ރިޕޯޓް

ގެނބިގެން ނިޔާވި ބާސިތުގެ ހުވަފެނަކީ ޕޮލިސް ކޮމިޝަނަރަށް ވުން

ފަތޯނާ ފާއިޒު

އާއިލާއެއްގެ މެންބަރަކު، ނުވަތަ ގާތް ރައްޓެއްސަކު މި ފަނާވަނިވި ދުނިޔެ ދޫކޮށް ދިޔުމަކީ ހިތަށް ނުހަނު ފުން އަސަރުތަކެއް ކުރުވާ ކަމަކެވެ.

ވަކިވެގެންދާ މީހާގެ ހަނދާންތައް، ގިނަ ދުވަސްތަކެއް ވަންދެން ހިތުގައި ބިންވަޅު ނެގިފައި ހުންނަނީވެސް އެ ސަބަބާ ހެދިއެވެ. ލޯބިވާ މީހަކު ވަކިވެގެންދާކަށް އެއްވެސް މީހަކު ނޭދޭނެއެވެ. އެކަމުގައި ހުރި ވޭން އެންމެ ރަނގަޅަށް އެނގޭނީވެސް އެކަން ތަޖުރިބާ ކުރަން ޖެހުނު ބަޔަކަށެވެ.

ޅ. ނައިފަރަށް ނިސްބަތްވާ، އުމުރުން އެންމެ 20 އަހަރުގެ އަލްމަރުހޫމް އަބްދުލް ބާސިތުގެ އާއިލާއާއި، އޭނާގެ ގާތް ރައްޓެހިންވެސް މިހާރު ތަހައްމަލު ކުރަމުން އެދަނީ އެ ހިތާމައެވެ. މިދިޔަ ބުރާސްފަތި ދުވަހު ނޫކަށި ފުރައިގެ ބާސިތު އޭނާގެ އާއިލާއާ ވަކިވެގެން އެދިޔައީ ފުލުހުންގެ ވަޒީފާގައި އުޅެމުން، ދ. ވާނީގައި ފެތުމުގެ ތަމްރީނެއް ފުރިހަމަ ކުރަން އުޅެނިކޮށެވެ. ބާސިތު ގެނބިގެން ނިޔާވުމުން އޭނާގެ އާއިލާ ވަނީ ހިތާމައިގެ ފުން ކަނޑަކަށް ގެނބިގެންގޮސްފައެވެ.

ބާސިތުގެ ތިއްތަ ވަނީ، އޭނާ ނެތުމުން އާއިލާއަށް ލިބުނު ހިތްދަތިކަން، މީސްމީޑިއާގައި ކުރު ގޮތަކަށް ބަޔާން ކޮށްދީފައެވެ. އޭނާ ބުނިގޮތުގައި ބާސިތު ދެކެމުން އައި ހުވަފެނަކީ ކޮންމެވެސް ދުވަހަކުން، ރާއްޖޭގެ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގެ ބޮޑު ޒިންމާ އަދާ ކުރުމެވެ. އެ އަޒުމުގައި ފުލުހުންގެ އިދާރާއާ ގުޅިގެން ފެށި ދަތުރަށް ނިމުން އައީތީ، އެ ތިއްތަގެ ހިތް މިއަދު އެވަނީ ކުދިކުދި ވެފައެވެ.

"ކޮއްކޮ ފުލުހުންގެ ޔުނީފޯމުގައި ހުއްޓައި ފެނުނު ދުވަހަކީ ވަރަށް އުފާވެރި ދުވަހެއް،" ޕޮލިސް ކޮމިޝަނަރަކަށް ވުމަށް ބާސިތު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ދަތުރު ފެށި ދުވަހުގެ ހަނދާންތައް އާ ކުރަމުން، ބާސިތުގެ ތިއްތަ ފޭސްބުކްގައި ލިޔުނު އަސަރުގަދަ މެސެޖުގައި ބުނެފައިވެއެވެ.

ބާސިތުގެ ތިއްތަ ވަނީ ސްކޫލް ދައުރަށްފަހު، އެމީހުންގެ މަންމަގެ ޒިންމާތަކުގެ އެއްބަޔާ ހަވާލުވެފައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން، ބާސިތުގެ ބެލެނިވެރިކަމުގެ ޒިންމާ ނަގަން ފުރުސަތު ލިބުމަކީ، ޝަރަފެއްގެ ގޮތުގައި އޭނާގެ ތިއްތަ ވަނީ ސިފަކޮށްފައެވެ.

"ކޮއްކޮގެ ކުދި ކަންތައްތަކުން ފެށިގެން، ބޮޑެތި ކަންތައްތަކުގައި ނިންމާ ނިންމުމުގައި، ތިއްތަ ބައިވެރިކޮށްފައި ވުމަކީ ކޮއްކޮ ތިއްތަ ދެކެ ލޯބިވާކަމުގެ ފުރިހަމަ ހެއްކެއް،" ބާސިތުގެ ތިއްތަ ފޭސްބުކްގައި މެސެޖުގައި ބުނެފައިވެއެވެ.

ބާސިތުގެ ތިއްތަ ސިފަކޮށްފައިވާ ގޮތުގައި ވަރަށް އަހުލާގު ރަނގަޅު ޒުވާނެއްގެ ގޮތުގައެވެ. އެގޮތުން އޭނާއަކީ ބޮޑެތި މީހުންނަށް އިހުތިރާމު ކުރާ، މަޑުމައިތިރި އަދި މައުސޫމް ކުއްޖެއްގެ ގޮތުގައި ސިފަ ކޮށްފައިވެއެވެ.

"ކޮއްކޮއާ ވަކިވާން އެއްވެސް މީހަކު ތައްޔާރެއް ނޫން. އެކަމަކު މިއީ ގުދުރަތުގެ ނިޔާ" ބާސިތުގެ ތިއްތަ ބުނެފައިވެއެވެ.

އޭނާގެ ހިތާމައިން ފުރިފައިވާ މެސެޖު ނިންމާލާފައިވަނީ ބާސިތުގެ ފާފަ ފުއްސަވައި، އޭނާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި ﷲގެ ހަޟްރަތުގައި ދުއާ ކުރަމުންނެވެ.