އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އައިއޯއައިޖީގައި ހޯދި ބޮޑު ކާމިޔާބީއާއެކު ރާއްޖޭގެ ކޮންޓިންޖެންޓް މާލެ އައުމުން ހޫނު މަރުހަބާއެއް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ހޯދި ބޮޑު ކާމިޔާބީއާއެކު ރާއްޖޭގެ ކޮންޓިންޖެންޓް މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މޮރިޝަސްގައި ބޭއްވި އައިއޯއައިޖީ ނިންމާލުމަށްފަހު ކާމިޔާބީތަކާއެކު އެނބުރި މާލެ އައުމުން ރާއްޖޭގެ ކޮންޓިންޖެންޓަށް މަރުހަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. މާލެ އިން ރާއްޖޭގެ ކޮންޓިންޖެންޓަށް މަރުހަބާ ދެންނެވުމަށް ދައުލަތުގެ ވަޒީރުންނާއި އެތުލީޓުންގެ އާއިލާތައް އަދި އާންމުން ވެސް ވަނީ ބައިވެރިވެފައެވެ.

ރަސްމީ ފާލަމުން ރާއްޖޭގެ ކޮންޓިންޖެންޓް މާލެ އައުމާއެކު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސަގާފީ ވެދުމާއެކުއެވެ. ރާއްޖޭގެ ކޮންޓިންޖެންޓަށް ހާއްސަކޮށްފައިވާ ރަތް ދޫލައަށް ފޭބުމާއެކު އެ ކޮންޓިންޖެންޓަށް މަރުހަބާ ދެންނެވުމުގެ ސަފުގެ އެންމެ ކުރީގައި ހުންނެވީ ރައީސް ސޯލިހެވެ.

މިއަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ވަނީ ޖުމްލަ 15 މެޑަލް ހޯދައިފައެވެ. އޭގެ ތެރޭގައި ހަތަރު ރަން މެޑަލް ހިމެނެއެވެ. މިއީ ބައިނަލްއަގުވާމީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މިއަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ހޯދި ހަތަރު ރަން މެޑަލްގެ ތެރެއިން ތިން ރަން މެޑަލް ހޯދީ ޓޭބަލް ޓެނިސް އިންނެވެ. އެއީ ޓީޓީ އަންހެން ސިންގަލްސް އިވެންޓުގައި ފާތިމަތު ދީމާ އަލީ ހޯދި ރަން މެޑެއްޔާއި ޓީޓީ އަންހެން ޑަބަލްސް އިވެންޓުގައި ދީމާ އާއި އާއިޝަތު ރަފާ ނާޒިމް ހޯދި ރަން މެޑައްޔާއި ޓީމް އިވެންޓުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ހޯދި ރަން މެޑައްޔެވެ. އޭގެ އިތުރުން ދެން ހިމެނެނީ ބެޑްމިންޓަން އަންހެން ސިންގަލްސް އިވެންޓުން އާމިނަތު ނަބީހާ ހޯދި ރަން މެޑައްޔެވެ.

ދެން އޮންނަ އައިއޯއައިޖީ ބާއްވާނީ ރާއްޖޭގައެވެ. ރާއްޖޭގައި 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމަށް ބިޑް ކާމިޔާބުކުރުމަށް ސަރުކާރުން ވަނީ ބުރަ މަސައްކަތެއް ކޮށްފައެވެ. މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި 2023 ވަނަ އަހަރުގެ އައިއޯއައިޖީގެ ބިޑް ރާއްޖެއަށް ކާމިޔާބުކުރެވިފައިވާތީ، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވަނީ ގޭމްސްގެ ދިދަ ރައީސް ސޯލިހުގެ އަތްޕުޅަށް އަރުވާފައެވެ.