ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިންޓަނޭޝަނަލް ގްރާންޓް އެއިޑް ހޯދާފައިވަނީ ސީދާ ރައްޔިތުންނަށް ފައިދާވާގޮތަށް ކަމަށް ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ނިއުސްކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ވެސް މެންބަރު، ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ޝާހިރު މިއަދު ވިދާޅުވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން 4 އަހަރު ތެރޭގައި ހޯދި 1.9 ބިލިޔަން ރުފިޔާގެ ހިލޭ އެހީ، މި ސަރުކާރުން ތިން މަސްދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށެވެ.
ނިއުސް ކޮންފަރެންސްގައި ސައީދު ވަނީ ޝާހިދު ވިދާޅުވި 1.9 ބިލިއަން ރުފިޔާ އަކީ މިސަރުކާރުގެ މަސައްކަތުން، ނުވަތަ ރައީސް ޔާމީންގެ ސަރުކާރުގެ މަސައްކަތުން ލިބުނު ފައިސާތޯ ސުވާލު ކުރައްވާފައެވެ.
ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހިލޭ އެހީ ހޯދިފައިނުވާކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކާފައި ކަމަށެވެ.
ސައީދު ވިދާޅުވީ މިސަރުކާރުން ހޯދާފައިވާ ހިލޭ އެހީއަށް ބަލާއިރު އިންޑިއާއިން ހޯދާފައިވާ 50 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއެކު 1.5 ބިލިއަން ޑޮލަރުގެ ދަރަންޏެއް ރާއްޖެއިން އިންޑިއާއަށް އޮތް ކަމަށެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ 50 މިލިއަން ޑޮލަރަކީ 1.5 ބިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން އަންނަ ހިލޭ އެހީ ކަމަށް ވުމުން އެ ފައިސާ ބެލެވޭނީ ބަޖެޓް ސަޕޯޓަށް ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީނުގެ ސަރުކާރުގައި ހޯދާފައިވާ ހުރިހާ ހިލޭ އެހީގެ ފައިސާއަކީ ސީދާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ މަޝްރޫތައް ހިންގުމަށް ހޯދާފައިވާ ފައިސާކަން ސައީދު ފާހަގަކުރެއްވިއެވެ. އަދި މިކަން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ހުރި މައުލޫމާތުތަކުން ފެންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ފިނޭންސްގެ ސައިޓުގައިވާ އަދަދުތަކާއި މިނިސްޓަރ ޝާހިދު މިއަދު ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވި އަދަދުތައް ދިމާނުވާ ކަން ފާހަގަކޮށް، ޝާހިދު އިތުރުފުޅު ހައްދަވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.