އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ހާރިޖީ ގޮތުން ޝާހިދު ކުޅުއްވި "ގޭމް"އަށް މެޑައްޔެއް ހައްގު

ރާއްޖެއިން އެންމެ ބޮޑު އިސްކަމެއް ދޭ މަލްޓި ސްޕޯޓްސް ގޭމްސްއަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެވެ. އެ ގޭމްސްގައި މިފަހަރު ރާއްޖެއިން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފައެވެ. އެގޮތުން އިއްޔެ ނިމިގެންދިޔަ މިއަހަރު އެ ގޭމްސް އިން އެކި ކުޅިވަރުތަކުން ރާއްޖެއިން ވަނީ ޖުމުލަ 15 މެޑަލް ހޯދައިފައެވެ.

ރާއްޖެއަށް ލިބެމުންދިޔަ މެޑަލްތަކުގެ އަދަދު އިތުރުވަމުން ދިޔުމުގެ އިތުރުން ރާއްޖެއަށް ވަނީ ގޭމްސްގެ ތެރޭގައި އިތުރު އުފާވެރިކަމެއް ލިބިފައެވެ. އެއީ ދެން އެންމެ އަވަހަށް އޮންނަ 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބާއްވާ ގައުމަކަށް ރާއްޖެ ވެގެންދިއުމެވެ.

ރާއްޖެއަކީ 2023ގެ އައިއޯއައިޖީ ބާއްވާ ގައުމުގެ ގޮތުގައި ވެގެންދިޔައީ ގިނަ ބައެއްގެ އެހީތެރިކަމާއެކުއެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކަމަށް ޓަކައި ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ. އެ ގޭމްސް ބާއްވާ ގައުމަކަށް ރާއްޖެ ވެގެންދިޔަ ތާރީހީ އުފާވެރި ހަބަރު ފުރަތަމަ ދެއްވި ބޭފުޅަކީ ވެސް އެމަނިކުފާނެވެ.

އައިއޯއައިޖީގެ ބިޑު ކާމިޔާބުކުރުމަށް ރާއްޖެއިން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ގޭމްސް ފެށުމުގެ ކުރިން ސީޝެލްސް، މޮރިޝަސް އަދި ކޮމޮރޯސްއަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުރު ފާހަގަކޮށްލެވެއެވެ.

ޝާހިދު ވަނީ އައިއޯއައިޖީގެ މެންބަރު ގައުމުތަކުގެ ވެރީންނަށް ރައީސް ސޯލިހުގެ ފަރާތްޕުޅުން އަރުވާ ސިޓީފުޅު، އެގައުމުތަކުގެ ވެރީންނަށް ހަވާލުކޮށްދެއްވައި، ހާރިޖީ ގޮތުން ބިޑު ކާމިޔާބުކުރައްވަން ކުޅުއްވަން ޖެހިވަޑައިގެންނެވި ހުރިހާ "ގޭމް"އެއް ކުޅުއްވައިފައެވެ. ރާއްޖޭގެ އެތުލީޓުންނަށް އުފާވެރި މެސެޖު ދެއްވުމަށް ކުރައްވަން ޖެހިވަޑައިގެންނެވި ހުރިހާ މަސައްކަތެއް ޝާހިދު ކުރެއްވިއެވެ. ޝާހިދު މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވެސް ފެނިގެންދިޔައީ ވަރަށް "އެކްޓިވް" އަދި ކާމިޔާބު މިނިސްޓަރެއްގެ ގޮތުގައެވެ.

މޮރިޝަސްގެ ރައީސް ބާލެން ވިޔާޕޫރީއާ ބައްދަލުކުރެއްވުމަށްފަހު އެގައުމުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި ޝާހިދު ވިދާޅުވީ ފާއިތުވެދިޔަ ދިހަ އަހަރު އައިއޯއައިޖީގެ މެންބަރު ގައުމުތަކުން ރާއްޖޭގެ އެތުލީޓުންނަށް ދެމުންދިޔަ މެހެމާންދާރީގެ ބަދަލު ރާއްޖެއިން ދޭންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

ރާއްޖޭގައި ގޭމްސް ބޭއްވުމަށް ބިޑް ކާމިޔާބުކުރުމަށް ޝާހިދު މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް މިއަހަރުގެ އައިއޯއައިޖީ ވަނީ ފެށިފައެވެ. އެގޮތުން ގޭމްސްގެ ތެރެއިން ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވުމުގައި އެންމެ ފޯރި ނެންގެވި އެއް ބޭފުޅަކީ ވެސް މިނިސްޓަރު ޝާހިދެވެ.

ޝާހިދުގެ އިތުރުން ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވެސް ފޯރި ނެންގެވި މަންޒަރުތަކުން ވެރިކަމުގެ އެންމެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުން މި ކަމަށް ދެއްވި ސަމާލުކަމާއި އަހައްމިއްޔަތު ވަނީ ފެނިގެން ގޮސްފަ އެވެ. މަހުލޫފަކީ ޝާހިދުއާއެކު ބިޑް ކާމިޔާބުކުރުމަށް މަސައްކަތްކުރެއްވި އެއް ފަހުލަވާނެވެ. އޭގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު މަރުޒޫގަކީ ރާއްޖޭގައި އެ ގޭމްސް ބޭއްވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ވަރަށް ކުރީއްސުރެ މަސައްކަތްކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ވެގެންދިޔައީ ރައީސް ސޯލިހުގެ ވެރިކަމުގައެވެ.

މިއަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ހޯދި 15 މެޑަލްގެ ތެރޭގައި ހަތަރު ރަން މެޑަލް ހިމެނެއެވެ. އެއީ ޓޭބަލް ޓެނިސް އަންހެން ސިންގަލްސް އިވެންޓުގައި ފާތިމަތު ދީމާ އަލީ ހޯދި ރަން މެޑެއްޔާއި ޓީޓީ އަންހެން ޑަބަލްސް އިވެންޓުގައި ދީމާ އާއި އާއިޝަތު ރަފާ ނާޒިމް ހޯދި ރަން މެޑައްޔާއި ޓީމް އިވެންޓުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ހޯދި ރަން މެޑަލްގެ އިތުރުން ބެޑްމިންޓަން އަންހެން ސިންގަލްސް އިވެންޓުން އާމިނަތު ނަބީހާ ހޯދި ރަން މެޑައްޔެވެ.