ދުނިޔެ

މޭގަންގެ ދަރިފުޅު ބޭނުންކުރި ބްލޭންކެޓް އުފެއްދީ އިންޑިއާގެ ފަގީރުން

ފަތޯނާ ފާއިޒު

އިނގެރޭސި ޝާހީ އާއިލާގެ ހުރިހާ ކަމެއް ބަލައި، އެމީހުންގެ ދިރިއުޅުމަށް ފާރަވެރިވާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ.

ޝާހީ އާއިލާގެ މެންބަރުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބެނީ މޭގަން މާކެލްއަށެވެ. މޭގަންގެ ދަރިފުޅު އާޗީ ހެރިސަންއަށްވެސް ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.

އެގޮތުން އާއިލާއާއިއެކީގައި އެންމެ ފަހުން ބޭރުން އާޗީ ފެނިގެންދިޔައިރު، އޭނާގެ ގައިގައި އަޅާފައި އޮތް ޝޯލްއަށް މިވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. އެ ޝޯލް ތައްޔާރުކޮށްފައިވަނީ އިންޑިއާގެ ފެކްޓްރީއަކުންނެވެ. އެ ފެކްޓްރީގައި ހަފުތާއަކު 48 ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް މަހަކު ލިބެނީ އެންމެ 6،000 ރުޕީސް އެވެ. ދިވެހި ރުފިޔާއިން ބަލާ ނަމަ އެއީ ގާތްގަނޑަކަށް 1500 ރުފިޔާ އެވެ.

މޭގަންގެ ދަރިފުޅު އާޗީގެ ގައިގައި އަޅާފައި އޮތީ "އިރާވަން ކޮޓޮން ދޯހާރް"އެކެވެ. މިމަހުގެ ކުރީކޮޅު އާޗީ އޭނާގެ ބައްޕަ ޕްރިންސް ހެރީ ޕޯލޯ ކުޅޭތަން ބަލަން، މަންމަ މޭގަންއާއެކު ނިކުތްއިރު، އޭނާގެ ގައިގައި އެ ޝޯލް އަޅާފައި އޮތެވެ. އެއީ "އޯގެނިކް"ކޮށް އުފައްދާފައިވާ އެއްޗެކެވެ. އެ ޝޯލް އުފައްދާފައިވަނީ އިންޑިއާގެ ރާޖަސްތާނުގެ ކުޑަ އަވަށެއް ކަމަށްވާ ބާގްރޫގައި ހުންނަ "ނައިކާ"އިންނެވެ. މަލާބަރް ބޭބީގެ އުފެއްދުންތައް އެތަނުން ފަހައެވެ.

އާޗީގެ ބްލޭންކެޓް ފަރުމާކުރުމުގައި އުޅުނު އަރޫނާ ރޭގަރް މެއިލްއޮންލައިންއަށް ބުނީ، ޝާހީ ބްލޭންކެޓް އުފެއްދުމުގައި އެމީހުން މަސައްކަތް ކުރިިއިރު، މަހަކު ލިބެނީ 6000 ރުޕީސް ކަމަށެެވެ. އެއީ އެންމެ 70 ޕައުންޑެވެ.

އުމުރުން 50 އަަހަރުގެ އަރޫނާއަށް އޭނާ އުފެއްދި ބްލޭންކެޓުގެ އަގާއި، އެ ބްލޭންކެޓު ޝާހީ އާއިލާއިން ބޭނުންކުރިކަން އެނގުމުން ހުރީ ހައިރާންވެފައެވެ. އޭނާ ބުނީ މޭގަންއާއި، އާޗީ ހެރިސަން ނޭނގޭ ކަމަށާއި، އެހެންނަމަވެސް ރާނީ އެލިޒަބަތު އެނގޭ ކަމަށެވެ.

"އެ ބްލޭންކެޓްގެ އަގަކީ އަހަރެން ދެހަފުތާގެ މަސައްކަތުން ހޯދާ ފައިސާގެ އަގުކަން އެނގުނީމަ ހައިރާންވެއްޖެ. ދިރިއުޅުމުގެ ބޭނުންތައް އަހަރުމެން ފުއްދަނީ ވަރަށް ހާލުން. އެކަމަކު މި ފެކްޓްރީން އަހަރުމެންނާ ދޭތެެރޭގައި ގޯސްކޮށް އެއްވެސް ކަމެއް ނުކުރޭ. މިތަނުގެ ހާލަތުވެސް ރަަނގަގަޅު" އަރޫނާ ބުންޏެވެ.

އަރޫނާ ބުނީ އޭނާއަށް އެންމެ ބޮޑު މައްސަލައަކީ ކުރާ މަސައްކަތާ އެއްވަރުގެ އުޖޫރައެއް ނުލިބުން ކަމަށެވެ.

"ވަރަށް އުފާވޭ އެހާ މުހިންމު މީހެއް އަހަރުމެންގެ އުފެއްދުން ބޭނުން ކުރާތީ. އޭގެ މާނަ އަކީ އަހަރުމެން މަސަައްކަތް ކުރާ ތަނަށް އަހަރުމެންވެސް މުހިންމުވާނޭ" އަރޫނާ ބުންޏެވެ.

މޭގަން އޭނާގެ ދަރިފުޅަށް އެ ޝޯލް ގަތުމާއެކު އޭގެ ޑިމާންޑް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކުރިއަށްވުރެ އިތުރަށް 2000 އޯޑަރު މިހާރު ލިބޭ ކަމަށް މެއިލް އޮންލައިނުން ރިޕޯޓް ކުރެއެވެ.

ނައިކާ ފެކްޓްރީގައި މަސައްކަތް ކުރާ މީހުންގެ އުއްމީދަކީ އެމީހުންގެ އުފެއްދުންތަކުން ކުންފުންޏަށް ލިބޭ ފައިދާއަށް ލިބުނު ކުރިއެރުމާއެކީގައި އެމީހުންނަށްވެސް ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބިގެން ދިޔުމެވެ.

އެތަނުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން އަދިވެސް އުޅެނީ ވަރަށް ހާލުގައެވެ.