ލައިފް ސްޓައިލް

ރުޅި މަޑު ކުރާނީ ކިހިނެއް؟

ފަތޯނާ ފާއިޒު

ޓްރެފިކްގައި ޖެހިގެން މާ ގިނައިރު ދާން ބޭނުންވާ ތަނަކަށް ނުދެވިފައި ހުންނަން ޖެހުމުން ރުޅި ގަދަވޭ ހެއްޔެވެ؟ ދަރިފުޅު ބުނާބަސް ނާހައި، ބޮޑާ ހާކަންޏާ އަދި ވަކިން ރުޅި ގަދަ ވޭދޯއެވެ؟ ރުޅި ނާންނަ އެއްވެސް އިންސާނަކު ނުހުންނާނެއެވެ.

ރުޅި އަންނަން ޖެހޭ ކަންތައްތަކުގައި ރުޅި އަންނަންވެސް ޖެހެއެވެ. އެހެންނަމަވެސް، ރުޅި މާބޮޑަށް ގަދަވުމަކީ އެކަމުގެ ސަބަބުން، ތިމާއާއި ތިމާއާ އެކީގައި އުޅޭ އެހެން މީހުންނަށް އެކަމުގެ ސަބަބުން ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަކަށް ބައެއް ފަހަރުވެއެވެ. އެހެންކަމުން، ރުޅި މަޑުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ސަބަބަށް ޓަކައި މި ކަމާ ގުޅޭ އެކި ކަހަލަ ދިރާސާތައް އަބަދުމެ ކުރަމުން ދެއެވެ. އަދި އެފަދަ ދިރާސާތަކުގެ އަލީގައި ރުޅި މަޑުކުރެވިދާނެ ގޮތްތައް އާންމުކުރަމުން ދެއެވެ.

ރުޅިމަޑު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމަށް ބަލާއިރު، ރުޅި އައިސްފައި ހުންނަ ގަޑީގައި ވާހަަކަ ނުދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނަ ފަހަރަށް ރުޅި އައިސްފައި ހުންނައިއިރު ބުނެވޭ އެއްޗަކީ އެންމެ ރަނގަޅު އެއްޗަކަށް ނުވެދާނެއެވެ. ރުޅިގަދަވެފައި ހުރެ ދެއްކޭ ވާހަކައެއްގެ ސަބަބުން ވަރަށް ދެރަ ކަންކަންވެސް ހިނގާފައި އެބަހުއްޓެވެ. އެހެންކަމުން، ރުޅި މަޑުވުމުން ވާހަކަ ދައްކަން މަޑު ކުރާށެވެ.

ދެން އޮތް ކަމަކީ ރުޅި މަޑުވުމުން، ރުޅި އައި ސަބަބު ބުނެދިނުމެވެ. ކަމަކާ ރުޅިއައިސްގެން އެކަން ނުފޮރުވާށެވެ. އެވާހަކަ ދައްކައިގެން ހައްލު ކުރެވޭތޯ ބަލާށެވެ. އެހެން ނޫނީ ރުޅި އަންނަން ޖެހުނު ކަމެއް ތަކުރާރު ވެއްޖެނަމަ، އިހުނަށްވުރެ ބޮޑަށް ރުޅި ގަދަވުމަކީ އެކަށީގެންވާ ކަމެކެވެ. އޭރުން ދެން ޖެހޭ މައްސަލަތައް މާ ބޮޑުވާނެއެވެ.

މާ ބުރަކޮށް މަސައްކަތުގައި އުޅުމަކީވެސް ރުޅި ގަދަވާން މަގުފަހި ކުރުވާ ކަމެކެވެ. ތިބާގެ ހަށިގަނޑަށްވެސް، އަދި ސިކުނޑިއަށްވެސް އަރާމު ބޭނުންވާކަން ދަންނާށެވެ. މަސައްކަތުގައި އުޅޭއިރު، ކޮންމެވެސް ވަރަކަށް ހުސް ވަގުތު ހޯދައިގެން ހިތްހަމަ ޖައްސާލެވޭތޯ ބަލާށެވެ. އެއީ ތިބާގެ ރުޅި މަޑު ކުރުމަށް އެހީވެދޭނެ ކަމެކެވެ.

މީހަކު ދެކެ ރުޅިއައިސްގެން އެހާ ގިނަ ދުވަހު ނުހުންނާށެވެ. މާފު ކުރުމުގެ ރިވެތި ސިފަ ތިމާގެ ކިބައިގައި އަށަގަންނުވާށެވެ. ރުޅިމަޑު މީހަކަށް ވުމަށްޓަކައި އެހެން މީހުންނަށް ނަފުރަތު ނުކުރާ، ހިތް ސާފު މީހަކަށް ވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.