މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 24

ނަންކިޔުން

(23 ޖުލައި ގެ އަދަދާ ގުޅޭ)

އިހުގައި މަލިކުމީހުން ދަރީންނަށް ނަންކިޔުމުގައިވެސް ޚާއްޞަ ގޮތްތަކެއް ހިފެހެއްޓިއެވެ. ރާއްޖޭގައިވެސް އިހުޒަމާނުގައި އެކަން އޮތް ގޮތަށެވެ. އެންމެފުރަތަމަ ލިބޭ ފިރިހެންދަރިފުޅަށް ކިޔައި އުޅުނީ ކާފަގެ (ބައްޕަފަރާތުގެ) ނަމެވެ. ފުރަތަމަ ލިބޭ އަންހެންދަރިފުޅަށް ކިޔައި އުޅުނީ މާމަގެ (މަންމަފަރާތުގެ) ނަމެވެ. ދެން ލިބޭ ކުދީންނަށް މަލިކުގައިނަމަ ކަތީބު ރާއްޖޭގައިނަމަ ކަތީބު ނުވަތަ އެދުރުމީހާ ދޭ ނަމެކެވެ. ރާއްޖެއެކޭ އެއްގޮތަށް މަލިކުގައިވެސް އިހުޒަމާނުގައި ނަންކިޔައި އުޅެނީ ހަތްދުވަސްވާ ދުވަހުއެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއްމީހުން ވިހިދުވަހުވެސް ދަރިފުޅަށް ނަންކިޔައެވެ.

ތިރީގައި މިދަންނަވަނީ މަލިކުމީހުން ޢާއްމުކޮށް ދަރީންނަށް ނަންކިޔައި އުޅުނުގޮތެވެ.

ހުކުރުދުވަހު ވިހާ ފިރިހެންކުދީންނަށް: އާދަމް، ޔޫސުފް، ޢުމަރު، ޚާލިދު، މުޢާވިޔަތު
ހުކުރުދުވަހު ވިހާ އަންހެންކުދީންނަށް: ޙައްވާ

ހޮނިހިރުދުވަހު ވިހާ ފިރިހެންކުދީންނަށް: އިސްމާޢީލް، ޢަބްދުﷲ، ޢަބްދުއްރަޙްމާން، ޤާސިމް، ހާޝިމް
ހޮނިހިރުދުވަހު ވިހާ އަންހެންކުދީންނަށް: މަރިޔަމް، ޒުލައިޚާ

އާދީއްތަދުވަހު ވިހާ ފިރިހެންކުދީންނަށް: އިބްރާހީމް، އަބޫބަކުރު، ދާއޫދު، ސުލައިމާނު
އާދީއްތަދުވަހު ވިހާ އަންހެންކުދީންނަށް: ފާޠިމާ، އާމިނާ، ޙަލީމާ

ހޯމަދުވަހު ވިހާ ފިރިހެންކުދީންނަށް: މުޙައްމަދު، އަޙްމަދު، މަޙްމޫދު، އިސްމާޢީލް، ޔަޢުޤޫބް
ހޯމަދުވަހު ވިހާ އަންހެންކުދީންނަށް: ޢާއިޝާ، ޚަދީޖާ، ފާޠިމާ

އަންގާރަދުވަހު ވިހާ ފިރިހެންކުދީންނަށް: މޫސާ، ހާރޫން، ޔޫސުފް
އަންގާރަދުވަހު ވިހާ އަންހެންކުދީންނަށް: ޚަދީޖާ، ޙައްވާ، ޞަފިއްޔާ

ބުދަދުވަހު ވިހާ ފިރިހެންކުދީންނަށް: ޢަލީ، ޢުޘްމާން، ޢީސާ، ޖިބްރީލް، މީކާއީލް
ބުދަދުވަހު ވިހާ އަންހެންކުދީންނަށް: އާމިނާ، ޢާއިޝާ، ޖާރިޔާ

ބުރާސްފަތިދުވަހު ވިހާ ފިރިހެންކުދީންނަށް: ޙަސަން، ޙުސައިން، މޫސާ
ބުރާސްފަތިދުވަހު ވިހާ އަންހެންކުދީންނަށް: މަރިޔަމް، ޒުލޭޚާ

ބޯބޭލުން

އިހުގެ ދިވެހިރާއްޖޭގެ މީހުންނެކޭ އެއްފަދައިން މަލިކުގައިވެސް ކުޑަދަރިފުޅަށް ހަތްދުވަސްވާ ދުވަހު އޭނާގެ ބޯބޭލުން އޮވެއެވެ. ރާއްޖޭގައި އެކަން ކުރަނީ އެދުރުމީހާއެވެ. މަލިކުގައި ވިއްސި މީހެކެވެ. ބޯބޭލުމަށްފަހު އެއިސްތަށިކޮޅު ރަނުން ނުވަތަ ރިއްސާ އަޅައި ކިރުމަށްފަހު އޭގެ އަގުން ފަޤީރުންނަށް ޞަދަޤާތް ކުރަނީއެވެ. މިއީ ކީރިތި ރަސޫލާގެ ސުންނަތުގެ ތެރެއިން ދިވެހީން (މަލިކުމީހުންނަކީވެސް ދިވެހީންނެވެ.) ލިބިގަތް އާދަކާދައެކެވެ.

މަލިކުގައި ކުޑަކުއްޖާގެ ޢުމުރުން 14 ދުވަސްވުމުން ކޮންމެވެސް ރަނގަޅު ވަގުތެއްގައި އޭނާގެ ބައްޕަގެ ގެއަށް އޭނާ ގެންދެއެވެ. މިކަމަށް ކިޔަނީ ތިއްތިގޯއްޗަށް ގެންދިޔުމެވެ. ދަރިފުޅު ބައްޕަގެ ގެއަށް ގެންދިޔުމުން އޭނާއަށް ގަހަނާއާއި ހެދުން ހަދިޔާކުރެއެވެ. އެދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު ދަރިފުޅު ބައްޕަގެ ގެއަށް ގެންދެއެވެ. މަންމަގެ ގެއަށް ގެންނާނީ ހަވީރުއެވެ. ކުޑަކުއްޖާ ބައްޕަގޭގައި އޮންނައިރު މަންމަ ގަޑިންގަޑިއަށް ބުއްދޭން ގޮސްއުޅެއެވެ. ބަލަހައްޓާނީ ތިއްތި (މުންނާ) އާއި އައްޕައްޗީން (ބޮޑުދައިތައިން) ނެވެ.

ޢަޤީޤާ ކަތިލުން

ކުއްޖާއަށް ހަތްދުވަސްވާ ދުވަހު ޢަޤީޤާ ކަތިލުމުގެ ރީތި އިސްލާމީ އާދަ މަލިކުގައި ރާއްޖެއަށްވުރެ މާބޮޑަށް މިހާރުވެސް އޮވެއެވެ. ރާއްޖޭގައި ގެރިބަކަރި ލިބުން ދަތިކަމާއެކު އެކަން ކުޑަވެފައި އޮތްނަމަވެސް މަލިކުގައި ގެރިބަކަރި ގެންގުޅޭތީ ޤަވާޢިދުން އެކަން ކުރަނީއެވެ. މަލިކުގައި ޢަޤީޤާ ކަތިލަނީ ފިރިހެންކުއްޖަކަށް ދެބަކަރި އަންހެންކުއްޖަކަށް އެއްބަކަރިއެވެ. ކަތިލާ ތަކެތީގެ މަސް ތިންބަޔަށް ބަހަނީއެވެ. ފަޤީރުންނަށް އެއްބައި، ރައްޓެހީންނަށް އެއްބައި، ގޭގެމީހުން ކާން އެއްބައެވެ. ރާއްޖޭގައި ޢަޤީޤާ ކަތިލައި އުޅުނީ ފިރިހެންކުއްޖަކަށް ގިތެލެއް، އަންހެންކުއްޖަކަށް ބަކަރިއެކެވެ. މަސް ހަވާދުލައި ހަނާކުރުމަށްފަހު ބޮނޑިބަތާއެކު ޞަދަޤާތަށް ބަހަނީއެވެ.

ޚިތާނުކުރުން

އަޅުގަނޑުމެންގެ އަޚުން ކަމުގައިވާ މަލިކުމީހުންގެ ތެރޭގައިވެސް ކުދީން ޚިތާނުކުރުމަކީ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެވޭ ކަމެކެވެ. އަޅުގަނޑުމެންގެ ރާއްޖެއެކޭ އެއްގޮތަށެވެ. ޙަޔާތުގެ ކޮންމެ މައިދާނަކަށް ބެލިކަމުގައިވިޔަސް، ދިރިއުޅުމުގެ ކޮންމެ ކަމަކަށް ނަޒަރުހިންގި ކަމުގައިވިޔަސް ހާމަވެގެންދާ ޙަޤީޤަތަކީ އަޅުގަނޑުމެންނާއި މަލިކުމީހުންނަކީ އެއްބަޔަކަށް ކާފަމާމަކިޔާ ބަޔެއްކަމެވެ. އެއްޘަޤާފަތެއް ޙިއްޞާކުރާ ބަޔެއްކަމެވެ. އެއްމާޒީއެއް ވޭތިކޮށްފައިވާ ބަޔެއްކަމެވެ.

މަލިކުމީހުން ޚިތާނުކުރުމަށް ކިޔަނީ ކިތާނުކުރުމެވެ. އަޅުގަނޑުމެން ކިޔާހެން ގޭބޭންދުމޭ އެމީހުންވެސް ކިޔައެވެ. ނަމަވެސް އެމީހުން އެބަސް ބޭނުންކުރަނީ މާލޭބަހާ ހިސާބަކަށް ތަފާތުކޮށެވެ. އެމީހުން ކިޔަނީ ބޭންޖުމެވެ. މިއީ ރާއްޖޭގެ ތިލަދުންމަތީ މީހުންވެސް ކިޔާގޮތެވެ.

ޚިތާނުކުރަނީ ކުއްޖާގެ ޢުމުރުން 5 އަހަރާއި 7 އަހަރާ ދެމެދުގައެވެ.

ދިވެހިރާއްޖޭގެ އިހުގެ އާދަކާދަ އޮންނަ ފަދައިން މަލިކުގައިވެސް ކުއްޖަކު ނަކަތްގެލައްވަން ވެއްޖެނަމަ އެންމެފުރަތަމަ ބައްދަލު ކުރަނީ އެކަމުގެ އެދުރަކާއެވެ. ޚިތާނުކުރާ މީހާއަށް އަޅުގަނޑުމެން އިހުގައި ކިޔައިއުޅުނީ އެދުރުމީހާއެވެ. މަލިކުގައި ކިޔައި އުޅެނީ އެދުރުބޭބެއެވެ. މަލިކުގައި ކުދީން ނަކަތްގެލައްވަނީ އެކުއްޖެއްގެ ބައްޕަ ނުވަތަ ގާތްތިމާގެ މީހަކު ބޯޓުދަތުރުކުރަން ގޮސްފައި އަންނަ ދުވަސްވަރާ ދިމާކޮށެވެ. ރާއްޖެތެރޭގައިވެސް އިހުގައި އެކަން ކޮށްއުޅުނީ މާލެދަތުރު ނުވަތަ އޮޅުދޫދަތުރުކުރާ އޮޑިފަހަރު ރަށަށް އަންނަ ދުވަސްވަރާ ދިމާކޮށެވެ. މިއީ އަތްމަތި ތަނަވަސް ދުވަސްވަރެއްގައި އެކަން ކުރުމަށް ހަދާ ގޮތެކެވެ.

ކުއްޖަކު ނަކަތްގެލެއްވުމަށްޓަކައި ދުވަހާއި ވަގުތު (އިރުވަރު) ކަނޑައަޅަނީ އެދުރުމީހާއެވެ. ދުވަހާއި ވަގުތު ކަނޑައެޅުމަށްފަހު ރާއްޖޭގައިވެސް މަލިކުގައިވެސް އޮންނާނީ އެކަމަށް ގޭތެރެ ތައްޔާރުކުރުމެވެ. ގޭތެރެ (ޚާއްޞަކޮށް ބޭރުގެ، މަލިކުގައި ގޭދޮރުބުރި) ޒީނަތްތެރިކުރުމާއި ފެންޑާއާއި ދޮރުމަތި ޒީނަތްތެރިކުރުމެވެ. ނަކަތްގެލައްވާ ކުދީން އިހުގައި ރާއްޖޭގައިވެސް ބައިތިއްބަނީ ބޭރުގޭ ކުޑައަށީގައެވެ. ގިނަކުދީންތައް އެކުގައި ނަކަތްލައްވާނަމަ ބައިތިއްބަނީ ބޮޑުއަށީގައެވެ. އެހެންކަމުން އަށްޓާދިމާގައި ޚާއްޞަގޮތެއްގައި ސަނދުވާ ދަމައި ޒީނަތްތެރިކުރެއެވެ.

މަލިކުގައިވެސް މިކަންތައް ހިނގަނީ މިބީދައިންނެވެ. މަލިކުގައި ކުއްޖާ ނަކަތްގެލައްވާ ދުވަސް ކައިރިވީމާ ގާތްތިމާގެ މީހުންނަށްވެސް އެކަން އަންގައެވެ. ނަކަތްގެލައްވާ ދުވަހު ކުއްޖާގެ ގާތްތިމާގެ މީހުންނާއި އެދުރުމީހާގެ ގޭގެމީހުން އެކަމުގެ އިޙުތިފާލުގައި ބައިވެރިވެއެވެ. ނަކަތްގެލައްވާ ދުވަހު ބައިގަޑިއެއްހާއިރު ކުއްޖާ ބޮޑުވަޅުގައި (ބޮޑެތި ވެޔޮފާޑުގެ ވަޅެއް) ބާއްވައެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ނަކަތްގެލައްވާ ދުވަހު ކުދީން މޫދަށް ގެންދިއުމަކީ ބައެއް އަތޮޅުތަކުގައި އޮތް އާދައެކެވެ.

ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އިހުޒަމާނުގައި ޚިތާނުކުރުމަށްޓަކައި ގޯތިތެރޭގައި ކުޑަކުޑަ ގެއެއްއަޅައި ދޮންވެލިލައި ތައްޔާރުކުރެއެވެ. އެގެއަށް ކިޔަނީ "ނަކަތްގެ" އެވެ. ޚިތާނުކުރަނީ އެގޭތެރޭގައެވެ. މަލިކުގައިވެސް އިހުގައި މިކަން އޮތީ މިގޭގައެވެ. ނަމަވެސް ރާއްޖެއެކޭ އެއްގޮތަށް މިހާރަކު ނަކަތްގެ އަޅައެއް ނޫޅެއެވެ.

މަލިކުގައިވެސް ޚިތާނުކޮށް ނިމިގެން ކުދީން ބައިތިއްބަނީ ރާއްޖޭގައިވެސް ބައިތިއްބާ ގޮތަށެވެ. އިހުގައި އަޅުގަނޑުމެންގެ ތެރޭގައި ކުދީންނަށް ފަންކާކޮށްދޭ ގޮތަށް މިހާރުވެސް މަލިކުގައިވެސް ފަންކާ ކޮށްދެއެވެ.

ނަކަތްގެ ލައްވައިގެން އުޅޭއިރު ރާއްޖޭގައިވެސް ބާއްވާގޮތަށް މަލިކުގައިވެސް ކުޅިވަރު ބާއްވައެވެ. ރާއްޖޭގައި އިހުގައި އެންމެ ބޮޑަށް އޮންނަނީ ބޮޑުބެރުޖެހުމާއި، ވާހަކަކިޔުމާއި، ބަނޑިޔާ ޖެހުމެވެ. މަލިކުގައިވެސް ނަކަތްގެލައްވައިގެން އުޅޭއިރު ވަރަށް ބޮޑަށް "ސަމާ" ކުޅިވަރު އޮވެއެވެ.

މަލިކުގައި އެންމެ ޚާއްޞަ ކުޅިވަރަކަށް އޮންނަނީ މާލިހެދުމެވެ. (މަލިކު ބަހުރުވައިގައި ބޭހެދުން) ބޭހެދުމަކީ ވަކިމީހަކަށް "ވިޔަނުވާގޮތަށް" (ނޭނގޭގޮތަށް) އެކިވައްތަރުގެ ހެދުންއަޅައި މޫނުމަތި އަޅައިގެން ނުވަތަ މޫނު ފޮރުވައިގެން އައުމެވެ. މާއްޔަށް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި "ބޭ" މިހެން ކިޔައި އުޅެއެވެ. އަޅުގަނޑުމެންގެ ރަށުގައި (ޏ.ފުވައްމުލައް) ކިޔައި އުޅެނީ "ބެއިގަނޑު" މިހެންނެވެ.

ރާއްޖޭގައިވެސް ބޮޑުބެރުޖެހުން ފަދަ ކުޅިވަރު އޮންނަރޭރޭ މާލިހެދުން ހިސާބަކަށް އޮވެއެވެ. ޚާއްޞަކޮށް ކުޅުދުއްފުށީ މީހުންގެ މާލިހެދުމަކީ ފާހަގަ ކޮށްލެވޭ ކަމެކެވެ.

މަލިކުގައި ފަސް ހަވައްތަރަކަށް މާލި ހެދެއެވެ. އެއީ، "ބަނޑުބޭ" އާއި "ދެލިބޭ" އާއި، "ހަކުރުބޭ" އާއި، "ފަންބޭ" އާއި، "ވަށައިދެމިބޭ" އާއި "ރީތިބޭ" އެވެ.

މަލިކުގައި ބައިންދައިގެން އުޅޭ ގޭގެއަށް މިހުރިހާ ބޭތައް، ޒިޔާރަތް ކުރެއެވެ. މީގެ ތެރެއިން އެންމެ ނުރައްކާތެރި ބޭއަކީ ދެލިބޭ އާއި ހަކުރުބޭ އެވެ. ދެލިބޭ އާއި ހަކުރުބޭ އައިސް މީހުންގެ ގައިގައި ދެލި ނުވަތަ ހަކުރު އުނގުޅަނީއެވެ. އެހެންކަމާއެކު ބޭއަންނަ ޚަބަރު ލިބޭއިރަށް އެގެއެއްގައި ތިބޭ އެންމެން ފިލައި ރައްކާވެއެވެ.

ދެލިބޭ ހުންނަނީ ހަރުވާޅުބުރިއެއް ލައިފައި މުޅި ގައިގައި ދެލި އުނގުޅައިފައެވެ. އަނގައިގައި ފަޅޮލު ދަތްޕިލައެއް ޖަހައިފައެވެ. ހަކުރުބޭ ހުންނަނީ ހަކުރު އުނގުޅާފައެވެ. ބަނޑުބެ މުޅި ހަށިގަނޑުގައި ގޮދަޑިއެއް އޮޅައި ރޯނުފަދަ އެއްޗަކުން ބަނދެފައެވެ. ބަނޑުބޭ ކުރާކަމަކީ މީހުންގެ ގައިގައި ބަނޑުން ޖަހައި ވައްޓަނީއެވެ. ވަށައިދެމިބެއަކީ ވަރަށް ރަނގަޅު ބެއެކެވެ. ވަށައިދެމިއެއްގެ ތެރެއަށް ހައެއްކަމީހުން ނުވަތަ ތިން ހަތަރު މީހުން ވަދެގެން އައިސް ބެރުޖަހައި ރައިވަރުކިޔަނީއެވެ. އަޅުގަނޑުގެ އެކުވެރި ޢަބްދުﷲ ޞާދިޤް ބުނުއްވާ ގޮތުގައި އެބޭކަލުން ޚިތާނުކުރި ދުވަސްވަރު މުލަކުއަތޮޅުގައިވެސް ޚިތާނު ކޮށްގެންއުޅޭ ގޭގެއަށް މީހުން ނޭނގޭގޮތަށް ހެދުން އަޅައިގެން އައިސް ލަވަކިޔައި ތަމްސީލު ކުޅެ ހަދާ "ބޭތައް" އުޅުނެވެ.

ރާއްޖޭގައި އޮންނަ ފަދައިން ނަކަތްގެލައްވައިގެން އުޅޭއިރު އެގެއެއްގައި އަބަދު ކެއުމާއި ސައި އޮންނަނީ ދައުރުވޭވެއެވެ. ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންގެ ފަރާތުން ތަފާތު ބާވަތްބާވަތުގެ ހެދިކާގެ ބާވަތްތައް ހުންނަނީ އައިސްއައިހެވެ.

އަޅުގަނޑުމެންގެ ތެރޭގައިވެސް އޮންނަ ފަދައިން މަލިކުގައިވެސް ނަކަތްގެލައްވާ ކުދީން ފެންއަޅާ ދުވަހަކީ ޚާއްޞަ ދުވަހެކެވެ. އެދުވަހު ބަކަރި ނުވަތަ ކުކުޅު ކަތިލައިފައި ވަރުގަދައަށް ކައްކައެވެ. ފެންއަޅާ ދުވަހަށް މަލިކުމީހުން ކިޔަނީ "ބޭރަށްނެއްލާ ދުވަސް" އެވެ.

މަލިކުގައި ޢާންމުގޮތެއްގައި ފެންއެޅުން އޮންނަނީ ނަކަތްގެލައްވާތާ ހަތްވަނައަށްވާ ދުވަހުއެވެ.

(ނުނިމޭ)