މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލީޓަށް އޭ 330 މަރުކާގެ ދެ ބޯޓު އިތުރު ކުރަނީ

ފަތޯނާ ފާއިޒު

ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް އެއާބަސް އޭ330 މަރުކާގެ ދެ މަތިންދާ ބޯޓު ވަރަށް އަވަހަށް ގެންނާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ، ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި އާ ދެ މަތިންދާ ބޯޓު ގެނެސް އޮޕަރޭޓު ކުރަން ފަށާނެ ކަމަށެވެ. އަދި އެ ދެބޯޓު ދަތުރުތަކުގައި ބޭނުން ކުރަން ފެށުމުން، ބައިނަލްއަގުވާމީ އިތުރު މަންޒިލު ތަކަށް މޯލްޑިވިއަންއިން ދަތުރު ފަށާނެ ކަމަށްވެސް މައުލޫމާތު ދެއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ބޭނުންކުރަމުން އަންނަ މަތިންދާ ބޯޓުތަކުގެ ތެރޭގައި އެއާބަސް 320 މަރުކާގެ އެއް މަތިންދާ ބޯޓާއި، އެއާބަސް 321 މަރުކާގެ އެއް މަތިންދާ ބޯޓާއި، ޑޭޝް8-200ގެ ދެ މަތިންދާ ބޯޓާއި، ޑޭޝް8-300ގެ 8 މަތިންދާ ބޯޓު ހިމެނެއެވެ.

މޯލްޑިވިއަންއިން އަލަށް ގެންނަން އުޅޭ އޭ330 މަރުކާގެ މަތިންދާ ބޯޓުގައި އެއްފަހަރާ 335 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެއެވެ. ވައިޑް ބޮޑީ ހިމެނޭ އެ ބޯޓުގައި ދެ އިންޖީނު އޮޕަރޭޓް ކުރާނެއެވެ.

މޯލްޑިވިއަންގެ ފްލީޓަށް ދެ މަތިންދާ ބޯޓު އިތުރުކުރަން ހަމަޖެހިފައިވާއިރު، އެ އެއާލައިނުން އަންނަނީ ބައިނަލްއަގުވާމީ އިތުރު މަންޒިލްތަކަށް ދަތުރު ފަށަން ތައްޔާރުވަމުންނެވެ. އެގޮތުން އިންޑިއާގެ އިތުރު ސިޓީތަކަށާއި ލަންކާގެ ކޮލަމްބޯ އަށްވެސް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.