ޚަބަރު

އިނގިރޭސި ސަފީރު ޖޭމްސް، ރައީސް ސޯލިހުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

މަރިޔަމް ޝަހުދާ

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖޭމްސް ޑޯރިސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ރައީސް ސޯލިހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާ ވެސް ޖޭމްސް ވަނީ މިއަދު ހެނދުނު ބައްދަލުކުރައްވައިފައެވެ.

މި ދެ ބައްދަލުވުމުގައިވެސް ހަތަރު އަހަރަށްފަހު ސަފީރުކަމުގެ ދައުރު ނިންމަވާލައްވަނީ އުވާވެރިކަމާއެކު ކަމަށް ޖޭމްސް ވިދާޅުވިއެވެ. އަދި ޖޭމްސްގެ ދައުރު ހަމަވި އިރު މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ރާއްޖެގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ބޭރު ދުނިޔޭގެ މަސްރަހުގައި ރާއްޖެއާއި އިނގިރޭސިވިލާތާ ގެންގުޅެނީ އެއްގޮތް ވިސްނުމެއްކަން ޖޭމްސް ފާހަގަކުރެއްވި އެވެ. އެގޮތުން މިނިވަން ވިޔަފާރީގެ މާހައުލެއް ގާއިމުކުރުމާއި އިންޑިޔާ ކަނޑުގެ ސަރަހައްދީ ހަމަޖެހުމަށް މަސައްކަތްކުރުމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުން ފަދަ ކަންކަމަށް ދެގައުމުން މަސައްކަތް ކުރާކަން ޖޭމްސް ފާހަގަ ކުރެއްވިއެވެ. އަދި ދެގައުމުގެ ދެމެދު ތައުލީމާއި ވިޔަފާރީގެ ދާއިރާއިން ޒަމާނުއްސުރެ ގުޅުން ބަދަހިކޮށްފައިވާ ދެދާއރާކަން ޖޭމްސް ފާހަގަކުރެއްވިއެވެ.

މިއަދު ވަކި ވަކީން ނައިބު ރައީސް އާއި ރައީސް ސޯލިހުއާ ޖޭމްސް ބައްދަލުކުރެއްވުމުން ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން އަންނަ ދަތުރުގައި އިނގިރޭސި ވިލާތުން ލިބެމުންދާ އެހީއަށް ސަރުކާރުގެ ނަމުގައި ޝުކުރުއަދާކުރެއްވިއެވެ. އަދި ރައީސް ސޯލިހުގެ އިތުރުން ނައިބު ރައީސްވެސް އިނގިރޭސިވިލާތުން ދެން ރާއްޖެއަށް ކަނޑައަޅާ ސަފީރާއެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. މި ބައްދަލުވުންތަކުގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ވަރަށް އަވަހަށް ރާއްޖޭގައި ހުޅުވުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ޖޭމްސް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ރައީސް އަދި ނައިބު ރައީސް ޖޭމްސްއަށް ޝުކުރުދެންނެވިއެވެ.