ކޮލަމް

މަދީނާގެ އިސްލާމީ ދައުލަތުން ކުރިމަތިލާން ޖެހުނު އެންމެ މުހިންމު ތިން މައްސަލަ - 1

އަބްދުﷲ ފާރޫގް ހަސަން

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު އިސްލާމީ ތަހްރީކުގެ މަރުކަޒަކީ މަދީނާ ކަމުގައި ހަމަޖެއްސެވިއެވެ. މަދީނާގައި އިސްލާމީ ދައުލަތެއް ޤާއިމުކުރެއްވިއެވެ. މަދީނާގެ ވެށިއޮތްގޮތުން އެކަމާގުޅިގެން މައްސަލަތަކެއް އުފެދުމަކީ ޠަބީއީކަމެކެވެ. ނުވެނުދާނެކަމެކެވެ. އެދުވަސްވަރު އިސްލާމީ ދައުލަތާ ކުރިމަތިވަމުންދިޔަ މައްސަލަތަކުގެ ތެރެއިން ކޮންމެ މައްސަލައަކީ ވެސް ހަމައެކަނި މަތިމަތީން ނަޒަަރު ހިންގައިލެއްވުމަށްފަހު ދޫކޮށްލެއްވޭ ކަހަލަ މައްސަލައެއް ނޫނެވެ. އާދޭހެވެ. އެއިން ކޮންމެ ކަމަކީވެސް މުސްތަޤިއްލު ހައްލެއް ބޭނުންވާ ކަމެކެވެ. އޭގެތެރެއިން ވަކިން މުހިންމު ތިން މައްސަލައެއް ޚާއްސަ އިސްކަމެއް ދެއްވައިގެން ހައްލު ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެތިން މައްސަަލަޔަށް ހޯއްދެވި ހައްލުތަކަކީ އިންސާނީ ބުއްދިތައް ހައިރާންވާފަދަ ފުރިހަމަ ހައްލުތަކެކެވެ. އެތިން މައްސަލަޔަކީ:

1. މުހާޖިރުން މަދީނާގައި ވަޒަންވެރި ކުރެއްވުމާއި އެބޭކަލުންނާއި އިސްލާމީ ދައުލަތުގެ މައީޝީ މައްސަލަ ހަމަޖެއްސެވުން.

2.ސިޔާސީ އަދި އަސްކަރީ މައްސަލަ (މައްކާ އާއި މަދީނާގައި ތިބި އިސްލާމީ ތަހްރީކުގެ ދުޝްމިނުންގެ ޢުދުވާނީ ހަމަލާތަކުން މުސްލިމުންނާއި، އިސްލާމީ ދައުލަތް ޙިމާޔަތްކުރެއްވުމާއި، ދައުލަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމުގެ މައްސަކަ)

3.ޡަޤާފީ މައްސަލަތައް (މުސްލިމުންގެ ތައުލީމާއި ތަރްބިޔަތުގެ ކަންތައްތައް އެދެވޭ ގޮތެއްގައި އިންތިޒާމު ކުރެއްވުމާއި، މުސްލިމުންނަށް އެއުރެންގެ ދީނީ އަޅުކަން އަދާކުރެވޭނެ އެކަށޭނަ އިންތިޒާމުތަކެއް ހަމަޖެއްސެވުމުގެ މައްސަލަ)

1. މުހާޖިރުން މަދީނާގައި އާބާދުކުރެއްވުމާއި، އެބޭކަލުންގެ މައީޝީ މައްސަަލަ ހައްލުކުރެއްވުން

މައްކާއަކީ ރުއްގަސްނުހެދޭ ސަހަރާވީ ރަށެކެވެ. އެރަށުގެ އަހްލުވެރީންގެ މަސައްކަތަކީ ވިޔަފާރިއެވެ. ނަމަވެސް މަދީނާއަކީ އާރޯ ވިޔަނަ ބިމެކެވެ. އެހެންކަމުން މަދީނާގެ އަހްލުވެރީންގެ މައިގަނޑު މަސައްކަތަކީ ދަނޑުގޮވާންކުރުމެވެ. މަދީނާގެ ވިޔަފާރި އަށްއޮތީ ޔަހޫދީން އަތްގަދަކޮށްފައެވެ. ވިޔަފާރި އަކީ ތަންކޮޅެއް މިނިވަން މަސައްކަތެކެވެ. މައްކާގެ އަހްލުވެރީންވަނީ ވިޔަފާރީގެ ޒަރީއާއިން ބޭރު ކަރަކަރަޔާވެސް ގުޅުން އުފައްދައިފައެވެ. މެދުއިރުމަތީގެ ރަސްރަސްކަލުންގެ ދަރުބާރުތަކާ ހަމަޔަށްވެސް އެމީހުންނަށްވަނީ ވާސިލުވެވިފައެވެ. އެހެންކަމުން މައްކާގެ މީހުންގެ ނަޒަރުގައި ވިޔަފާރީއަކީ ގަދަރުހުރި މަސައްކަތެކެވެ. ދަނޑުވެރިކަމަކީ ތަންކޮޅެއް ސަހަލު މަސައްކަތެކެވެ. މި ޚިޔާލު އުފެދި އަށަގަތުމުގެ ވެސް އެތައް ސަބަބުތަކެއްއޮތެވެ. އޭގެ އެންމެ މައިގަނޑު އެއް ސަބަބަކީ ޔަޘްރިބުގެ ދަނޑުވެރިކަން ކުރާ ޤަބީލާތަކުގައި އަށަގެންފައިއޮތް ބިންވެރީންގެ އިސްތިބުދާދީ ނިޒާމެވެ. އެ ނިޒާމު ޤާއިމުވެފައި އޮންނަތާ އެތަކެއް ސައްތަ އަހަރެއްފާއިތުވެފައިވުމެވެ. ދަނޑުހައްދާ މީހުންނާއި ގޮވާންކުރާ މީހުންނާމެދު އެނިޒާމުގައި ބެލެވެނީ ނޯކަރުން ކަމުގައެވެ. ފެމުސްވެރީން ކަމުގައެވެ. އެހެންކަމުން މަސައްކަތްކުރުމާމެދު ބެލެވެމުން އަންނަނީ ނިކަމެތިކަމުގެ ނަޒަރަކުންނެވެ. އަނެއްކޮޅުން ބިންވެރީން ގެންދިޔައީ ދަނޑުގޮވާންކުރާމީހުންގެ ފެލައިގެން ހުއްދަނޫން އެތަކެއް މަންފާތަކެއްވެސް ހޯދަމުންނެވެ. އެހެންކަމުން ދަނޑުވެރީން ތިބީ އެބައިމީހުްނގެ އަސާސީ ޙައްޤުތަކުންވެސް ވަރަށް ބޮޑަށް މަހްރޫމުވެފައެވެ.

މަދީނާއަށް ހިޖްރަކުރައްވަމުން ގެންދެވި މުހާޖިރުންގެ މައީޝީ ހާލުކޮޅު ހުރީ ވަރށް ނިކަމެތިކޮށެވެ. އެބޭކަލުން އަންސާރުންގެ އަރިހަށް މަދީނާއަށް ހިޖްރަކުރައްވަމުން ގެންދެވީ ހުސްއަތްޕުޅާއެވެ. އަމިއްލަފުޅު ހަށިކޮޅާއިގެންނެވެ. ހުރިހާ މިލްކިއްޔާތެއް ދޫކޮށްލައްވައިފައެވެ. އެބޭކަލުން ނަކަށް ދަނޑުގޮވާން ކުރައްވާކަށެއް އެނގިވަޑައެއް ނުގަންނަވައެވެ. އަނެއްކޮޅަށް އެބޭކަލުންނަށް ވާރުތައިން ލިބިވަޑައިގެންފައިވަނީ ދަނޑުވެރިކަމަށް ނަފުރަތު ކުރެއްވުމުގެ ޘަޤާފަތެކެވެ. އެހެންކަމުން މަދީނާގެ ދަނޑުވެރި ސަރަހައްދުގެ ބިންތަކުގައި އެބޭކަލުން އާބާދުކުރެއްވޭކަށެއް ނެތެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މައްސަލައިގެ އެތެރެއާއި ބޭރުގެ ހުރިހައި ހަޤީޤަތްތަކެއް ފިސާރި ފުރިހަމަޔަށް ދެނެވަޑައިގަންނަވައެވެ. އެހެންކަމުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މުހާޖިރިއްޔަ ބޭކަލުންގެ މައީޝީ މައްސަލައިގެ ވަގުތީ ހައްލެއްގެ ގޮތުން ރޭއްވެވި މަޝްރޫޢަކީ އުސޫލީގޮތުންބަލާއިރު އިސްލާމްދީނުގެ ޒަކާތުގެ ނިޒާމުގެ ބައެކެވެ. އެރޭއްވެވުމުގެ ބައެއް މުހިންމު ނުކުތާތައް ތިރީގައި މިދަންނަވަނީއެވެ.

ހ. މުހާޖިރުންގެ މައީޝިއްޔަތުގެ ބިންގާ އެޅުއްވި މުއާޚަތު ނުވަތަ އުޚުއްވަތްތެރިކަމުގެ މައްޗަށެވެ. މުއާޚާތުގެ މާނައަކީ އެންމެހައި މުސްލިމުންނަކީ އަޚުން އުޚުތުން ތަކެކެވެ. އެހެންކަމުން މުސްލިމުން މައީޝީ ގޮތުން ދިރިއުޅޭންވާނީ ހެޔޮލަފާ އާއިލާއެއްގެ މެމްބަރުން ހަމަހަމަކަމާއި، އެއްބަޑު އެއްބަފާ ކަމުގެ ބިންގަލުގެ މަތީގައި ދިރިއުޅޭ ފަދައިންނެވެ. އެންމެން ކައިބޮއިހަދާންވާނީ އެއްސުފުރާއެއްގެ މަތީގައެވެ. ގެއްލުމާއި ، ފައިދާއަކީ އެންމެން އެއްވަރަށް އެންމެން އެކުގައި ހިއްސާކުރާންޖެހޭކަމެކެވެ. އެކަކުވެސް އަނެކަކު ދިރިއުޅެނީ ތިމާގެ ހެވަތައިގައި ކަމަށް ބަލައިގެން ނުވާނެއެވެ. މާތްﷲ ގެ ދީލަތިވަންތަ ރިޒުގު ވަނީ އެންމެނަށްޓަކައެވެ. އެންމެން އެއިން ބޭނުން ފުއްދުމަށެވެ.

ށ. މަދީނާގެ އައު އިޤްތިސާދު ބިނާކުރެއްވީ ދަނޑުވެރިކަމާއި ވިޔަފާރީގެ މައްޗަށެވެ.

ނ. ވިޔަފާރި ފިޔަވައި އެހެނިހެން މަސައްކަތްތަކާ މެދު މުހާޖިރުންގެ ހިތްޕުޅުގައި އުފެދިފައިއޮންނަ ވިރާސީ ތައައްސުބު ނައްތައިލެއްވޭނެ ގޮތްތައް ރާއްވަވައި ހަމަޖެއްސެވިއެވެ.

ރ. އިތުރުސާހިބާ އެކަށައަޅުއްވައި ހިންގައިލެއްވި މައީޝީ މަޝްރޫޢުގައި މަސައްކަތްކުރުމާމެދު ބައްލަވައިފައިވަނީ ހުތުރުކަމެއް ކަމުގައެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ އިންސާނާއަށްޓަކައި ފަޚުރެއްކަމުގައެވެ. މަދީނާގެ އައު އިޤްތިސާދުގައި ރައުސުމާލިއްޔަތަކަށް ވެސް ބިންވެރިކަމަކަށްވެސް އަދި މިނޫންވެސް ބޮޑުންގެ ބާރު ހިނގާ އުސޫލަކަށް ކުޑަވެސް ޖާގައެއް ނެތެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ރައްބާނީ ޝަޚްޞިއްޔަތުގެ ސަބަބުން އަންސާރުންގެ ހިތްޕުޅުތަކުގައި ވަނީ އިސްލާމީ ރޫހު ވަރުގަދަޔަށް ހޭލައިފައެވެ. ދީނީ ޙަޤީޤަތްތަކާއި ދީން އެދޭގޮތް އެބޭކަލުންނަށްވަނީ ވަރަށް ފުރިހަމަޔަށް މޭރުންވެވަޑައިގެންފައެވެ. ވިސްނިވަޑައިގެންފައެވެ. އެބޭކަލުން އެކަންކަން ބަލައިގެންނެވީ އިންސާނީ ހަށިތަކުގައި ލޭއުފެދި ދައުރުވާ ފަދައިންނެވެ. އެހެންކަމުން އެބޭކަލުން އިސްލާމީ އިޚާވަތު ޤަބޫލުކުރެއްވީ ނުހަނު ޝައުޤުވެރިކަމާއި ޖޯޝާއި ފޯރިޔާއެކުގައެވެ. އިތުރުސާހިބާގެ އިރްޝާދާ އެއްގޮތަށް ކޮންމެ އަންސާރިއްޔަ ބޭކަލެއްވެސް މަހާޖިރިއްޔަ ބޭކަލަކު އަޚެއްކަމުގައި ހެއްދެވިއެވެ. އެބޭކަލުންގެ އުފުލޭ މުދަލާއި ނުއުފުދޭ މުދަލުގެ ހިއްސާދާރެއް ކަމުގައި ހެއްދެވިއެވެ. އަންސާރުންކުރެ ބޮޑެތި ގޯތިތައްހުރި ބޭކަލުން އެބޭކަލުންގެ ގޯތީގެ ހުހަށް އޮތްބައި މުހާޖިރުންނަށް ދެއްވިއެވެ. މިގޮތުން އެންމެ ފުރަތަމަ މުހާޖިރުންނަށް ތަނަވަސްބިމެއް ހަދިޔާކުރެއްވި ބޭކަލަކީ ޙާރިޘަތުބުނުއް ނުއުމާން ރަޟިޔަﷲ އަންހުއެވެ. އެބިމަކީ އަލްމަސްޖިދުއްނަބަވީގެ ބިއްދޮށުގައި އޮތް ތަނަވަސް ބިމެކެވެ. ކައުސާހިބާ އެބިމުގައި ވަޒަންވެރިކުރެއްވީ ޒުހުރަތުވަންހައިގެ މުހަޖިރުންނެވެ. އަބްދުއްރަހްމާން ބިން އައުފު އަޟިޔަﷲ އަންހު އެބިމުގައި ބޮޑު ހަވޭއްޔެއް ބިނާކުރެއްވިއެވެ. ގޯތިތަކުގައި ހުސްޖާގަނެތް އަންސާރުން މުހާޖިރުންނައެކު ދިރިއުޅުއްވަމުން ގެންދެވީ އެއްއާއިލާއެއް ފަދައިން އެއް ހިޔާވައްސެއްގައެވެ. އަންސާރުންނާއި، މުހާޖިރުންނަކީ ގެއްލުމާއި ފައިދާގެ ވެސް ހަމަހަމަ ހިއްސާދާރުންނެވެ. ކުރީންވެސް ދެންނެވިފަދައިން މުހާޖިރުންނަކަށް ދަނޑުވެރިކަމުގެ ހުނަރުތަކެއް ފުރިހަމަޔަކަށް އެނގިވަޑައެއް ނުގަނެއެވެ. އެހެންކަމުން އުންމަތުގެ އިޤްތިސާދުގައި މުހާޖިރުންގެ ދައުރެއްކަމުގައި ހަމަޖެއްސެވީ ވިޔަފާރިގެ ދައުރެވެ. ނަމަވެސް އިތުރުސާހިބާގެ ނަސޭހަތްޕުޅުގެ ސަބަބުން މުހާޖިރުންގެ ހިތްޕުޅުތަކުންވަނީ ދަނޑުވެރިކަމާއި ދަނޑުވެރީންނާ މެދު އެހައިތަނަށްއޮތް ވިރާސީ ތަޢައްސުބު މުޅީން ފިލައިފައެވެ. މަސައްކަތުގެ ތަފާތު ދާއިރާތަކާމެދު އެބޭކަލުންގެ ވިސްނުންފުޅުވަނީ ނުހަނު ސަރީޙުކޮށް ބަދަލުވެފައެވެ.

ކުރީންވެސް ދެންނެވިފަދައިން އަންސާރުންގެ މައީޝަތު ބިނާވެފައިއޮތީ ދަނޑުވެރިކަމުގެ މައްޗަށެވެ. ޔަހޫދީންތިބި މަދީނާގައިކުރެވޭ ހުރިހައި ބާވަތްތަކެއްގެ ވިޔަފާރި އެބައިމީހުންގެ މުށުތެރެޔަށް ގެނެސްގެންނެވެ. އެހެންކަމުން އަންސާރުންނަށް ޖެހިވަޑައިގެންފައިވަނީ އެބޭކަލުންގެ ދަނޑުވެރިކަމުގެ ހުރިހާ އުފެއްދެވުންތަކެއް ޔަހޫދީންނަށް ނުއަގުގައި ވިއްކަވާށެވެ. ގޮވާން ކަނޑުއްވައި ނިމުމާއެކު ޖެހިވަޑައިގަންނަވަނީ ޔަހޫދީންނަށް ވިއްކައިލައްވާށެވެ. އޭގެ މުހިންމު ދެ ސަބަބެއް އޮތެވެ. އެއްސަބަބަކީ ލިބިވަޑައިގަންނަވާ ގޮވާމާއި މޭވާ އާއި ތަރުކާރީ ވަގުތުން ޔަހޫދީންނަށް ވިއްކައިނުލައްވައި މަޑުމަޑުން ވިއްކަވަމުން ގެންދަވަން އަންސާރުންގެ މައީޝީހާލު ކޮޅު ތަންނުދިނުމެވެ. އަނެއްކަމަކީ ޔަހޫދީ މަހްޖަނުންނާއި ސުއްރާފުން ގޮވާން ކަނޑާއިރަށް އެތަކެތި އަވަހަށް ވިއްކަން މަޖްބޫރުކުރުމެވެ. ޔަހޫދީން ދަނޑުވެރީންނަށް ރިބާގެ ދަރަނި ދޫކުރަނީ ގޮވާން ވަގުތުން ވިއްކުންވެސް ޝަރުތުކޮށްފައެވެ. މިގޮތުން ޔަހޫދީން ގެންދަނީ އެތައްގޮތަކުން އަންސާރުންގެ ކިބައިން ހުއްދަ ނޫން ބޮޑެތި މަންފާތަކެއް އަތުލަމުންނެވެ. ޔަހޫދީންވަނީ އަންސާރުން އެބައިމީހުންގެ ދަރަންޏާއި ރިބާގެ ދަލުގައި ވަރުގަދަޔަކަށް މައްސައިފައެވެ. އެމީހުން އަންސާރުންނަށް ދަރަނި ދޫކުރަނީ ވަރަށް ބޮޑެތި އިންސައްތަތަކެއްގެ ސޫދާއެކުގައެވެ. ގޮވާންކަނޑާ ދުވަސްވަރު ގޮވާމުގެ އަގުވައްޓައިލުމަކީ ވެސް ޔަހޫދީ ވިޔަފާރީވެރީންގެ އާދައެކެވެ. ދުވަސްކޮޅެއްކޮށްލައިފައި ހަމައެތަކެތި އަންސާރުންނަށް ވިއްކަނީ އެތައް ގުނައެއް އަގުބޮޑުކޮށްފައެވެ.

(ނުނިމޭ)