ދުނިޔެ

ބެންކޮކްގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ފަތޯނާ ފާއިޒު

ބެންކޮކްގެ އެކި ސަރަހައްދުތަކަށް މިއަދު ހެނދުނު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ދެ މީހަކު ހައްރަރުކޮށްފިއެވެ.

އެކަން ކަށަވަރު ކޮށްދެއްވާ ތައިލެންޑުގެ ފުލުހުންގެ ހެޑްކުއާޓަރސްގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެގައުމުގެ ބޮޑުވަޒީރު ޕްރަޔޫތު ޗަނޯޗާ ވިދާޅުވީ، ހަމަލާތައް ދިން ކަމަށް ޝައްކު ކުރެވޭ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބެންކޮކްގެ ތިން ސަރަހައްދެއްގައި މިއަދު ވަނީ ހަ ބޮން ގޮއްވާލައިފައެވެ. އަދި ގޮއްވާލަން އުޅުނު އިތުރު ބޮމެއް، އެ ބޮން ގޮވުމުގެ ކުރިން ވަނީ ޑިފިއުސް ކޮށްފައެވެ. އެހަމަލާތަކާ ގުޅިގެން ހަތަރު މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ބެންކޮކްގައި ބޮމުގެ ހަމަލާތަކެއް ދީފައި މިވަނީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާ ސަލާމަތާ ގުޅޭ ސަމިޓެއް އެ ސިޓީގައި ބާއްވަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވެސް މިވަގުތު ހުންނެވީ ބެންކޮކްގައެވެ. މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ ޗައިނާ އަދި ރަޝިއާގެ މަންދޫބުން ވެސް އެސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ބެންކޮކަށް ވަނީ ވަޑައިގެންފައެވެ. ނަމަވެސް މިއަދުގެ ބޮމުގެ ހަމަލާތައް ދީފައިވަނީ ސަމިޓް ބާއްވާ ތަނާ ދުރުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.