އާދަކާދަ އާއި ސަގާފަތް

މުޅި ޓްވިޓަރުގައި #ލިބާސްއީދު، ދިވެހި ހެދުމުން ހިތްތައް ފަތަހަކޮށްފި

މަރިޔަމް ޝަހުދާ

މިއަހަރުގެ މިނިވަން ދުވަހު ސޯޝަލް މީޑިއާ ފެނުނީ މުޅިން ތަފާތު ކޮށެވެ. ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް ނެތް ގޮތަށް މުޅި ދިވެހި ޓުވިޓަރުގައި އޮތީ ދިވެހި ހެދުމެވެ. ލިބާހާއި ދިގު ހެދުމެވެ. މުންޑާއި ފޭއްޔެވެ. އެކަހަލަ ހެދުންތައް ލައިގެން އުޅުނު ޅަދުވަސްތަކުންނެވެ. ނުވަތަ އެ ހެދުން ލައި އުޅުނު ކޮންމެވެސް މީހެއްގެ ހަނދާންތަކެވެ.

މިއީ މި ފަހުން އެންމެ ހިންގާލި އެއް ހަރަކާތް ލިބާސްސައްބީސްއަށް ޓުވިޓަރަށް އެރި ފޯރިގަނޑެކެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ އަތުގައި އޮތް ލިބާހެއް ނުވަތަ މުންޑެއް ވިޔަސް އަނދެ ފޮޓޯ ނަގައި ލިބާސްސައްބީސް ހޭޝްޓެގް ޖަހައި ޓުވިޓާއަށް ދޫކޮށްލިއެވެ. ކުރިން ދިވެހިން އެޅި ނަލަ ހެދުން އަދުގެ ޖީލަށް ރީތިވެގެންދިޔައެވެ.

ލިބާސްސައްބީސްގެ ފޯރި ނުކެނޑިގެން އުޅެނިކޮށް އެ ފޯރި އިތުރަށް ވައިގައި ހިފާލީ #ލިބާސްއީދު ހަރަކާތުންނެވެ.

#ލިބާސްއީދު އަކީ ވެސް އައިޝަތު ސަނާޔާ ޝިމްރީ އަދި މަރްޔަމް ރިފްގާގެ އިސްނެގުމާއެކު އުފެދުނު ލިބާސް މޫވްމަންޓްގެ ހަރަކާތެކެވެ. ދިވެހި ސަގާފީ ބޮޑު އީދުގައި ދިވެހި ސަގާފީ ހެދުމުގެ ކުލަވަރު ވެސް ގަދަކުރުމަށް ފެށި އެ ހަރަކާތް ވެސް އެންމެފަހުން ދިވެހި ޓުވިޓަރު ފަތަހަކުރިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީހުން އީދު ފާހަގަކުރި ގޮތާއެކު ދިވެހި ހެދުންތަކުގައި މީހުން ދިޔައީ ފޮޓޯތައް ނަގައި ޓުވިޓާއަށް ދޫކުރަމުންނެވެ. މާލެ އަދި ހުޅުމާލޭގައި އެ ހަރަކާތް އިސްތިސްނާއެއް ނުވިއެވެ.

އެގޮތުން މާލޭ ރަސްފަންނު ސަރަހައްދުގައި ބޭއްވި ލިބާސްއީދުގެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، ހުޅުމާލޭގައި އެ ހަރަކާތް ފެނުނީ މުޅިން ތަފާތު ކޮށެވެ. ހުޅުމާލޭ ސްކޭޓް ކުރާ ސަރަހައްދުގައި ސްކޭޓްކުރާ ޒުވާނުންތިބީ ސަގާފީ ހެދުމުގައެވެ.

ސްކޭޓް ބޯޑިންގް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ލިބާސް ލައިގެން ނުވަތަ މުންޑު އަނދެން ޒުވާނުންނާއި ކުޑަކުދިން އެތަނުގައި ސްކޭޓްކުރީ ފަރިތަކަމާއެކުއެވެ. ދައްކައިދިނީ ދިވެހި ސަގާފީ ހެދުމުގައި ކޮންމެ ކަމެއްވެސް ވާނެކަމެވެ. އާންމުންނަށް އެކަން ވެގެންދިޔައީ ވެސް ތަފާތު ކަމަކަށް ކަމުން ލިބުނު ތަރުހީބު ވެސް ބޮޑެވެ.

ކޮންމެއަކަސް، ލިބާސްސައްބީސް އާއި ލިބާސްއީދާއެކު ސަނާޔާ އާއި ރިފްގާގެ ބޭނުން ހާސިލް ވެއްޖެއެވެ. ދިވެހި ހެދުމަށް އަދުގެ ޒުވާނުންގެ މެދުގައި ލޯބި ޖައްސައިފިއެވެ. ގިނަ ޒުވާނުންނަށް ލަދަކަށްވި ކަމެއް ފެޝަނަކަށްވެ ސަޅި ވެއްޖެއެވެ.

ދެ ހަރަކާތަށްފަހު ދެން ކަމެއް ނެތް؟

ދެ ހަރަކާތުގެ މޭސްތިރިން ކަމަށްވާ ރިފްގާ އާއި ސަނާޔާ ވެސް ހުރީ ލިބާހުގެ ކުޅި ނިންމާ ނިޔަތެއްގައެއް ނޫނެވެ. އެ ހަރަކާތްދާނީ ކުރިއަށެވެ. އީދަށްފަހު ވަކި ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ހިޔާލެއް އަދި ނެތެވެ.

ނަމަވެސް އެ މީހުންގެ އުއްމީދަކީ ލިބާސް މޫމްމަންޓްގެ ހަރަކާތެއް އަހަރަކު އެއް ފަހަރު ނަމަވެސް ކުރިއަށް ގެންދިއުމެވެ. އެމީހުންގެ އެދުމަކީ ލިބާހަށް އޮތް ލޯތްބާއި ލިބާހާއި ގުޅޭގޮތުން ލިބޭ މައުލޫމާތުތައް ހިއްސާކުރުމެވެ.

"އުއްމީދު ކުރަނީ ލިބާސް މޫވްމަންޓްގެ އެހީގައި ގިނަ ބަޔަކު ލިބާސް ލުމަށް ޝައުގުވެރިކަން އުފައްދާ އެކަމަށް މީހުންނަށް އެއްބާރުލުން ދިނުމުގައި ހުންނަން. ކޮންމެ ފަހަރަކު ހޭޝްޓެގެއް ނެހެދި ނަމަވެސް ކޮންމެ މީހަކު އަމިއްލައަށް ބޭނުންވެގެން ގައުމީ ހެދުން ލުމަށް ހިޔާރު ކުރަން ބޭނުމީ. ލިބާސް މޫވްމަންޓް އިން ސޯޝަލް މީޑިއާ ބޭނުންކޮށްގެން ދިވެހިންގެ ހިތުގައި ދިވެހި ހެދުމަށް ކުރިން ދެވިފައިވާ ލޯބި އަނބުރާ ގެނައުން ބޭނުމަކީ. އުއްމީދަކީ މި މަސައްކަތާއެކު ހެރިޓޭޖް މިނިސްޓްރީއާއެކު މަސައްކަތް ކުރުން''

މި އީދާއެކު ލިބާސްއީދުގެ ފޯރި ޓުވިޓަރުގައި އަދިވެސް ކުރިއަށްދާއިރު، އެ ހަރަކާތުގެ ފޮޓޯތައް ވެސް ބަލައި ފޫހި ނުވެއެވެ. އެހާމެ ރީތިވެފައި ނަލައެވެ.