ފުރާނަދަންދެން

ފުރާނަދަންދެން - 27

1

އިނާޝާގެ ހިތަށް ހަމަޖެހުމެއް ލިބުނީ މާލޭގައި ތަޢުލީމް ހާޞިލްކުރަމުން ދިޔަ ބުރުހާނުއްދީންގެ އެއްބަނޑު އެއްބަފާ ދައްތަ ސަލްމާ ރަށަށް ބަދަލުވުމުންނެވެ. އަނިޔާއިން މިންޖުވާނެ ކަމަށް ހީކުރެވުނަސް އެކަންވެސް ނިމިގެން ދިޔައީ ހީ އަކުންނެވެ.

ސަލްމާ ކުރިމަތީގައިވެސް ބުރުހާނުއްދީން އިނާޝާ އަށާއި ދަރިފުޅަށް އަނިޔާކުރަން ފެށިއެވެ. މައެއް ފަދައިން ސަލްމާ ދިން ނަޞޭޙަތްތަކުގައި ބުރުހާނުއްދީން ކޮޅުން ފައިން ޖެހިއެވެ. ސަލްމާގެ ހިތްހެޔޮ ބަސްތަކުން އިނާޝައަށް ހިތްވަރު ލިބެމުންދިޔަސް އޭނާގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. ބުރުހާނުއްދީން އޭނާއަށް ކޮންމެފަދަ ގޮތަކަށްވެސް މަރާލާފާނެކަން މީހާރު އޭނާއަށް ކަށަވަރު ވެއްޖެއެވެ. ކިތަންމެ ރެއަކު ދޫ ބުރިކޮށްލަން މަސައްކަތް ކޮށްފިއެވެ. ހަށިގަނޑުގެ އެތަން މިތަނުގައި އަލިފާން ޖައްސާ ފިހެލައިފިއެވެ. ގެއަށް ބޭނުންވާ އެއްވެސް އެއްޗެއް ނުގަނެ ކިތަންމެ ރެއަކު ކުޑަ ދަރިފުޅު ހުސްބަނޑާ ނިންދަވަން ޖެހުނެވެ. މިހުރިހާ ކަމަކާއި ހުރެ އިނާޝާ ހިތް ޒަޙަމްވަމުން ދިޔައެވެ. ދިރިހުރުމަށްޓަކައި އެތެރެއަށް ދަމާލުމަށްފަހު ނޭވާ ބޭރަށް ދޫކޮށްލާނެހާ ހިތްވަރުވެސް އޭނާގެ ނިކަމެތި ހަށިގަނޑުގައި ނެތް ކަހަލައެވެ.

"ކަލޭ ހީކުރީ އަހަރެންނަށް ކަލޭ ވަރިކުރަން ނުކެރޭނެ ކަމަށްތަ...؟ ވަރިކޮށްފަ ތިހެރީ... އެކަމަކު މި ނަރަކައިން ކަލެއަށް ސަލާމަތްވާން ލާހިކެއްނޫން.... ކަލޭގެ ސަބަބުން އަހަރެންގެ ބައްޕަ މަރުވެގެން ދިޔައީ... ކަލޭ ޖެހޭނީ އެކަމުގެ އަގު އަދާކުރަން.... ޝުރިއްޔާ މާލެއިން އަންނަންދެން އަހަރެންގެ ބޭނުންކުރާނީ ކަލޭގެ ހަށިގަނޑު..." ތަކުރާރުކޮށް އިނާޝާ ވަރިއަށް އެދުމުން ބުރުހާނުއްދީން ވާހަކަދެއްކިއެވެ. އިނާޝާ ވަރިކުރި ހިނދު އޭނާގެ ކުރަކި ވެފައިވާ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ހިތަށާއި ހަށިގަނޑަށް ލިބިގެންދިޔަ އުފަލާއި ހިތްހަމަޖެހުން ދުލަކުން ގަލަމަކުން ބަޔާންވެސް ނުކުރެވޭނެއެވެ. އޭނާއަކީ ބުރުހާނުއްދީންގެ އަންބެއް ނޫންކަން އެނގުމުން ހެއްދެވި ފަރާތަށް ޙަމްދު ކުރެވުނެވެ. އޭނާއަށް އެ ނަރަކައިން ސަލާމަތްވާނެ މަގެއް ފެނުނު ފަދައެވެ.

"ކޮއްކޮ ތިހާ ރަހުމުކުޑަ އިންސާނަކަށްވީ ކިހިނެއް...؟ ކީއްވެގެންތަ އަމިއްލަ އަތުން އަމިއްލަ ދިރިއުޅުން ހަލާކުކުރަން ތިއުޅެނީ..." ބުރުހާނުއްދީން ހަމަ މަގަށް އެޅުވުމަށްޓަކައި އެއްދުވަހު ބުރުހާނުއްދީން ކޮޓަރިއަށް ވެއްދުމަށްފަހު ސަލްމާ ވާހަކަދެއްކިއެވެ.

"ދައްތަވެސް އެ އަންހެނާގެ ކޮޅަށް ވާހަކަދައްކަންޏާ އަހަރެންނަށް ރަނގަޅީ އަހަރެންނާ ވާހަކަނުދެއްކިއްޔާ. އަހަރެން އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއްނޫން. އަހަރެން ބޭނުމީ ޝުރިއްޔާއާއި އެކީގައި އުޅެން" ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

"ކިތަންމެ ދުވަހަކު މީހަކާއި ނުއިނދެ ހުއްޓަސް ދެން ކޮއްކޮއަކަށް އިނާޝާ ކަހަލަ އަންބަކު ނުލިބޭނެ... އެހެންނޫނަސް މިވާހަކަ ދައްކަން އަހަރެންނަކީ ކާކު...؟" ސަލްމާ އެތަނުން ދިޔައީ މާޔޫސްވެގެންނެވެ.

އޭގެ ހަފްތާއެއް ފަހުން އިތުރަށް ކިޔެވުމަށްޓަކައި ސަލްމާ ބޭރަށް ފުރުމުން އިނާޝާ ކަންބޮޑުވިއެވެ. ސަލްމާ ހުރި ދުވަސްކޮޅުގައި އޭނާއަށް ބުރުހާނުއްދީންގެ އަނިޔާތަކުން ހިނދުކޮޅަކަށް މިންޖު ވެވުނެވެ. އަނެއްކާވެސް އެދުވަސްތައް ތަކުރާރުވާނެކަން އޭނާއަށް އިނގެއެވެ. ބުރުހާނުއްދީނަށް އަންގާވެސް ނުލާ އޭނާ ދިޔައީ އެރަށުން މާލެއަށް ފުރާ ބޯޓެއް އޮތްތޯ ބަލަމުންނެވެ. ގޭދޮށު މީހަކު ދިން ކާއެތިކޮޅަކުން ދެމައިން ބަނޑު ފުރާލައިގެން އެނދަށް ނިދަން އެރި އިރު ބުރުހާނުއްދީން ގެޔަކު ނެތެވެ. އޭނާ އައުމުގެ ކުރިން އިނާޝާ ބޭނުންވަނީ އަރާމު ނިންޖަކުން ނިދާލާށެވެ.

ކުއްކިއަކަށް ދޮރު ހުޅުވާލާފައި ވަތް ބުރުހާނުއްދީން ފެނި އެނދުގައި ނުނިދިފައި އޮތް އިނާޝާއަށް ފުންމައިގެން ތެދުވިއެވެ. ބުރުހާނުއްދީން ހުރީ ހަމަ ހޭގައި ނޫންކަން އިނާޝާއަށް އިނގުނީ އޭނާގެ ހަރަކާތްތައް ހުރި ގޮތުންނެވެ. ބުރުހާނުއްދީން ވެއްޓިގަތީ އިނާޝާގެ ގައި މައްޗަށެވެ. ދަރިފުޅަށް ގެއްލުމެއް ވެދާނެތީ ބުރުހާނުއްދީންގެ އަތްދަށުން ރެކިގަނެގެން ގޮސް އޭނާ ދަރިފުޅު އެނދުން ނަގާފައި ކުޑަ އެނދުގައި ބޭއްވިއެވެ. އޭނާއަށް ރަނގަޅަށް ހަމަޖެހި ނުލެވެނީސް ބުރުހާނުއްދީން އޭނާގެ ހަށިގަނޑުގައި ހިފައިގަތެވެ. ވަލު ޖަނަވާރެއް ފަދައިން އިނާޝާގެ ހަށިގަނޑު ޝިކާރަކޮށްލިއެވެ. އެއްވެސް ރަހުމެއްނެތި އެތައް އަނިޔާއެއް ދެމުންނެވެ. އެނދުގައި އިނާޝާ ސަލާމަތްވާން ތެޅެމުންދާތީ މައިތިރިކުރަން އޭނާ ޖެހީ އެނދުގެ ހެޑްބޯޑު މަތީގައި ބަހައްޓާފައި ހުރި ވާސްއިންނެވެ. އިނާޝާގެ އަނގައިން ވޭނީ އާހެއްގެ އަޑު ބޭރުވިއެވެ. ހަށިގަނޑުގައި ހޭ ހުއްޓަސް އޭނާގެ ހުރިހާ ހަރަކާތެއް ހުއްޓުމަކަށް އައި ކަހަލައެވެ. އެއްފަހަރާ އޭނާ މައިތިރިވިއެވެ. ބުރުހާނުއްދީން ބޭނުންގޮތެއް ހަދަން އަމިއްލަ ހަށިގަނޑު ދޫކޮށްލިއެވެ. އޭނާ ވަރުބަލިވީއެވެ. ބުރުހާނުއްދީން ތެދުވެގެން ދަމުން ޑްރެސިންޓޭބަލް މަތީގައި ހުރި ހުރިހާ އެއްޗެއް އަތުންޖަހާ އުކާލިއެވެ. އެ އަޑަށް އެނދުގައި އޮތް ކުޑަ ދަރިފުޅު ރޯން ފެށިއެވެ. އެނދުން ފައިބައިގެން އައި އިނާޝާ ދުވަހަކުވެސް ނުކުރާހާ ހިތްވަރުކޮށް އަލަމާރި ކައިރިއަށް ގޮސް އޭނާގެ ހަށިގަނޑު ނިވާކުރިއެވެ. އޭނާ އެނދުގައި އޮތް ދަރިފުޅު ކައިރިއަށް ދާން އުޅުނު ގޮތް ފެނި ކޮޓަރި ތެރޭގައި ހުރި ބުރުހާނުއްދީން ނުލަފާ ޒާތަކަށް ހޭންފެށިއެވެ. ވަކި ހިސާބަކުން އިނާޝާ އަރި އަޅާލިއެވެ. އޭނާ ވެއްޓެން ދިޔައިރު ސަލާމަތަށް އެދި ބުރުހާނުއްދީނަށް އަތް ދިއްކޮށްލެވުނެވެ. ނަމަވެސް އެރަހުމެއްނެތް އިންސާނާ ކޮޓަރިން ނިކުމެގެން ދިޔައީ އިނާޝާގެ އަތް މައްޗަށް ފައިން އަރާ ބާރުކޮށްލާފައެވެ.

އެތައް ހިތްވަރެއްކޮށް އެނދުގައި އޮތް ދަރިފުޅާއި ހަމައަށް އޭނާއަށް ދެވުނެވެ. އެދަރިފުޅު ރަޖައަކަށް ލައިގެން އޮޅާލައިގެން އޭނާ އެދަންވަރުގައި އެގެއިން ނިކުތީ އޭނާއަށް އެ އަނިޔާތަކަށް އިތުރަށް ކެތްނުކުރެވޭނެތީއެވެ. އެ ދަރިފުޅުގެ މުސްތަގުބަލަށްޓަކައެވެ. އޯގާތެރި ފިރިއެއްގެ ލޯބި އޭނާއަށް މިންވަރު ކުރައްވާފައި ނުވި ނަމަވެސް ނަސީބު އޭނާގެ އަތުގައި ހިފީ އެވަގުތު އެރަށުން ބަލި މީހަކު ގޮވައިގެން މާލެއަށް ފުރަން އުޅުނު ލޯންޗަކުން ޖާގަ ލިބިގެންނެވެ. އެވަގުތު އެ ލޯންޗު ދުއްވަން އިނީ އޭނާގެ ދުރުތާ ތިމާގެ ކުއްޖަކަށް ވިތީ އޭގައި ތިބި ބަލިމީހާގެ އާއިލާގެ ރުހުމާއިއެކު އެ ފުރުސަތު އޭނާއަށް ދިނެވެ. ތިން ގަޑިއިރުގެ ދަތުރަކަށްފަހު މާލޭ ފަޅަށް ލޯންޗު ގާތްކުރުމާއެކު އިނާޝާ ފޭބިއެވެ. ދަރިފުޅު ކޮނޑު މައްޗަށް ލައިގެން އޭނާ ހިނގަމުން ދިޔައީ ދެވޭ ވަކި ތަނެއް ނޭނގިއެވެ. އޭނާގެ ނަސީބު ހުރި ދިމާލަކަށެވެ. ނަމަވެސް ބުރުހާނުއްދީން ވާސްއިން ޖެހުމުން ދުޅަވެފައި ހުރި ތަނުގައި ކުއްލިއަކަށް ވަރަށް ގަދައަށް ރިއްސައިގަތެވެ. މޭނުބައިކޮށް ހޮޑުވެސް ލެވުނެވެ. އޭނާގެ ލޯ މައްޗަށް އަނދިރިވެ ވެއްޓެން ދިޔަ ވަގުތު އުރާލައިގެން ހުރި ދަރިފުޅު ހަށިގަނޑުގައި ބާރަށް ބައްދައިގަތެވެ. މާލޭ މަގުމައްޗަށް އޭނާ ވެއްޓުނީ ބިމުން ކަނޑާ ވައްޓާލި ރުކެއްހެންނެވެ. ދަރިފުޅުގެ ހަށިގަނޑުން އޭނާގެ ދެއަތް ނެއްޓިގެން ދިޔަ ވަގުތު އެކުއްޖާ އައިސް ޖެހުނީ އޭނާގެ މޭމަތީގައެވެ. އެކުއްޖާ ރޯން ނުފެށީ މަންމަގެ ހަށިގަނޑުން އެކުއްޖާއަށް އިހުސާސް ކުރެވިގެން ދިޔަ ހިމާޔަތަކުންނެވެ.

އިނާޝާއަށް ހޭލެވުނު އޭނާ އޮތީ ހޮސްޕިޓަލުގައެވެ. އޭނާއާއި ދާދި ކައިރީގައި ތިބީ ރާއްޖެއިން ބޭރު ދެފިރިހެނުންނެވެ. ޒުވާންކޮށް ހުރި ފިރިހެންމީހާގެ ތުންފަތްމަތިން އޭނާއަށް ފެނުނީ ހިތްހެޔޮކަމެވެ. އޭނާއަށް ކިޔަނީ މޯހަންދާސްކަން އިނގުނީ އެ ޒުވާނާ އިނގިރޭސި ބަހުން ބުނުމުންނެވެ. އަދި ކައިރީގައި އިނީ މޯހަންދާސްގެ ބައްޕަ ކަމުގައި ބުނެލިއެވެ. ނަމަވެސް އިނާޝާއަށް ހޯދައިލެވުނީ އޭނާގެ ދަރިފުޅެވެ. އެކަން މޯހަންދާސްއަށް އެނގިގެން އެކުއްޖާ ހެޔޮ ހާލުގައި އޭނާގެ ގޭގައި ހުރި ކަމަށް ބުނެލިއެވެ.

އިނާޝާއަށް ވާހަކަދައްކަން މަސައްކަތްކޮށް ނުދެއްކުމުން އިތުރު ޓެސްޓްތައް ޑޮކްޓަރުން ހެދިއެވެ. އަދި އޭނާގެ ސިކުނޑިއަށް ޝޮކެއް ލިބުމުގެ ސަބަބުން ވާހަކަނުދެއްކި ހިނގައިދާނޭވެސް ބުނެލިއެވެ. މޯހަންދާސް ބޭނުންވީ ވަގުތުން އިނާޝާ ގޮވައިގެން ބޭހަށް ފުރުމަށެވެ. އެކަމުގައި އޭނާއަށް އޭނާގެ ބައްޕަގެ ފަރާތުން އެއްބާރުލުން ލިބުނެވެ. އިނާޝާއާއި ދަރިފުޅު ގޮވައިގެން މޯހަންދާސް އޭނާގެ އުފަން ޤައުމަށް ފުރިއެވެ.

މާޒީގެ ދުވަސްތައް އިނާޝާގެ ސިކުނޑި ތެރޭގައި ވަކިހިއްޕާލީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. އޭނާ އެދުވަސްތަކުން ނިކުތީ ގަދަކަމުންނެވެ. އޭރު އޭނާއަށް ރޮވެމުންދިޔަ ކަމެއްވެސް އޭނާއަށް ނޭނގެއެވެ. އޭނާ ހިތްދަތިވީ ވަރުން ރުއިން ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާ ތެދުވެ އެނދުގައި އިށީނެވެ.

"ކީއްވެތަ މިހާރު ބުރުހާނުއްދީން އަހަރެން ހޯދަން ތިއުޅެނީ...؟ އަހަރެން ކިހިނެއް އެދުވަސްތައް ހަނދާން ނައްތާލާނީ... އަހަރެން ދުވަހަކުވެސް ތި އިންސާނާއަށް މަޢާފެއް ނުކުރާނަން... އަހަރެން އުފަލުގަ އުޅުނަދީ... ހެޔޮނުވާނެ...." އިނާޝާ ދެކަކުލުގައި ބޯއަޅާލިއެވެ.

***************

ދަމުނަމާދަށް ހޭލި ޙައްވަގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރޯނު އެނދުގެ ފާރުގައި ލެގިލައިގެން ދެކަކުލުގައި ބޯ އަޅާލައިެން އިން އަޒްކާއެވެ. އޭނާ ހިތުގައި ރިއްސާލިއެވެ. އެއީ އޭނާއަށް އަލަށް ފެނުނު މަންޒަރެއް ނޫނެވެ. ރޭގަނޑުގެ ނިންޖަކީ ފަހަކަށް އައިސް އަޒްކާއަށް ބީރައްޓެހި އެއްޗެކެވެ. އޭނާ އަޒްކާއަށް ގޮވާނުލާ ކުޑަ މަކުޑިއެއް އަޅުވާފައިވާ ފިލާ ދޮރުފަތް ހުޅުވާލުމަށްފަހު ނިކުތީ ސިޓިންގްރޫމެއް ގޮތަށް ބޭނުންކުރާ ކުޑަ ގޮޅިއެއް ކަހަލަ ތަނަކަށެވެ. އެތަނުގައި ފަތްޖެހި އެނދެއްގައި ނިދާފައި އޮތް ޙަމީދަށް ދަމު ނަމާދަށް ގޮވުމަށްފަހު ޙައްވަ ވަނީ ގިފިއްޔަށެވެ.

ވުޟޫކޮށްގެން އައިސް ކޮޓަރިއަށް ވަތްއިރުވެސް އަޒްކާ އިނީ އެގޮތުގައެވެ. އަޅާނުލަން އުޅުނަސް ޙައްވައަށް ކެތެއް ނުވިއެވެ. އޭނާ މަޑުމަޑުން ހިނގާލާފައި ގޮސް އަޒްކާގެ މަގަތުން އިށީނުމަށްފަހު އަޒްކާގެ ބޮލުގައި ފިރުމާލިއެވެ. ބޯ ހިއްލާލާފައި އަޒްކާ ޙައްވައަށް ބަލައިލިއެވެ. އަޒްކާގެ ދެލޮލުގައި ގިނަވެފައިވާ ކަރުނަތައް ފުޅި ބައްތީގެ އަލީގައިވެސް ޙައްވައަށް ފާހަގަވިއެވެ.

"ދަރިފުޅު ތިއުޅެނީ ޙައްވައްތަ އަވަހަށް މަރާނުލެވިގެންތަ...؟" ކުރެހިފައިވާ އަޑަކުން ޙައްވަ ބުނެލިއެވެ.

"ނޫން... ޙައްވައްތައާއި ޙަމީދުބެއަށް ދެރަވާގޮތަށް އެއްވެސް ކަމެއް އަޅުގަނޑެއް ނުކުރާނަން. މިދުނިޔޭގައި ތި ދެމައިން ނޫން އަޅުގަނޑުގެ ހުރީ ކާކު...؟" އަޒްކާ ބުނެލިއެވެ. އޭނާގެ އަޑުގައިވަނީ އިންތިހާދަރަޖައިގެ ވޭނާއި ކެކުޅުމެވެ.

"ދެން ކީއްވެ އަބަދު ތި ވިސްނުންތަކާއި ފިކުރުތަކުގެ އަޅަކަށްވެގެން ތިއުޅެނީ..؟ އަބަދު ތިގޮތަށް އުޅެންތަ ބޭނުންވަނީ...؟" ދެލޯ ކައިރި ފޮހެލަމުން ޙައްވަ ބުނެލިއެވެ.

"ތެދެއް ބުނަންތަ ޙައްވައްތާ... އަޅުގަނޑު މިހާރު އިންތިޒާރު މިކުރަނީ އަޅުގަނޑު މަރުވާނެ ދުވަހަކަށް. އެއްވެސް މީހަކަށް ބުރައަކަށް ވެގެން އަޅުގަނޑު އުޅޭހިތެއް ނުވޭ. އަޅުގަނޑު ދުނިޔޭގައި ހުންނަންވީ އެއްވެސް ބޭނުމެއް މިހާރަކު ނެތެއްނު. ކުރިން ހިތަށް އެރީ ދަރިފުޅަށްޓަކައި ކޮންމެހެންވެސް ދުނިޔޭގައި އުޅޭނަމޭ. އަމިއްލަ ފައި މައްޗަށް ތެދުވެ ދިރިއުޅުން އާބާދުކުރާނަމޭ...އެކަމަކު...."

"މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި.. ތިކަހަލަ މޮޔަ ވާހަކަ ނުދައްކާ... މާތް ﷲ މިދުނިޔެއަށް ފޮނުވާފައިވާ ކޮންމެ މަޚްލޫގެއްވެސް ގެންދަވާނީ އެ އެއްޗެއްގެ އަޖަލު ޖެހުނީމަ" ޙައްވަ ވާހަކަދެއްކިއެވެ. އޭނާގެ ދެލޯ ފުރިފައިވަނީ ތާޒާ ކަރުނަތަކުންނެވެ.

"ތިހެން ނީނދެ ތެދުވެބަލަ. ވުޟޫކޮށްގެން އައިސް ނަމާދުކޮށްލާ. ހިތަށް ހަމަޖެހުން ލިބި ނިދާލެވިދާނެ..." އަޒްކާގެ އަތުގައި ހިފާ ނަގަމުން ޙައްވަ ބުނެލިއެވެ.

ފަތިސް ނަމާދުކޮށްގެން ޙަމީދު މިސްކިތުން ފޭބިއިރު ހައެއް ޖަހަން ގާތްވެއްޖެއެވެ. ނަމަވެސް ދުނިޔެ އޮތީ އަނދިރިކޮށެވެ. ހިމަފޮދު ވާރޭ ވެހެމެން ދިޔައިރު ވައިވެސް ފުދޭވަރަކަށް ބާރެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށީއެވެ. ބޯކޮށް ވާރޭވެހި ގުގުރާނެކަމަށާއި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މެޓް އޮފީހުން އޮތީ ވައިޓް އެލަރޓްވެސް ނެރެފައެވެ. އަތުގައި ޓޯޗް ބައްތީގެ އެހީގައި ހަމީދު މަގުމައްޗަށް ނިކުތީ ވާރޭ ބޯކޮށްލުމުގެ ކުރިން އަވަހަށް ގެއަށް ދިޔުމަށެވެ.

ގެއަށް ވަދެގެން ގޮސް ޙަމީދު މިސްރާބު ޖެހީ ބަދިގެއާއި ދިމާލަށެވެ. އޭރު ޙައްވަ އުނދުން މައްޗަށް ސައިކުރާ އުދައިގެން އުޅެއެވެ.

"ތިއައީތަ...؟ އިށިނދޭ.. މަންމަ މި ހަދާލަނީ ސައި..." ޙައްވަ ބުނެލިއެވެ. އަތުގައި އޮތް ހެދިކާ ކޮތަޅު މޭޒު މަތީގައި ބާއްވަމުން ޙަމީދު ދެފަރާތް ބަލައިލިއެވެ. އެހެނީ ކޮންމެ ފަތިސް ނަމާދަކަށްފަހު އޭނާ ތާޒާ ހެދިކާ ގެއަށް ގެންނަނީ ހަމައެކަނި އަޒްކާއަށްޓަކައެވެ. އެއްދުވަހު ހެދިކާ މީރުވެގެން ޙައްވަ ކައިރީގައި އަޒްކާ ދެއްކި ވާހަކަ އޭނާއަށް އަޑު އިވުނީމައެވެ.

"ކޮބާތަ މިއަދު އެމަންޖެ...؟ ޙަމީދު ބުނެލިއެވެ.

"ނިދައިފި. ރޭ އެއްކޮށް ލޮލުފިޔަ ޖަހާވެސްނުލާ... މަންމަ ބުނިން ސައިބޯންވީމަ ގޮވާލާނަމޭ..." ދަގަނޑު ހިމަ ހޮޅިކޮޅަކުން ދަރު އުނދުނަށް ފުމެމުން ދިޔަ ޙައްވަ ބުނެލިއެވެ.

"މަންމާ...!! އިބްރާހީމްބެ ގެއަށް ގޮސްލާފައި ވަރަށް އަވަހަށް މިއަންނަނީ އިނގޭ..." ބަދިގޭ ކަނެއްގައި ލައްކޮށްލާފައި ހުރި ކުޑައެއް ނަގަމުން ޙަމީދު ބުނެލިއެވެ.

"ކޮންތާކަށް. ވަރަށް މޫސުން ގޯސްވެއްޖެ... ފަހުން ދާން މަޑުކުރޭ..." ބަދިގެއިން ދޮރުމަތީގައި ހުރެ އުޑުމައްޗަށް ނަޒަރު ހިންގާލަމުން ޙައްވަ ބުނެލިއެވެ.

"އޭރުން ލަސްވާނެ މަންމާ. ނޭނގެ މީހާރު އިބްރާހީމްބެ ފުރަން ނުދާ ކަމެއްވެސް. މަންމަ ބުނެގެން ބޮޑު ތަންޑެއް ހެދީވެސް އެމަންޖެ ނިދާ ކޮޓަރީގައި އަޅުވަން" ޙަމީދު ބުނެލިއެވެ. ޙައްވަ ހަނދާންވިއެވެ. ތެދެކެވެ. އެއީ ވަރަށް މުހިންމު ކަމެއްކަން ޙައްވައަށް އިނގުނެވެ.

"އަވަހަށް އަންނާތި އިނގޭ..." ޙައްވަ ބުނެލިއެވެ.

"އެ މަންޖެގެ ކޮންމެ ކަމެއްވެސް އަހަރެންނަށް މުހިންމުވާނެ މަންމާ... އަހަރެންގެ ދަރިފުޅަށް ބަފައެއްގެ ފަރާތުން ދޭންޖެހޭ ގާތްކަމާއި ހިމާޔަތް އަހަރެންނަކަށް ނުދެވުނު. މިހާރު ދަރިއެއް ފަދައިން ކައިރީގައި މިގެންގުޅޭ ކުއްޖާއަށް އެ ލޯބި އެންމެ ތަންކޮޅެއްވެސް އުނިނުކޮށް ދޭން ބޭނުން. އެ ދަރިފުޅަށް ރައްކާތެރިކަން ލިބުނީމަ އަހަރެންގެ ހިތުގެ މުރާދު ހާޞިލްވީ" ޙަމީދު ވާހަކަދެއްކިއެވެ. ޙައްވަ ދޮރުމަތީގައި ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ އަމިއްލަ މާމަ ދަރިފުޅު މަތިން ހަނދާންވި ވަގުތު ހިތުގައި ރިއްސާލިއެވެ.

ކުރެވުނު ފާފައަށް ފުރިހަމަ ތައުބާއަކުން ތައުބާވުމަށް ފަހުގައިވެސް ނައިޝީގެ ހިތުން ނުތަނަވަސް ކަމެއް ނުފިލިއެވެ. ނާހިދަށް ފެންނަ ކޮންމެ ހިނދެއްގައި އޭނާއަށް ނާހިދަށް ބޭވަފާތެރި ވެވުނުކަން ހަނދާން ކޮށްދެނީއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީއެވެ. އެއްވެސް ކަމަކާއި ނުލާ ރޮވެނީއެވެ.

ނާހިދަށް ހީވެފައިވާ ގޮތުގައި އޭނާއާއި ނައިޝީއާއި ދެމެދުގައިވާ ދުރުކަން ފިލައިފިއެވެ. ފިރިއެއްގެ ވާޖިބު އޭނާއަށް އަދާކުރެވިއްޖެއެވެ. އެދެމެދުގައިވާ ދުރުކަމުގެ ފަރުދާ ހިއްލާލެވިއްޖެއެވެ. ދެރައީ އެއްވެސް ކަމެއް އޭނާ ހަނދާނުގައި ނެތްކަމެވެ. އޭނާގެ މޭގައި ބޯއަޅާލައިގެން އޮތް ނައިޝީގެ މޫނަށް ނާހިދް ބަލައިލިއެވެ. ނައިޝީ އޮތީ ވިސްނުމަކަށް ގެއްލިފައެވެ. ނާހިދު ލާނެއް ސަމާސާއެއް ކޮށްލާހިތްވިއެވެ. އަމިއްލަ ނަފްސަށް ހީލުމަށްފަހު ނައިޝީ ލައިގެން އޮތް ކުރު ޓީޝާޓްކޮޅުގެ އެތެރެއިން ނައިޝީގެ ބަނޑުގައި އަތް ބީއްސާލިއެވެ. އެ ހިނދު ނައިޝީ ހީލިކަރުވައިގަނެގެން ތެޅިގަތެވެ.

"ނާހިދް...! އެހެން ނަހަދަބަލަ... ދެން...." ނައިޝީ އުޅުނު ގޮތުން ނާހިދަށް މަޖާވިއެވެ.

"އިޝީި ކޮން ވިސްނުމެއްގައި. އަހަރެން އުޅުނީ އެ ދުނިޔެއިން މިދުނިޔެއަށް އިޝީ ގެންނަން" ނާހިދް ބުނެލިއެވެ. އެހިނދު ނައިޝީގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ.

"މި... މި ހިތަށް އަރަނީ އެރޭ އަހަރެމެން ދެމީހުން މެދުގައި ހިނގި ހުރިހާ ކަމެއް ނާހިދް ހަނދާން ހުރިނަމަ ކިހާ ރަނގަޅުބާއޭ... އޭރުން ޔަޤީނުންވެސް މި ވިސްނުނަތަކާއި ފިކުރުތަކުން އަހަރެން ސަލާމަތްވީސް..." މާނަފުން ވާހަކައެއް ނައިޝީ ދައްކާލިއެވެ. ނާހިދްގެ ދެ ބުމަ ގޮށްޖެހިގެން ދިޔައީ ނައިޝީގެ ވާހަތަކުން ނަގަންވީ މާނައެއް އޭނާއަށް ނުވިސްނުމުންނެވެ.

"ވަޓް ޔޫ މީން އިޝީ..." ނާހިދް އަހައިލިއެވެ.

"މިބުނީ އެހާ ރޮމޭންޓިކް ނައިޓެއްގަ ވި ހުރިހާ ކަމެއް ނާހިދްގެ ހަނދާނުގަ ނެތީމަ. އަހަރެން ހިއެއް ނުކުރަން އެހާ އަވަހަށް ނިދިދާނެ ކަމަކަށް އެ ޑްރިންކް ބުއީމަ" ނައިޝީ ވާހަކައެއް ހަދައިލިއެވެ. އޭނާ ދެރަވެސްވިއެވެ. ދޮގު ހަދަން ބޭނުންނުވާއިރު ތެދު ހާމަކުރެވޭކަށް ވެސް ނެތެވެ. އެއްދޮގު ހަދައިފިއްޔާ އެދޮގު ފޫބައްދަން އަނެއް ދޮގު ހަދަން ޖެހެއެވެ.

"އެއީ އެވަރުކަމެއް ނޫނެއްނު. އަހަރެންނަށް އިޝީ ހިތް ފުރޭވަރަށް ނުދެވޭތަ...؟ އެހެންވިޔަސް ބުނައްޗޭ... ކުރިއަށް އޮތީއެއްނު އަދި ދުވަސްތައް. ޔަޤީނުންވެސް އެއީ އަހަރެންގެ ފަސްޓް ޓައިމް. އެހެންވެ އެރޭގެ ފަހުން އަހަރެންނަށް އިޝީ ވަރަށް ސްޕެޝަލްވެއްޖެ" ނައިޝީގެ ނިތްކުރީގައި ބޮސްދެމުން ނާހިދް ވާހަކަދެއްކިއެވެ. ނައިޝީގެ ތުންފަތް މައްޗަށް 'ފޭކް' ހިނިތުންވުމެއް ވެރިކުރުވީ ގަދަކަމުންނެވެ. އޭނާގެ މޭތެރޭގައިވާ ހިތް ރޮނީއެވެ.

"ނާހިދް އަހަރެންނާއި އެކު އުޅެން ހުރިހާ ހިނދަކު އަހަރެން އަބަދުވެސް ހުންނަނީ ނާހިދާއެކު. އަހަރެންނަށް ކުށެއް ކުރެވުނިއްޔާ މަޢާފްކޮށްދެއްޗޭ..." ނައިޝީއަށް ނާހިދްގެ ހަށިގަނޑުގައި ބައްދައިގަނެވުނެވެ. ބަދަލުގައި ނާހިދްވެސް ނައިޝީގެ ހަށިގަނޑު އޭނާގެ މެއާއިލާ ބޮނޑިކޮށްލިއެވެ. ފުރަތަމަ ލޯބީގެ ސަބަބުން ހިތަށް އުނދަގުލެއް އިހުސާސްވި ނަމަވެސް އޭނާ އެހުރިހާ ނުތަނަވަސްކަމެއް އެއްފަރާތް ކޮށްލިއެވެ. އޭނާގެ މުސްތަގުބަލް ގުޅިފައި އޮތީ ނައިޝީއާއި ކަމަށް ވީއިރު އެދުރުކަމާއެކު އޭނާއަށް ދުވަހަކުވެސް ދިރިއުޅުމެއް ލިބެން ނެތީތީ އޭނާ ދެލޯ މަރާބާރުކޮށް ހިތުގެ ގޮވުމަށް އެއްބާރުލުން ދިނެވެ. އޭނާ ހަމަހޭގައި ހުރެ ނައިޝީއަށް ލޯބި ދިނެވެ. އޭނާއަށް ނޭނގުނު ކަމަކީ ނައިޝީ އޭނާއަށް އޮޅުވާލާފައިވާ މިންވަރެވެ. އެ މަލުގެ ވަސްބެލީ ފުރަތަމަ އޭނާއެއް ނޫންކަމެވެ. އޭނާއަށް އެރުނީ ބާ އޮޑިއަކަށް ކަމެވެ. ނައިޝީގެ ހަޔާތުން އޭނާއަށް އެލިބުނީ ދެވަނަ ކަމެވެ. އޭނާގެ ހަލާލު އަނބިމީހާ ހިލޭ ފިރިހެނެއްގެ ތަންމަތި ހޫނުކޮށްދީފައިވާ ކަމެވެ. ޙަޤީޤަތް ނޭނގި ހުރެ އޭނާ ފިރިއެއްގެ ވާޖިބު އަދާކުރިއެވެ.

ދެހަފްތާ ފަހެވެ. ނައިޝީއާއި މާހިލްއާއި ދެމެދު ހިނގާދިޔަ ކަންތަކަށްފަހު މާހިލް ހީކުރީ އޭނާގެ މީހަކަށް ނައިޝީ ވާނެ ކަމެވެ. އޭނާ ބޭނުންވި ކޮންމެ ގަޑިއެއްގައި ނައިޝީ 'އެވައިލެބަލް' ވާނެ ކަމެށެވެ. ނަމަވެސް ކަންތައް ހިނގާ ދިޔައީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ނައިޝީ އޭނާގެ ފޯނަށް ޖަވާބުނުދޭތާ މެސެޖަށް ރިޕްލައިވެސް ނުކުރެއެވެ. ފުރަތަމަ އޭނާ ހީކުރީ ޒިންމާދާރު ވަޒީފާއެއްގައި އުޅެމުން ގޭތެރޭގެ މަސައްކަތް ކުރަން ޖެހޭތީ ނައިޝީއަށް ބުރައީ ކަމަށެވެ. ނަމަވެސް މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ. ނައިޝީ ގަސްތުގައި އޭނާ އިގްނޯ ކުރަނީއެވެ. އެގޮތް މާހިލްއަށް ކަމު ނުދިޔައެވެ. ނައިޝީ ޖެހޭނީ އޭނާ ބޭނުން ކޮންމެ ގަޑިއެއްގައި އޭނާއަށް ހިދުމަތްކުރަން އޭނާގެ ކުރިމަތީގައި ހުންނާށެވެ.

ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަމުން ދިޔަ މާހިލްގެ މޫނުމަތީގައި ވަނީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. އޭނާ ފޯނު ހިފައިގެން އެނދުގައި އިށީނެވެ. ފޯނަށް ބަލަހައްޓައިގެން އިންއިރު އޭނާއަށް ބަރާބަރު ސަތޭކަ ވިހި ފަހަރު ނައިޝީއަށް ގުޅައިފިއެވެ. ފަހު ފަހަރު އޭނާ ގުޅާލިއިރު ނައިޝީގެ ފޯނު އޮތީ އޮފްކޮށްލާފައެވެ. އެތެރެހަށީގައި ރޯވެފައިވާ އަލިފާންގަނޑު ހީވީ ހުޅުފަޅައިގެން ދިޔަހެންނެވެ. އަތުގައިވާ ފޯނު އެއްލާޖެހީ ފާރުގައެވެ. އެނދުގައިވާ ބާލީސްތަކާއި ބެޑްޝީޓްވެސް ނައްޓާލާފައި އުކައިގަތެވެ. މާނޭވާ ލެވިފައިވާ ހާލު އޭނާ ދެކޮޅަށް ހިނގަން ފެށިއިރު ދެން ކަންތައް ކުރަންވީ ގޮތް ސިކުނޑީގައި ރާވަމުން ދިޔައެވެ. އޭނާ އަލަމާރި ތެރޭގައި ކަޅު ކުލައިގެ ބޭގަކަށް ލާފައި އޮތް ލެޕްޓޮޕް ހިފައިގެން ގޮސް އެނދުގައި އިށީނެވެ. ލެޕްޓޮޕް ހުޅުވާލާފައި ސައިޑް ކަބަޑްގެ ވަތްގަނޑު ދަމާލާފައި ރަތްކުލައިގެ ހާޑެއް ނެގިއެވެ. ދޭތި ކަނެކްޓް ކޮށްލުމަށްފަހު ލެޕްޓޮޕްގެ ސްކްރީނުން ނަޒަރު ވަކިނުކޮށް ދެފަރާތަށް ކަޅި ހިންގަމުން ދިޔައެވެ. ހުޅުވިގެންދިޔަ ފޯލްޑާރގައިވާ ފޮޓޯތައް ފެނުމާއެކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ގެޓް ރެޑީ ފޯރ ރިވެންޖް ނައިޝީ...." ބޯ ދަށަށް ދެއަތް ލައްވާލާ އުއްޑުން ބާލީސް މައްޗަށް ވެއްޓިގަންނަމުން މާހިލް ބުނެލިއެވެ.

**********************

އަޒްކާ ގޮވައިގެން ޙައްވަ ރަށު މަރުކަޒަށް ދިޔައީ އަޒްކާގެ ބޮލުގައި ރިއްސާ ވާހަކަ ބުނުމުންނެވެ. މަގުގެ އެއްފަރާތުން ޙައްވައާއި އެކުގައި ކުރިއަށް ހިނގާފައި ދިޔަ އަޒްކާގެ މޫނުމަތިން އޭނާ ޑޮކްޓަރަށް ދައްކަން ބޭނުންވެފައި ހުރިހެނެއް ހިއެއް ނުވެއެވެ. ޙައްވަ ދެރަވެދާނެތީ އޭނާ އެއްބަސް ވީއެވެ.

"ޙައްވައްތާ ކީއްކުރަން ޑޮކްޓަރަށް ދައްކަން އަޅުގަނޑު ގޮވައިގެން ތިއައީ" ޙައްވަ މެމޯ ނަގައިގެން އައުމުން އަޒްކާ ބުނެލިއެވެ.

"ބަލިވީމަ ކޮންމެ މީހަކުވެސް އަންނާނީ ޑޮކްޓަރެއް ކައިރިއަށް އެހެންވެ" ޙައްވަ ވާހަކަދެއްކިއެވެ. އަޒްކާ ވަކި ޖަވާބެއް ނުދިނެވެ. ޑޮކްޓަރު ކޮޓަރިން ބަދަލުވަމުން ދިޔަ ނަންބަރުތަކަށް ބަލަން އޭނާ އިނީ ފޫހިވެފައެވެ. އޭނާގެ ނަންބަރ އެރުމާއެކު ޙައްވަ ފަހަތުގައި ހުރެ ހިނގައިގަތެވެ.

އެތެރެއަށް ވަތް އަޒްކާ ފެނުމާއެކު ޑރ.ނިރާޝްއަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. އޭނާ އަޒްކާއަށް ބަލަހައްޓައިގެން އިނެވެ. އަޒްކާއަށް ވެސް ވީ އެވަރެވެ. ނިރާޝް ފެނުމުން އޭނާއަށް އާދައިގެމަތިން ވަރަށް ގިނައިރު ބަލަން ހުރެވުނެވެ. ނިރާޝް އެއްމިޔަކަނުން ހީލިއެވެ. އޭނާއަށް އަޒްކާ އެވަރަށް ބަލަނީ ކީއްވެގެންކަން އޭނާއަށް އިނގެއެވެ.

"އަޒް...!! ބަލިވީތަ އަނެއްކާ...؟" ހިތްހެޔޮކަމާއެކު ނިރާޝް އަހައިލިއެވެ. ވަކި ޖަވާބެއްނުދީ އަޒްކާ ބަލައިލީ ޙައްވަގެ މޫނަށެވެ.

"ބޮލެއްގައި ރިއްސާތީ އެއުޅެނީ. މިހާރު ހަފްތާއެއް މިވަނީ. ރޭގަނޑު ނިދަނީއެއްނޫން. ރަނގަޅަށް ކަނީއެއްނޫން" ޙައްވަ އެއްފައްޗަކަށް އަމުނާލިއެވެ. ނިރާޝް އިނީ އަޒްކާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެކަން އިނގޭތީ އަޒްކާ އިނީ އިސްޖަހާލައިގެން ނިރާޝްއަށް ނުބަލަންވެގެނެވެ.

ނިރާޝް މަޑުމަޑުން އަޒްކާގެ އަތުގައި ހިފައިލިއެވެ. އަޒްކާ އިސްއުފުލާ ނިރާޝްއަށް ބަލައިލީ އޭނާގެ އަތުގައި ނިރާޝްގެ ފިނިފިނި އަތްތިލަ ޖެހުމުންނެވެ. އަޒްކާ އެއްވެސް ކަމެއް ނުކޮށް އިނެވެ. ނިރާޝް އޭނާގެ އަތުގައި އެހިފީ ޑޮކްޓަރެއް ބަލި މީހެއްގެ އަތުގައި ހިފައިގެން ޗެކް ކުރަންޖެހޭ ކަންތައްތައް ކުރަންކަން އޭނާއަށް އިނގެއެވެ. އަޒްކާގެ ޕަލްސް ރޭޓް ބަލައިލުމަށްފަހު ބީޕީ ޗެކް ކުރިއެވެ. ދެލޮލުގެ ތިރިން އިނގިލި ޖައްސާލާފައި ހަންގަނޑު ކުޑަކޮށް ތިރިކޮށް ދެލޯ ޗެކް ކުރިއެވެ. ހަށިގަނޑުގެ ދެފަރާތުން ކަށިގަނޑު އަޅާ ޗެކްކުރިއެވެ.

"އަޒް...!! އަހަންނަކަށް ހިއެއްނުވޭ އަބަދު ބޭސްތައް ކެއުމަކީ ރައްކާތެރި ކަމެއްހެން. ޑޮކްޓަރެއްގެ ހައިސިއްޔަތުން އަހަރެން ރިފަރ ކުރާނީ މާލެގޮސް ސައިކޮލޮޖިސްޓަކަށް ދައްކަން. މިހާރުވެސް ބީޕީ އުޅެނީ ވަރަށް ލޯ ކޮށް. ފެންނަނީ މިތަނުގައި އެޑްމިޓްވެލަން. ދެތިން އައިވީ އަޅާލީމާ ހަށިގަނޑުގަ ވަރުޖެހިދާނެ..." ނިރާޝް އަޒްކާއަށް ނަޞްޙަތްތެރިވިއެވެ.

"ޑރ.ނިރާޝް ޕްލީޒް... އަޅުގަނޑު އެޑްމިޓްވާން ބޭނުމެއްނޫން. ޕްލީޒް..." އަޒްކާ ބުނެލިއެވެ.

"އަމިއްލަ ނަފްސަށް ނުބަލާ ތިގޮތަށް އުޅުނީމަ ތިމާއަށް އެދެވެނީ އަމިއްލަ ނަފްސަށް ވަރަށް ބޮޑު އަނިޔާއެއް. ދީނީ ނަޒަރަކުން ބަލާނަމަ އެއީ ބޮޑު ފާފައެއްވެސް މެ.." ނިރާޝް ބެލީ އަޒްކާގެ ވިސްނުން ބަދަލުކުރެވޭތޯއެވެ.

"ޑރ. އެންމެ ރަނގަޅު. އަޅުގަނޑު ބޭނުން މި މަންޖެ އެޑްމިޓްކޮށްގެންވެސް ރަނގަޅު ފަރުވާއެއް ހޯދަން" ޙައްވަ ވާހަކަދެއްކިއެވެ. އަޒްކާ އެއްވެސް ބަހެއް ނުކިޔާ އިނެވެ.

"އިތުރު ލޭގެ ޓެސްޓަތަކާއި ޔޫރިން ޓެސްޓެއްވެސް ހަދަން އެބަޖެހޭ. މިކޮޅުން ނެހެދޭ ޓެސްޓްތައްވެސް އެބަހުރި. ސާމްޕަލް އަތޮޅު ހޮސްޕިޓަލަށް ފޮނުވައިގެން ހެދޭނީ. އެހެންވީމަ މިކޮޅުގަ އެޑްމިޓްވެފަ އޮތް ޕޭޝަންޓެއްވިއްޔާ ރިޒާލްޓް އައުން އަވަސްވާނެ.. އަޒް....!! އެޑްމިޓްވާން ބޭނުންތަ...؟ ޕޭޝަންޓްގެެ ހިތްހަމަޖެހުމަކީ ރިކަވަރ ވުމަށް އެންމެ މުހިންމު އެކަތި" ނިރާޝް ވާހަކަދެއްކިއެވެ. އަޒްކާ ބޯޖަހާލިއެވެ. އެމީހުން ބުނާގޮތް ހަދައިގެން ނޫނީ އެތަނުން ފަސޭހައިން ސަލާމަތްވެވެން ނެތީމައެވެ.

އޭނާ އިސްއުފުލާ ނިރާޝްގެ މޫނަށް ބަލައިލިއެވެ. އެވަގުތު އެއީ ނިރާޝް ވެސް އަޒްކާގެ މޫނަށް ބަލަން އިން ވަގުތެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ނިރާޝްގެ ހިތުގައި އަދަޔާޚިލާފް ވިންދެއް ޖަހައިލިއެވެ. އަޒްކާ ނަޒަރު ވަކިކޮށްލަންދެން އޭނާ އަޒްކާގެ މޫނަށް ބެލިއެވެ.

(ނުނިމޭ)