ޚަބަރު

ފުވައްމުލަކު ސްކޫލުގެ އެޑިޔުކޭޝަނަލް ސައިންސް ފެއަރ އާންމުންނަށް ދައްކާލައިފި

ފުވައްމުލަކު ސްކޫލުން އިންތިޒާމުކޮށްގެން ފުވައްމުލައް ސިޓީގައި ބާއްވަމުން އަންނަ އެޑިޔުކޭޝަނަލް ސައިންސް ފެއަރ އާންމުންނަށް ދައްކާލައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މި މަހު 26 ވަނަ ދުވަހު ފެށި މި ފެއަރގެ ފަނޑިޔާރުކުރުން ނިމި، އާންމުންނަށް ދައްކާލުމަށްޓަކައި ފެއަރ ހުޅުއްވައިދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީއެވެ. މި ސައިންސް ފެއަރ ނިންމުމަށްޓަކައި މާދަމާ އޮންނަ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން ވަޑައިގެން އަޝްރަފް ފެއަރ އާންމުންނަށް ހުޅުއްވައި ދެއްވުމުން ފެއަރގަައި ދަރިވަރުން ވަނީ ޕްރޮޖެކްޓްތައް ޝަރަފްވެރި މެހެމާނަށާއި އާންމުންނަށް ދައްކާލައިފައެވެ.

ފުވައްމުލަކުގައި ހުރި ޕްރީ ސްކޫލުތަކުންނާއި ބޮޑެތި މަދަރުސާތަކުންނާއި ތައުލީމީ އިންސްޓިޓިއުޓްތަކުން ވާދަކުރާ މި ފެއަރގައި ވަރަށް މުހިންމު ވަރަށް ބޭނުންތެރި އެހާމެ އުފެއްދުންތެރި އައު ހިޔާލުތަކާއި ހުށަހެޅުންތައް ދަރިވަރުންގެ ޕްރޮޖެކްޓްތަކުން ވަރަށް ފުރިހަމައަށް ގެނެސްދީފައިވާ ކަމަށް ފެއަރ ބަލައިލަން ދިޔަ ބައެއް ފަރާތްތަކުން މައުލޫމާތު ދިނެވެ.

ދަރިވަރުން ކިޔަވާ ހުރިހައި މާއްދާތަކުން ތަފާތު ދިރާސާތަކަށާއި ތަހުލީލުތަކަށާއި އެކްސްޕެރިމެންޓްތަކަށް ފުރުސަތު ހުޅުވައިދިން މި ފެއަރގައި ދެމެހެއްޓެނިވި ތަރައްގީއަށް ފަހި އައު ހިޔާލުތަކާއި ތިމާވެއްޓަށް ހުރި ނުރައްކާތަކަށް ހައްލު ހޯދޭނޭ މަގުތަކާއި ތަރައްގީގެ ތަފާތު ސިނާއަތްތައް ކުރިއަރުވާނޭ އައު އީޖާދުތަކާއި ކަންކަން ކުދިންގެ ހުށަހެޅުންތަކުން ދައްކާލާފައި ވެއެވެ.

އެ މައުރަޒާ ގުޅޭގޮތުން "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ވިދާޅުވީ އެއީ އަޖައިބު އަންތަރީސްކުރުވި މައުރަޒެއް ކަމަށާއި ތުއްތު ކުދީންގެ ހުނަރާއި ބޮޑެތި ކުދީންގެ ހުނަރާއި އުފެއްދުންތެރިކަން ފެނިގެންދިޔަ ކަމަށެވެ.

"މޮޅު ހުނަރުވެރި ހުށަހެޅުންތެރީން ދުށީމު. އުފެއްދުންތެރި ކިތަންމެ އީޖާދެއް ދުށީމެ. ފުވައްމުލަކު ބަހުރުވައިގެ މައްޗަށް ކުރެވިފައިވާ ދިރާސީ މަސައްކަތްތައް ދުށީމު. ރަށުގެ ތަރައްގީއާ މެދު ދަރިވަރުން ކުރާ ފޮނި އުންމީދު ތަފާތު މަޝްރޫޢުތަކުގެ ގޮތުގައި ދުށީމު. ވަރަށް ހާއްސަ އުފަލެއް ލިބުނު މައުރަޒެއް. ވަރަށް އުފާކޮށް ޝުކުރު ދަންނަވަން. ޝުުކުރު ހައްގުވާ ހުރިހައި ފަރާތްތަކަށް." އަޝްރަފް ވިދާޅުވިއެވެ.

މި ފެއަރގައި ކޮންމެ ކީސްޓޭޖް ކެޓަގަރީއަކުން ވަނަވަނަ ހޮވާނެއެވެ. އަދި އިތުރު ކެޓަގަރީއެއްގެ ގޮތުގައި އިންޑިވިޑުއަލް ކެޓަގަރީއެއް ވެސް ހިމަނާފައި ވެއެވެ. އޭގެ އިތުރުން ފުވައްމުލަކަށް މިވަގުތަށް އެންމެ ބޭނުންތެރި ޕްރޮޖެކްޓަކަށް "ފެހިފަހި ފުވައްމުލައް އެވޯޑު"، ފުވައްމުލަކު ބަހަށް އެންމެ ބޭނުންތެރި ޕްރޮޖެކްޓަކަށް "އަފުންގެ ބަހަ އެވޯޑު" އެންމެ ރަނގަޅު އައު އީޖާދެއް ހުށަހަޅާ ފަރާތަކަށް "ބެސްޓް އިންވެންޓަރ އެވޯޑު" އަދި އެންމެ ރަނގަޅު ގްރޫޕް ހުށަހެޅުމަކަށް "ބެސްޓް ގްރޫޕް އެވޯޑު" ހާއްސަ ހަތަރު އެވޯޑުގެ ގޮތުގައި ހިމަނާފައި ވެއެވެ. މި ފެއަރގައި ޕްރޮޖެކްޓްތަކަށް އިންސާފު ކުރުމަށްޓަކައި ފަނޑިޔާރުން ގެނެސްފައިވަނީ މާލެއިންނެވެ.