މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 26

އަބްދުﷲ ފާރޫގް ހަސަން

ކުދީން ނިންދެވުން

(30 ޖުލައި ގެ އަދަދާ ގުޅޭ)

ޒަމާން ބަދަލުވަމުންދާ ދިޔުމުގައި ރާއްޖޭގައިވެސް މިހާރުވަނީ އުނދޯލީގައިތިބެ ނާނަނާއާއި ބަންޖާއި އުނދޯލިމަތީގައި ރައިވަރު ކިޔައިގެން ކުދީން ނިންދެވުމުގެ އާދަ އަޅުގަނޑުމެންނާ އަލްވަދާޢު ކިޔާފައޭ ދެންނެވިދާނެއެވެ. ނަމަވެސް އިހުޒަމާނުގައި ރާއްޖޭގެ އަންހެނުން ކުދީން ނިންދަވައިއުޅުނީ އުނދޯލީގައިތިބެ ބަންޖާއި އެކިއެކި ނާނާއާއި އުނދޯލިމަތީ ރައިވަރު ކިޔައިގެންނެވެ. އަޅުގަނޑުމެންގެ އަޚުން ކަމުގައިވާ މަލިކުމީހުންގެ ތެރޭގައިވެސް އިހުގައި އެކަން އޮތީ ހަމައެގޮތަށެވެ. ރާއްޖެއާ އެއްވެސް ތަފާތެއްނެތެވެ. އެދުވަސްވަރު މަލިކުމީހުން ދަރީން ނިންދެވުމަށް ކިޔައިއުޅުނު ބަނދިތަކަށް ވިސްނާލިޔަސް މަލިކަކީ ދިވެހިރާއްޖެއާ ވަކިނުކުރެވޭނެ ރާއްޖޭގެ ބައެއްކަމާއި، މަލިކުމީހުންނަކީ ދިވެހީންކަން އޮޅުމެއްނެތި ސާބިތުވެއެވެ. އާދެ، މިދެބައިމީހުންނަކީ އެއް އިޙްސާސްތަކަކާއި، އެއް ޝުޢޫރުތަކެއް، އެއްގޮތަކަށް ޙިއްޞާކުރި ބަޔެއްކަން އޮޅުމެއްނެތި ބަޔާންވެއެވެ. އެޝުޢޫރުތައް ފާޅުކޮށް އުޅުނީ އެއް ބަސްތަކަކުންކަން އެނގި ހާމަވެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ބަންޖަކީ ދިވެހި ޅެމުގެ އެންމެ މުސްކުޅި ބާވަތެވެ.

އިންސާނީ އެއްބައެއްވަންތަކަން ސާބިތުކުރުމަށްޓަކައި ޅެމުގެ މުސްކުޅި ލިޓްރޭޗަރގެ އަހަންމިއްޔަތަކީ އިންސާނީ ޢިލްމުތަކާ ބެހޭގޮތުން ޚިޔާލުކުރެއްވޭ އެއްވެސް ބޭފުޅަކަށް ވަންހަނާވެފައިވާނޭ ކަމެއް ނޫނެވެ. އެހެންކަމުން އަޅުގަނޑު މަލިކުމީހުންގެ އާދަކާދަޔާ ބެހޭގޮތުން ލިޔަމުން މިގެންދާ ސިލްސިލާގައި ދެން އަލިއަޅުވައިލާން ގަސްތުކުރަނީ މަލިކުމީހުން ދަރީން ނިންދެވުމަށް އުނދޯލިމަތީގައި ކިޔައިއުޅުނު ބައެއް ބަނދިތަކުގެ މައްޗަށެވެ.

1. ދާންދާން ދާންވެގެން
ހައްދުންމަތި ދާން ވެގެން
ތިލަދުންމަތި ދާން ވެގެން
ތާންތާން ތާރަވެރިން
ހެއްމަ ހެއްމަ ރާޅުވެރިން
މޫދުގައިހުރި ދެރާވެރިން
ކައިފޫ ވޯ ބޮއިފޫ ވޯ
އުނދުޅި ބިތުގަ ލައިފޫ ވޯ
ނާށި ގޮނަށް ލައިފޫ ވޯ
ތައް ކުޅަނދުރު ބޯ މައްތިން
އުމަރު ބަނޑުކޮ ޓޮސްވެ މަގާ
ބަނޑު އޮޑިއާނަން ނަދުރަކު ބުންޏޭ

2. ދާންދާން ދާންވެގެން
ހައްދުންމަތި ދާންވެގެން
ތިލަދުންމަތި ދާންވެގެން
އުނގު ބަންނަން ފިޔޮހިނެތޯ
އެފިޔޮހިގަނޑު ލާންގޮތަކު
އައިއްޔާއީ ނައިއްޔާއީ
މަދޭނަމޭ އަހުގައްޔޭ ބަހުގައްޔޭ
އެދުރުއީސަ ބަހުގައްޔޭ
ކައިފާނޭ ބޮއިފާނޭ
ކޮންރަށަކަށްދާން ބެންދި ނަވެއްތޯ
ކޮންއެއްޗެއް އަރުވަމުތޯ
ހީމަބީމަ އަރުވައިގެން ހުރެދަނިކޮށް
ފާތުމަބީ ނަގުލަންދާށި ތިރިވަޑިޔާ
އޭ ދެނެގެން ބޭ ދެނެގެން
ދިޔާހަކުރު ބާގަ ދިނޯ
ކަރުހަކުރު ދޮޅިއްސަ ދިނޯ
ވަޅޯމަހުން ގަނޑެއް ދިނޯ
ބަލައިލިތާ އިރެއް ނެތޭ
އިރުހުއްޓޭ ބިރުހުއްޓޭ
ދާދި ކޮކާ އަވިކޮޅެކޯ
ފުޅައްމަތިން ތިއްކަރެކޯ
ގަނޑުވަރުދޮށު ނޮޔަށް ދަމާލީމައި
ދޭތި ދެތާ ވަޅުލައިފައި
ހިނެވިންފައި ބިނެވިންފައި
ދަށުން ހިނގައި ބާސް ކިރައި ބޮނޑި ބަންދައި
އަވަދިވެގެން ބަވަދި ވެގެން
ދިރުނބާކޮޅު ހޭވަތުގައި
އަތްލާނޭ ވަތެއްނެތޯ ފައިލާނޭ ވަތެއްނެތޯ
ކުންޏަށްދިޔަ އަންހެނުންނޯ
މުޅަކަށިކެޔޮ ބިނދެބިނދެގެން
އަރާއިރަށް ދެތަށިއަރައި ދުނިޔެބަލައި
ކާފަރުތަކުނޭ ރިޔައުކަފުނޭ
ކޮންމެފަތިހަކު ކޮންމެ ހެނދުނަކު
ބުޅިތުންބަގެ ގޯއްޗަށް
ރަވަރަވަބާނަން ދާންޑަ އަޅޭ
އިރުވަރަކައި ބިރުވަކަރައި
ހަންދަލަކުން ބޯނާ ޑޯޑު
ޑުންގެމަގުން އޮށިބިނދެގެން
ކޮށާރުތެރެ ވަދެ މިއޮތީ
ކާކުހޭ؟ ބަފާމަޔޭ

3. ކޯޑިކޮޅު ކަށިގަނޑެއްގަ
ކީރިދައިތަ މަސްބައިބައި
މަލާފަތެއް ބޮލު އަރުވައި
ފެންކޫޒެއް އަތުލައިގެން
ތިމަން ކަލެއް ފޭބިފަހުން
ކާން އިއްތި ދޮންކަމަނާ
ކައިފޫވޯ ބޮއިފޫވޯ
ނާށި ގޮނަށް ލައިފޫވޯ
އުނދުޅި ބިތުގަ ލައިފޫވޯ
ދުވަމުންގޮސް ވެރެމުންގޮސް
ދިވެހިއަރާ ރާއްޖޭގެ ނިޔަމިފޮތްކޮޅެއް ގަނެގެން
ކޯފި ކޯފި ޖެހޭތީވެ
ނާފިތިއްޖެ ދެލޯ ޔޯ
އެރުވި މިރުސް ވަށަފަރޯ
ޙަސަން ރަސްގެ އަލިދެލޮލަށް ދެއްވި
ރަންމަޑިތިލަ އެއްތެއުގަނޑު
ޖަހަނި ނަގަނި ހިފަނި ތަންމަތިބޮނޑި
ބޯލަ މަސްކަނޑާ ކަތިވަޅި
ތުއްކޮ މަރަން ތުއްކަތުވަޅި

4. އޭސިލުނބޭ މީސިލުނބޭ
ރުކަށްއަރަން ގަތް ސިލުނބޭ
ދުރުނބާޔަށް ލޯ ސިލުނބޭ
ކޮޅުފަހަށް ދަގަނޑު ސިލުނބޭ
ރަންމެ ރަންމެ ރަން އެދެއްގަ
ރަން ކަންނެޔޮ ލައިފައްޔޯ
ރަން އުރައިން ފަހައިފައްޔޯ
ގުޑިޔާބާ ނިންދައްޔޯ
ފިރިހެންކޮޅު ދޮއްވައްޔޯ
ރިޔައުފެހީ ހަދުވަހުނޯ
ކުނބުނެގީ ބާރައިންނޯ
އަތުން ދަނޑި ކޮތާކުތަކޯ
ފައިން ދަނޑި ކޮތާކުތަކޯ
ހޫނު ކަހަފަތި ކަޅުކަހަފަތި
އެބިންދަމާ ރުއްމަގުނޯ
މިބިންދަމާ ރުއްމަގުނޯ
ތަކުރު ގޯއްޗަށް އެއްރިނދަފޫ
ނުނިދިއްޔަކާ ބަންޑާރައެއް ނުދޭނެޔޯ

5. އަތިރިމަތީ ކުދިރުއް ތެރެ
އެތް ހިނދިހިނދި ރާހިނދިހިނދި
އެންމެ ގެނައި ރާބައްޖެއް
ދެދަރި ތެދުވެ ބޮއިލައްޕޯ
އެގަތްލަދުން މިގަތްލަދުން ދުވެފައިގޮސް
ތޭވަރާތު މަގު ގެޔަށޯ
ނާކަ ކެޔަސް ހޭނާރައި
ބުޅާ ކެޔަސް ހޭނާރައި
މަސްއޮޑިޔަކު ތިން ޅަކުދިން
ދޯނިގެނެސް އަވަށަށްލައި
ރާވެރިޔަކު ފިންދަނޑިކޮޅު
މައުގަނޑުކޮޅު ބަދީގެކޮޅު
އުނގުޅިގަތީ ކޮން ނަޖިހެއްހޭ
ފާނާދާ އޮރި މަހެއްތަ
ބޯދަށަށް ލިބުނު ފައްޗެއް
ބުނެފައި ދިޔަ ނަސޭހަތެއް
ޔަން ބަނދެފޫ ދެރިޔަނުގާ
ވިއްކަތޭ އުޔަށް ކަފަޔަށް
ދަރިނުހުރެ މަޔަށް ބަފަޔަށް
އޮތް އޮޅުއޮތް ނަގޫ ދަމައި
ނަގުލުން ވޭ ބޯ މަތުރައި
ހޭނަކަތްވެރިން މެދުގައި
އެކަމެއް ނޯ މިކަމެއް ނޯ
ބިބީ ގޮސް ހުރެ ބަލާނދޭ
އޭނާ އެރުވި ތަނަށް މާ
ރިޔަން ކަންދޭން އާއިމާ...

6. ދޫނިފުޅޭ ދޫނިފުޅޭ
ދޫނިފުޅުގެ ތިން މައިނޭ
ރޭގަނޑަށް ނައުދަށު ނިދައި ކައި
ދުވާލަށް ފަރުހިލައި ކައި
އިރަކު ހަނާޅި ގޮދަން ކައި
އަދި އޭތި މަދުކަމަށް ލައި
ބޭރުން އުކުނޑި ބުކުނޑި ހޮވައިކައި
ވެލިކުލައިގެ ދައްކާން މާ
ދޫނިފުޅު ބާނި ނަށަމާ

7. އާނާނޭ އާނާނޭ މިދަރިބައްޕަ އާނާނޭ
އައިސްފައި ގޮވާލާނޭ
ދަރިފު އުރައި ގަންނާނޭ
ދެއަތަށް ދެލުނބޯ ދޭނޭ
ލުނބޯ މަދުވެ ނިހިފާނޭ
ލުނބޯގަސްދޮށަށް ދާނޭ
ދޮންވެ ލުނބޯ އަޅުވާނޭ
ރޯވެ ލުނބޯ އުފުރާނޭ
އުފުރުމަކުން ސަނދުބަލަޔޯ
އެކޮއްޓަށް ނުވަންނަން ކޯ
މިކޮއްޓަށް ނުވަންނަން ކޯ
ކޮޅުކޮށްޓަށް ވަންނަން ކޯ
އިނގިލި ކަނޑައި ބަންނަން ކޯ
ކެލާ ފެނުން ދޮންނަން ކޯ
ނައުދޮށު އޮތް ލޮންޗި ވަކެއް
އަރައި ކުނބުކުރީ އޮވެގެން
އަރަބިކަރާ ހީވެ ރޮނީޔޯ


8. މިދަރި ބައްޕަ އާނާނޭ
އާނަ އިރުން ގެންނާނޭ
ދޮންކުސަބަރި ގެންނާނޭ
ގެނެސްފައި ގޮވާލާނޭ
ދަރިފުޅޯ ގޮވައިލާނޭ
ދަރިފުޅު އުރައިގަންނާނޭ
ދެއަތަށް ދެލުނބޯ ދޭނޭ
ލުނބޯ މަދުވެ ނުހިފާނޭ
ލުނބޯގަސްދޮށަށް ދާނޭ
ދޮންވެ ލުނބޯ އަޅުވާނޭ
ރޯވެ ލުނބޯ އުފުރާނޭ
އުފުރުމަކުން ސަނދުބަލަޔޯ
ވަޅުދޮށު އޮތް ގައުމައްޗަށް
ފުންމައިގެންގޮސް އެރި ދަރިފޫ
މިހިރީ އަފާ ހެޔޮ ދަރިފޫ


9. ބޯއް ބޯއް ބޮއްތަލާ
ދެފަނިކާ ފެން ބޮކާ
އޮޑިވަތު ދިޔަ ހިއްކައިގެން
ބޯލަ ގެނައި މަސްފޮއްޗެއް
ބޯލަޔަށް ނުދީ ކައިގެން
ބޯލަ ހޯދަން އަރައިއަރައި ބަން

މީގެތެރެއިން ބައެއް ބަނދިތަކަކީ މަލިކުގެ އިތުރަށް ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައިވެސް ބޭނުންކުރާ ބަނދިތަކެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ "ބޯއްބޯއް ބޮއްތަލާ" ފަދަ ބަނދިތަކަކީ ދިވެހީންގެ އެންމެންހެން ދަންނަ ބަނދިތަކެވެ. ދެން ހުރީ މަލިކުގެ ޝާޢިރުންގެ އުފެއްދުންތަކެވެ. މިދެބައިމެ ފެތިފައިހުރީ އެއްހަމަތަކަކަށެވެ. އެއްވެސް ތަފާތެއްނެތެވެ.

(ނުނިމޭ)