ދުނިޔެ

ނައިޖީރިއާގައި ޖަނާޒާއަކަށް އަމާޒުކޮށް ދިން ހަމަލާގައި 65 މަރު

ފަތޯނާ ފާއިޒު

ނައިޖީރިއާގައި އިސްލާމީ ދައުލަތެއް ގާއިމު ކުރުމަށް ކަމަށް ބުނެ، އެގައުމުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން އަންނަ ބޯކޯ ހަރާމް ޖަމާއަތުން، އެގައުމުގައި ޖަނާޒާއެއް ކުރިއަށްދަނިކޮށް ހަމަލާދީ ގިނަ ބަޔަކު މަރާލައިވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ނައިޖީރިއާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ހަމަލާ ދީފައިވަނީ ބޯނޯ ސްޓޭޓްގެ ވެރިރަށް މައިޑުގުރީ ކައިރީގައިވާ އަވަށެއްގައެވެ. އެ ހަމަލާގައި އެންމެ ފުރަތަމަ މަރުވީ 21 މީހުންނެވެ. އެހެންނަމަވެސް، ހަމަލާ ދިން ހަނގުރާމަވެރިންގެ ފަހަތުން ދަނިކޮށް އިތުރު 44 މީހުންނަށް ބަޑިން ހަމަލާދީ، ވަނީ މަރާލާފައެވެ.

ނައިޖީރިއާ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދު ބުލަމާއާ ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ، ޖަނާޒާއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކާ ގުޅިގެން 10 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ހާލު ސީރިއަސްވި 8 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ބޯކޯ ހަރާމް ޖަމާއަތުން އެންމެ ބޮޑަށް ހަރަކާތްތެރިވަމުންދަނީ ނައިޖީރިއާގެ އުތުރުގެ ސަރަހައްދުތަކުގައެވެ. އެ ޖަމާއަތުން ހިންގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން މިދިޔަ ޖެނުއަރީމަހުގައި އެކަނިވެސް 30،000 މީހުން ވަނީ ނައިޖީރިއާ ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވެފައެވެ. އެ ޖަމާއަތުން ވަނީ ނައިޖީރިއާގެ ފައްޅިތަކަށާއި މިސްކިތްތަކަށް ހަމަލާ ދިނުމުގެ އިތުރުން، އަންހެނުން ރަހީނު ކުރުންފަދަ އަމަލުތައްވެސް ހިންގާފައެވެ.

ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ވަނީ ބޯކޯ ހަރާމް ޖަމާއަތުގެ ކިބައިން އެގައުމު ސަލާމަތްކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.