މިނިސްޓަރު އަލީ ވަހީދު

ޓޫރިޒަމް ސިނާއަތުން ބޮޑުތިލަދުންމައްޗާއި އައްޑުއަށް ބަދަލު ގެންނާނަން: މިނިސްޓަރު

އައްޑޫ ސިޓީއަށް 4000 އެނދު ތަރައްގީކުރުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށާއި މި ސަރުކާރުން ޓޫރިޒަމްގެ ސިނާއަތުން ބޮޑުތިލަދުންމައްޗާއި އައްޑޫ ސިޓީއަށް ބަދަލު ގެންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ" މިނަމުގައި ބޭއްވި ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވީ އައްޑޫގައި 8000 އެނދު ތަރައްގީކުރުން ކަމަށާއި އޭގެ ދެބައިކުޅަ އެއްބައި އެނދު ތަރައްގީކުރުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށެވެ.

"މިރޭ ރައީސުލްޖުމްހޫރިއްޔާ އެ ފާހަގަކުރެއްވި އައްޑޫ ސިޓީގެ އެނދުތަކަކީ ޖުމްލަ 4000 އެނދު ހިމެނޭގޮތަށް އިއުލާންކުރެއްވި ކުރުމެއް. އައްޑޫ ސިޓީއަށް އަޅުގަނޑުމެން ވައުދުވީ 8000 އެނދު. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި އެނދުގެ ހުއްދަ މާދަމާ އަޅުގަނޑުމެން ﷲ އިރާދަކުރެއްވިއްޔާ އައްޑޫ ސިޓީއަށް އަޅުގަނޑުމެންގެ ސަރުކާރުން ދޭނެ. ސިޓީ ކައުންސިލާ ގުޅިގެން އަޅުގަނޑުމެން އައްޑޫ ބަދަލުކުރާނަން. ބޮޑުތިލަދުންމައްޗާއި އައްޑުއަށް އަޅުގަނޑުމެން ބަދަލު ގެންނާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އައްޑޫގައި 4000 އެނދު ތަރައްގީކުރުމުގެ ހުއްދަ ދިނުމާއެކު ފުވައްމުލަކު ސިޓީގެ ވެސް އުންމީދު އެ ފުރިހަމަވެގެންދިޔައީ ކަމަށާއި ހއ. އަތޮޅަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"ހަމައެއާއެކު އުލިގަމު ވެސް އިރާދަކުރެއްވިއްޔާ ހުއްޓިފައި އޮތް އޮތުން އަޅުގަނޑުމެން ބަދަލުކޮށްގެން ދާނަން. ކެލައަށް އިތުރު ފުރިހަމަކަން އަންނާނެ. ދައްފަރަށް ބަދަލު އަންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިތުރަށް ވިދާޅުވީ މި ސަރުކާރު ވެގެންދާނީ ރާއްޖެއަށް ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް އަމާޒު ހިފާނެ ސަރުކާރަކަށް ކަމަށާއި ލ. ގަމުގައި މިހާތަނަށް ވެސް ނުހެދި އޮތް ބިން ރިލީޒް ކުރެވިފައިވާ ކަމަށެވެ.