މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 25

އަބްދުﷲ ފާރޫގް ހަސަން

ބޮޑުމާލޫދުކިޔުން

(27 ޖުލައި ގެ އަދަދާ ގުޅޭ)

އަޅުގަނޑުމެންގެ ތެރޭގައިވެސް އިހުގައި ބޮޑުމާލޫދުކިޔުމުގެ ކަންތައް އޮންނަ ބީދައިން މަލިކުގައިވެސް ބޮޑުމާލޫދުކިޔުން އޮތެވެ. މަލިކުގައި ބޮޑުމާލޫދަށް ޚަރަދުކުރަނީ ރަށުމީހުންގެ ފަރާތުންނެވެ. މިއީ އިހުގައި ދިވެހިރާއްޖޭގައިވެސް އެކަން އޮންނަ ގޮތަށެވެ.

މަލިކުގެ މުސްކުޅިން މަޢުލޫމާތުދޭ ގޮތުގައި ދިވެހިރަސްގެފާނު (ދިވެހިސަރުކާރު) މަލިކުގައި ދެކުނުކޮޅުގެ ބަންޑާރަގަނޑު ދެއްވައިފައިވަނީ މަލިކުގެ ނުވަ ބޮޑުމީހުންނަށެވެ. މާލޫދުކިޔުމަށް ޚަރަދުކުރުން ޝަރްޠުކޮށެވެ.

މިއީ ރާއްޖޭގައި އިހުގައި އޮތް ކަމެކެވެ. އާދެ، ބައެއް އަމިއްލަ މީހުންވެސް އެމީހުން ހިންނަފަދަ ތަންތަން ކޮންމެ ރަބީޢުލްއައްވަލު މަހަކު މާލޫދުގަނޑެއް ކިޔުމުގެ މައްޗަށް ވަގުފުކޮށް އޭގެ ތައުލިޔަ މޫލަވެރިކަން ވަކިބަޔަކާ ޙަވާލުކޮށްފައި އެބަހުއްޓެވެ. އެވަގުފު ކުރާ ހިންނައެއް ނުވަތަ ރުއްގަސްފަދަ ތަކެތި ބޭނުންކުރަނީ ރަށެއްގެ މުޅި ރައްޔިތުން ކަމުގައިވާނަމަ އެމާލޫދުގަނޑެއް ކިޔާނީ އެރަށެއްގެ މުޅި ރައްޔިތުން ގުޅިގެންނެވެ.

އިހުގައި މަލިކުގައި ބޮޑުމާލޫދު ކިޔައިއުޅެނީ ކާލީކޯޓަށާއި ކޮއްޗެއަށްދާ އޮޑިފަހަރާއި، ނާގަބާރި، ގާލީ (ސްރީލަންކާގެ) އަށާއި ބަންގާޅަށާއި ބަރުމާއަށް މިތަންތަނަށް ދާ އޮޑިފަހަރު ރަށަށްއައިސް ނިމުމުން އޮޑިފަހަރު އެހެލުމަށް ފަހުގައެވެ. އަޅުގަނޑު ހަނދާންހުންނަވަރު ވީފަހުން އަޅުގަނޑުމެންގެ ރަށުގައިވެސް ބޮޑުމާލޫދުކިޔަނީ ކޮޅުނބު އޮޑިފަހަރު ރަށަށް އައުމުން އޮޑިފަހަރު އެހެލައި ނިންމައިފައެވެ. އަޅުގަނޑު ދެކޭގޮތުގައި މަލިކުގައިވެސް މުލަކުގައިވެސް އޮޑިފަހަރު ރަށަށްއައުމާ މާލޫދާ ގުޅުވަނީ އެދުވަސްވަރު ރަށަށް ލިބިފައި އޮންނާނެ ތިޔާގިކަމަށްޓަކައެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ގިނައިން ބޮޑުމާލޫދު ކިޔައިއުޅުނީ ރަނގަޅު މަސްވެރިކަމެއް ނިމޭ ދުވަސްވަރަކާ މޫސުން ރަނގަޅު ދުވަސްވަރަކަށް ބަލާފައެވެ. މަޤްޞަދަކީ ކުރިންވެސް ދެންނެވި މަޤްޞަދެވެ. އާދެ، އެކަމަށް ފަހިދުވަސްވަރެއްގައި މާލޫދުކިޔުމެވެ.

މަލިކުމީހުންވެސް ބޮޑުމާލޫދު ކިޔައިއުޅުނީ ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މީހުންވެސް ފަދައިން ރަށްމެދުގައި ހަރުގެ އަޅައިގެންނެވެ. ރާއްޖެތެރޭގެ ގިނަ އަތޮޅުތަކުގައި ބޮޑުމާލޫދުކިޔަނީ ކައިރީ ރަށްރަށަށް ދަޢުވަތު ދީގެންނެވެ. ނަމަވެސް އެކަހެރި ރަށްރަށުގައި މާލޫދުކިޔަނީ ރަށްދެބަޔަށް ބައިކޮށް ދެބައިން ދެމާލޫދު ކިޔާ ގޮތަށެވެ. ފުވައްމުލަކުގައި މާލޫދުކިޔަނީ މިގޮތަށް "ދެއަރި" އަށް ރަށް ބައިކޮށްގެންނެވެ. މަލިކުގައިވެސް އޮންނަނީ މިގޮތަށެވެ. މަލިކުގައި މާލޫދަށް ރަށް ދެބަޔަށް ބަހަނީ ސޭޑިވަޅު އަވަށުން ފެށިގެންނެވެ. ފުރަތަމަ މާލޫދުފަށަނީ ފަލައްސޭރިކޮޅުންނެވެ. އެމާލޫދު ހުއްޓުމަށްފަހު އައުމަގުކޮޅުގެ މާލޫދެވެ.

މަލިކުގައި އިހުގައި މާލޫދުހަރުގެ އަޅައި އުޅުނީ ރަށްމެދުގައި ސޭޑިވަޅު ރާތީބު މިސްކިތު ކައިރީގައެވެ. މާލޫދުހަރުގޭ ނަކަތްމުޑި ޖަހައިއުޅުނީ އެރަށުގައި ބޮޑުތަކުރުފާނު ވަޅުލެއްވިކަމަށް ބުނާ ގަލެއްގެ މަތީގައެވެ. އެގަލަކީ މަލިކަކީ ދިވެހިރާއްޖޭގެ ރަށެއްކަމުގެ ރަމްޒެއްގެ ގޮތުން ބޮޑުތަކުރުފާނު ވަޅުލެއްވި ގަލެއްކަމަށް އެރަށުގެ މީހުން ބުނެއެވެ.

ހަރުގެއަޅާ ނިމުމަށްފަހު ވަށައިގެން ފޮތިދަމައި ކަށިމަލާއި، އުނިމަލާއި، އަދި މިނޫންވެސް މީރުވަސްދުވާ މާމެލާމެލި ގެންގޮސް ޒީނަތްތެރިކުރެއެވެ. ރާއްޖޭގައިވެސް މިގޮތަށް މާލޫދުހަރުގެއަށް މާމެލާމެލި ގެންގޮސް ޒީނަތްތެރިކޮށް ހެދިއެވެ. ރާއްޖޭގައި މާލޫދުހަރުގެއަށް މާމެލާމެލި ގެންގޮސް ޒީނަތްތެރިކުރުން ހުއްޓާލީ އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ފަނޑިޔާރުކަމުގައި އެމަނިކުފާނު އެކަން މަނާކުރެއްވުމާ ވިދިގެންނެވެ.

މަލިކުމީހުން މާލޫދުހަރުގެ ޑެކަރޭޓް ކުރުމަށް މާބިންނަނީ ރަށުގެ ބަންޑާރަގަނޑުންނެވެ. މާބިންނަން ބަންޑާރަގަނޑަށް ދަނީވެސް ރަށުމީހުން އެކުވެގެން ރައިވަރު (މަލިކު ބަހުރުވައިގައި ތައިވަރު) ކިޔަމުން ވަރަށް މަޖަލުގައެވެ.

މާލޫދަށް ކައްކާއިރު ހަރުގެއަށް ފޮނުވާ ކޭން ކައްކަނީ ބޮޑުން، މާލިމީން، އޮޑިވެރީން ފަދަ މީސްމީހުންގެ ގޭގެއިންނެވެ. މިއީ ރާއްޖޭގައިވެސް މިކަން އޮތްގޮތެވެ. މާލޫދުފަށަނީ މަޣުރިބުނަމާދުގެ ފަހަށެވެ. މާލޫދު ފަށާއިރު ކީރިތިމަހާރަދުންނަށާއި، މަލިކުގެ ބާންޑޯރުމަނިކުފާނަށް ނަޞްރުދެއްވުމަށާއި، ފަޅޯ (މޭވާ)، މަސް، ކާށި، ބޮލި ގިނަކުރުމަށް ކުރެވޭ ދުޢާގެ މައްޗަށް އެކުލެވޭ "ގޮވެލިގަނޑެއް" ކިޔައި އުޅުނެވެ. މި "ގޮވެލިގަނޑު" ގައި ފަހަކަށްއައިސް މަލިކު ކަންނޫރުގެ ދަށަށް ދިޔަފަހުން ތާނިޔާ ކިޔަމުން އައީ "ކަންނަންނޫރު ކިލެގެފާނު" ނުވަތަ ޢަލީރާޖާއަށެވެ.

މާލޫދު ފެށުމަށްފަހު ބޮޑުން ހަރުގެއިން ދިޔައިމާ ދެން އޮންނާނީ މާލޫދުބުނުމާއި ޅެންކިޔުމެވެ. ޅެންކިޔަނީ "ޅެންވެރީން" ނެވެ. މާލޫދުކިޔާ މީހުންނަށް ރޭގަނޑު ބާރަޖެހީމާ "ދަންބަތް" އޮވެއެވެ. ހެނދުނުގަ ކޭމުގައި ހުންނަނީ ކިރުފޮޅިޔާއި ފިޔައެވެ. މާލޫދު ހުއްޓަނީ ހަވީރުއެވެ. މާލޫދު ހުއްޓާ އިރަށް އޮންނަނީ ބޮނޑިބަތް ކޭމެކެވެ.

މާލޫދުހަރުގޭގައި މާލޫދުކިޔުމުގެ ކަންތައް ހިންގާއިރު އަވަށުތެރޭގައިވެސް ވަރަށް ކުޅިސަމާ އޮވެއެވެ. ހެނދުނު 10:00 ން ފެށިގެން ޢަޞުރަށް ގޮވާންދެން ބެރުޖެހުމާއި "ތައިވަރު" (ރައިވަރު) ކިޔުން އޮވެއެވެ. ތިރީގައި މިވަނީ މާލޫދުކިޔާއިރު ރަށުތެރޭގައި ކިޔާ ރައިވަރުގެ ބައެއް ރައިވަރެވެ.

"ކޭތެދެ ރިވެތިކޮޅެއް ނައު
ގޭވަގުތު އޮސްފުހޭ ރަތްމީ
ގޭ ގޮނޑުވީ މިތުރަށް މީ."

"ރަށްމެދު ބަނދަރުކޮޅަށް ނައު
ތައްސަތަރި ނުމެދަމައިކު ހަމާ
ލަންބަރުކާ ކޮޅަކު ހަމާ."

"ފަރުވާވެ ކޮޅުއައީ ނައު
ތަރުހަގޮށްދުވެ އައީ ފައިބާ
ދަރު މިތުރު ގަހާ ފައިބާ."

ކޮންމެއަކަސް ރާއްޖެއެކޭ އެއްފަދައިން މަލިކުގައިވެސް މިހާރު ބޮޑުމާލޫދުކިޔުމެއް ނެތެވެ. ހޭލުންތެރިކަމުގެ އޮއިވަރާއެކު އެކަންވަނީ އެރަށުންވެސް ފައިބައިގެން ގޮސްފައެވެ.

ރަށް ދިހަމޮހުން

ރާއްޖޭގައި އިހުޒަމާނުގައި ރޯދިބަރަކާތަށް ރަށަށް ފަންޑިތަހަދާއިރު ރަށުގެ ދިހަމޮހުން އޮންނަފަދައިން މަލިކުގައިވެސް އިހުގައި ރަށުގެ ދިހަމޮހުން އޮތެވެ. މަލިކުގައި އެކަން ކޮށްއުޅުނީ މާމިސްކިތު މުދިމެއްގެ ބެލުމުގެ ދަށުން ރަށުގެ އާރުކާޓީއާއި ހުރިހާ ކެޔޮޅުންނާއި "އަލީ" މިކަންކިޔާ ހަތްމީހެކެވެ.

މިކަން ކުރާއިރު ރާއްޖެއެކޭ އެއްގޮތަށް ދުންމުޖުމަރާ ހިފައިގެން ރަށުގެ ކަނޑައެޅޭ ދިހަމައްޗަކުން ފައިބައިގެން ޤުރުއާން ކިޔަވަމުން ތަކުބީރުކިޔަމުން ރަށްވަށައި ހިނގަނީއެވެ. ބައެއް ދިހަމަތީ ކާށިޖަހައި، ހޭމަސް ފިރުއްކައި އެއަށް ފެންޖަހައި ހަދައެވެ. ރާއްޖޭގެ މީހުން ދިހަމޮހާއިރު ހަދާގޮތަށް ފެންފުޅަފިން ގޮނޑުދޮށުން އެއްގަމަށް ވެލިއުކައިވެސް ހަދައެވެ.

މަލިކުގައި ދިހަމޮހަން ފަށައި އުޅުނީ ފުންހިލޯޅުމަގު އުތުރުފަރާތު އަތިރިމަތީ މިހާރު ރުވާގެ ހުންނަ ހިސާބުންނެވެ. ދިހަމޮހާ ތަންތަނަކީ:

1. ފުންހިލޯޅުމަގު ދިހަމަތި
2. ރަށްބުރިވިތަން
3. ފުންހިލޯޅުމަގު ފުއްޓަރުފަރާތު މުރަނބު
4. ތޭވަރާތުމަގު ފުއްޓަރު
5. ކަލޭގެފާނު ގާތު ފުއްޓަރު
6. ކަލޭގެފާނު ގާތު އަތިރި
7. ތޭވަރާތުމަގު އަތިރި
8. ރަށްމެދުމަގު އަތިރި. މިއެވެ.

މިއިން ކޮންމެތާކު ޤުރުއާން ކިޔަވައި، ބަންގިގޮވައި، ތަކުބީރުކިޔައި، ހަތްއަލީ ލައްވައި ކާށިޖައްސައި، ހޭމަސްފިރުއްކައި އެއަށް ފެންޖަހައި، ކިޔަވައި، ދުންބުރުވައި، ފާތިޙާ ކިޔަވައި ހަދާނެއެވެ.

މަލިކުގައި ދިހަމޮހަން ފަށަނީ ޢިޝާނަމާދުގެ ފަހަށެވެ. ރަށްވަށާ ހިނގަމުން ގޮސް ރަށްމެދުމަގަށް ފަތިސްނަމާދު ވަގުތާ ދިމާވާ ގޮތަށެވެ. ދިހަމޮހާއިރު ޖަހާނެ ކާށި އަޅަން އިހުގައި ވަކިރުކެއް ޚާއްޞަކޮށްފައި ހުރެއެވެ. މަލިކުގައި ދިހަމޮހަނީ ހުޅަނގު މޫސުން ނިމޭ ދުވަސްވަރުގެ ކޮންމެވެސް ހެޔޮ ރެއަކާ ދިމާކޮށެވެ.

(ނުނިމޭ)