ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ލިބުމަކީ ކުޅިވަރު ކުރިއަރުވަން ލިބޭ ރަނުގެ ފުރުސަތެއް: ފަސްޓް ލޭޑީ

ފަތޯނާ ފާއިޒު

ދެހާސް ތޭވީސް ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ދިވެހިރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބިގެން ދިއުމަކީ ކުޅިވަރުގެ ދާއިރާ ކުރިއަރުވަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ފަސްޓް ލޭޑީ ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ އެހެން ވިދާޅުވީ އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް) ގެ ފަރާތުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ މިސް ޖީން ގޯ އެކަމަނާގެ އަރިހަށް ޒިޔާރަތް ކުރައްވައި، މިއަދު ހެނދުނު މުލީއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ ތަޢުލީމާއި ކުޅިވަރުގެ ދާއިރާއަކީ އެކަމަނާ ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ދެ ދާއިރާ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ދިވެހިރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބިގެން ދިއުމަކީ މި މަސައްކަތް ކާމިޔާބުކަމާއެކީ ކުރިޔަށްގެންދިޔުމަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، މިސް ޖީން ގޯ މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމާއި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

މިބައްދަލުކޮށްލެއްވުމުގައި މިސް ގޯ ދެއްކެވި ވާހަކަފުޅުގައި ކުޅިވަރު މެދުވެރިކޮށް ކުދިންގެ ދުޅަހެޔޮކަން އިތުރުކޮށްދީ ދިރިއުޅުމުގެ މުހިންމު ފިލާވަޅުތައް ނަގައިދީ ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރަން ދަސްކޮށްދީ ދިރިއުޅުމުގައި މޮޅާއި ދެރަ ޤަބޫލުކުރަން ދަސްކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން މިސް ގޯގެ ވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ކުޅިވަރު ހިމެނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޔުނިސެފްގެ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކުޑަކުދިންނަށް އެކަށީގެންވާ ފަހި މާޙައުލެއް ހޯދައިދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޢަމަލީގޮތުން ކުރައްވާ މަސައްކަތްތަކުގައި ޔުނިސެފާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް ބާރުއަޅުއްވައި ހިތްވަރުދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި ބައްދަލުކޮށްލެވުމުގައި ދެއްކެވި ވާހަކަފުޅުގައި އެ މަސްއޫލިއްޔަތު އެކަމަނާ އުފަލާއެކު ޤަބޫލުފުޅު ކުރައްވައި މިފަދަ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ޔުނިސެފް ފަދަ ޖަމްޢިއްޔާއެއްގެ އެހީތެރިކަން ލިބިވަޑައިގެންނެވުމަކީ އުފާވެރި އިއްތިފާޤެއްކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ޔުނިސެފާއެކު ކުރިމަގުގައި މަސައްކަތްޕުޅު ކުރެއްވުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އެކުދިންނަށް ރައްކާތެރި ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް އެކަމަނާއަށް ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.