ދާއިރު ދާން ޖެހޭނީ މިތަނަށް އައިއިރު ގެނައި އެއްޗެއް އެކަނި، ފައިން ދޮންވެލި ނުހިކި އުޅެފަ ކުއްލި އަކަށް އައިސް މިކަހަލަ ތަނަކަށް ފުންމާލީމަ ވާނީ ތިހެން, ކަމެއް ހާސިލް ކުރަން ބޭނުމިއްޔާ އަހަރެން ބުނި ގޮތަށް ކަންތައް ކުރޭ, އަދި އެއްވާހަކަ, ލޯމަރާލާފައި ޒަކްވާންގެ މަތިންވެސް ހަނދާން ނައްތާލާ, ޓީވީ ކުރިމަތީގަ މީހުނަށް މާ ހުޝިޔާރުހެން ހީވިޔަސް ކަމަނާގެ އަނދިރި ފަރާތް ފެންނަ މީހަކު ބަލާވެސް ނުލާނެ, ހަނދާން ކުރާތި އަހަރެންގެ ނަމަކީ ދާރިޔާ ކަން" ފޯނު ބޭއްވި އިރު ރާނިޔާ އަށް ހުރީ ރަނގަޅަށްވެސް ރޮވިފައެވެ.

ތެދެކެވެ. ފައިން ދޮންވެލި ނުހިކި ރަށުގައި އުޅެފައި މިކަހަލަ މީހުން ތޮއްޖެހިފައި އޮތް ތާކަށް އައިސް އުޅޭކަށް އަދިވެސް އޭނާ އަކަށް ނޭނގެއެވެ. މަންމަ ދުނިޔޭގައި ނެތް އިރު ބައްޕައަކީ އަހަރަކު އެއްފަހަރުވެސް އޭނާ އަށް ލޮލަށް ފެންނަ މީހެއް ނޫނެވެ. ބޮޑު ދައިތަގެ ގޭގައި ނޯކިރީ ކުރަން ނުޖެހުނަސް އޭނާ އަށް އެގޭން ލިބޭ އަނިޔާވެސް ވަކި ކުޑަ އެއް ނޫނެވެ.

ދަންވަރަށް ބޮޑުދައިތަގެ މުނިފޫހި ފުލިވައިދޭން އަންނަ މީހުނަށް މެހެމާންދާރީ އަދާކުރުމަކީ އެގޭގައި އޭނާ އަށް ކުރަން ޖެހޭ މަސައްކަތެވެ. އެމީހުނަށް ކޮފީ ގިރާ ދިނުމާއި, ދުފަން ތައްޔާރުކޮށްދީ އެމީހުން އެ ދައްކާ ފީއެއްގައި ހިފާ އެފައިސާ ހިސާބު ކުރުމަކީ އޭނާއަށް ބޯހިޔާވަހިކަމާއި ހައިހޫނުކަން ފިލުވަން ހޯދަން ކުރަން ޖެހޭ މަސައްކަތެވެ. ދަންވަރުގެ ހަމަ ހިމޭން ވަގުތު ރޭގަނޑުގެ ނިދިން މަހުރޫމުވެ ބިރުވެރި ކަމެއްގެ ތެރޭގައި އޭނާ ނުނިދާ ހޭދަކުރި ރޭތައް އަދިވެސް ރާނިޔާ ހިތަކުން ނުފިލައެވެ.

"ތެދެކެވެ. އަހަރެންގެ އަނދިރި ފަރާތެއް ވެއެވެ. އަހެރެންގެ ކަޅު އަނދިރި ފަރާތެއް ވެއެވެ." ރާނިޔާ އަށް ބާރަށް ދެލޯ މަރާލެވުނެވެ.

(ނުނިމޭ)