ދ. މާއެނބޫދޫ

ދ. މާއެނބޫދޫ ކައުންސިލުގެ ރައީސް ކަމަށް ސިރާޖު އިންތިހާބުކޮށްފި

ދ. މާއެނބޫދޫ ކައުންސިލްގެ ރައީސް ކަމަށް، ކައުންސިލު މެންބަރު ކަމުގެ މަގާމުގައި މިހާތަނަށް ހުންނެވި އިބްރާހީމް ސިރާޖް އިންތިހާބުކޮށްފި އެވެ.

މާއެނބޫދޫ ކައުންސިލުގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރީން ހުންނެވި އަހުމަދު ފިކުރީ މިދިޔަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ފިކުރީ އިސްތިއުފާދެއްވުމުން މިއަދާ ހަމަޔަށް އެ ކައުންސިލު ހިންގެވުމާ ހަވާލުވެ ހުންނެވީ ނައިބު ރައީސާ ހިލްމާ އަބްދުﷲ ޚަލީލު އެވެ.

ކައުންސިލުގެ ރައީސްކަމުގެ މަގާމަށް، ބޭފުޅަކު އިންތިހާބުކުރުމަށް ޓަކައި މިއަދު ހެނދުނު ވަނީ ސިއްރު ވޯޓެއް ނަގައިފަ އެވެ. މި ވޯޓު ލުން އޮތީ ކައުންސިލުގެ އިދާރާގަ އެވެ. ތިން ކައުންސިލަރުންގެ މެދުގައި ނެގި މި ސިއްރު ވޯޓުގައި ސިރާޖް ކައުންސިލުގެ ރައީސް ކަމަށް އިންތިހާބު ކުރުމަށް، ސިރާޖު ވެސް ހިމެނޭ ގޮތުން ހުރިހާ ކައުންސިލަރުން ވަނީ އިއްތިފާގުވެވަޑައިގެންފަ އެވެ.

މާއެނބޫދޫ ކައުންސިލުގެ ކުރީގެ ރައީސް، އަހުމަދު ފިކުރީ މަގާމުން އިސްތިއުފާދެއްވީ، ރައީސް ކަމުގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރެވޭނެ ފަދަ މާހައުލެއް ކައުންސިލް އިދާރާގައި ގާއިމުވެފައި ނެތް ކަމަށް ވިދާޅުވެ ކަމަށް "ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވެ އެވެ. މީގެ އިތުރުން، ދެން ތިއްބެވި ކައުންސިލަރުންނަށް ކައުންސިލްގެ ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވުމަކީ ވެސް ފިކުރީ އިސްތިއުފާދެއްވުމުގެ އެއް ސަބަބު ކަމަށް ފިކުރީ ވިދާޅުވި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މާއެނބޫދޫ ކައުންސިލް މި ހިނގާ ދައުރަށް އިންތިހާބުވުމަށް ފަހު އެންމެ ފުރަތަމަ ރައީސް ކަމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި ވެސް އެ މަގާމަށް ސިރާޖު ކުރިމަތިލެއްވި އެވެ. އެހެން ނަމަވެސް ދެން ތިއްބެވި ދެ މެންބަރުން ކަމަށްވާ އަހުމަދު ފިކުރީ އާއި ހިލްމާ އަބްދުﷲ ހަލީލުގެ ވޯޓާ އެކު ރައީސް ކަމަށް އިންތިހާބުވީ އަހުމަދު ފިކުރީ އެވެ. ރައީސް ކަމަށް ހޮވިވަޑައި ނުގަތުމުން ނައިބު ރައީސް ކަމަށް ވެސް ސިރާޖު އޭރު ކުރިމަތިލެއްވި އެވެ. އެކަމަކު ނައިބު ރައީސްކަމުގެ މަގާމު އަހުމަދު ފިކުރީ އާއި ހިލްމާ އަބްދުﷲ ހަލީލުގެ ވޯޓާ އެކު ލިބިވަޑައިގެންނެވީ ހިލްމާ އަށެވެ. މި ފަހަރު ސިރާޖު ރައީސް ކަމަށް މި ހޮވިވަޑައިގެންނެވީ އޭނާގެ އަމިއްލަ ވޯޓުގެ އިތުރުން ހިލްމާ އާއި ފިކުރީގެ ވޯޓު ވެސް ހޯއްދަވައިގެންނެވެ.

މާއެނބޫދޫ ކައުންސިލުގެ މެންބަރުންގެ ތެރެއިން އަހުމަދު ފިކުރީ އިންތިހާބަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ޓިކެޓުގަ އެވެ. ސިރާޖު އަދި ހިލްމާ ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.