ގްލޯބަލް ޔޫތް ޕީސް ވޯކް 2019 އަށް ރެޖިސްޓަރ ކުރުމަށް ހުޅުވާލައިފި އެވެ.
މި އިވެންޓަކީ ރަފީ އެންޖީއޯ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓަނޭޝަނަލް އިވެންޓްކެވެ. ''ވަން އޮންލައިން'' އަށް މައުލޫމާތުދެމުން ރަފީ އެންޖީއޯގެ ފައުންޑާ އައިޝަރު ރަފިއްޔާ ވިދާޅުވީ މިއީ ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ އިވެންޓު ކަމަށެވެ.
ރަފީ ވިދާޅުވީ މި ހިނގާލުމަކީ ''ގްލޯބަލް ޔޫތް ޕީސް އެމްބެސިޑާސް''ގެ ސައިޑް އިވެންޓެއް ކަމަށެވެ. އަދި މި ހިނގާލުމަކީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަ ހިނގާލުމެއްކަމަށް ރަފީ ވިދާޅުވިއެވެ.
މި ހިނގާލުމަކީ ޒުވާނުންގެ ފަގީރުކަން ނައްތާލުމަށް ގޮވާލާ ކުރިއަށްގެންދާ ސުލްހަވެރި ހިނގާލުމެއްކަމަށް ރަފީ ވިދާޅުވިއެވެ. ރަފީ ވިދާޅުވީ މުޅި ދުނިޔޭގައިވެސް ޒުވާނުންގެ ފަގީރުކަކާއެކު އުޅުމަކީ އާންމު ކަމެއްކަމަށާއި މިކަމުގެ ސަބަބުން ޒުވާނުން ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވާ ކަމަށެވެ. އަދި މި ހިނގާލުމުގެ ސަބަބުން މީހުން މިކަމަށް ބޮޑަށް ހޭލުންތެރިވެ މިކަމާ ވާހަކަދައްކާ މައްސަލަ ދެނެގަންނަން މަސައްކަތް ކުރަން ލިބޭނެ ކަމަށް ރަފީ ވިދާޅުވިއެވެ.
ސުލްހައަށް ލޯބިކުރާ ކޮންމެ އުމުރުފުރައެއްގެ ކޮންމެ މީހަކަށް ބައިވެރިވެވޭ މި ހިނގާލުމުގައި 30 އަށް ވުރެ ގިނަ ގައުމުތަކުން އެމީހުންގެ ދިދައާއެކު ބައިވެރިވާނެ ކަމަށް ރަފީ މައުލޫމަތު ދިނެވެ. އެގޮތުން މި ހިނގާލުން ވާނީ ރާއްޖޭގައި އެންމެ ގިނަ ގައުމުތަކުގެ ދިދަ ހިފައިގެން ކުރިއަށްދާ ފުރަތަމަ ހިނގާލުންކަމަށް ރަފީ ފާހަގަކުރެއްވިއެވެ. އަދި މި ހިނގާލުމުގައި ބައިނަލްއަގްވާމީ އެކި ޖަމާއަތްތަކުގެ ސުލްހައަށް ލޯބި ކުރައްވާ ބޭފުޅުންނާއި މިނިސްޓަރު ފެންވަރުގެ ބޭފުޅުން ބައިވެރިވާނެ ކަމަށް ރަފީ ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި މީޑިއާތަކުން މި ހިނގާލުން ކަވަރު ކުރާނެ ކަމަށް ރަފީ މައުލޫމާތު ދިނެވެ.
މި ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހު 30 ވަނަ ދުވަހު އެވެ. ހުޅުމާލެ ސެންޓްރަލް ޕާކުން ފެށުމަށް ހަމަޖެހިފައިވާ މި އިވެންޓު ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 30 ވަނަ ދުވަހު ހެނދުނު 6:00 އިން 8:00 އަށެވެ. 150 ރުފިޔާގެ ރެޖިސްޓަރ ފީއަކާއެކު ރެޖިސްޓަރ ވެވޭ މި ހިނގާލުމުގައި ރެޖިސްޓަރ ވާ ކޮންމެ މީހަކަށް ޓީޝާޓާއި ބިބް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ތިރީގައިވާ ލިންކުގައި ވާ ފޯމު ފުރުމުން މި ހިނގާލުމަށް ރަޖިސްޓަރ ވެވޭނެއެވެ.
https://docs.google.com/forms/d/e/1FAIpQLSd6lBXX8rtN-ShLijA7YOySskzOgnV5W4yrH9I9iLXDv9s8jQ/viewform
މި ހިނގާލުމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ''ވަން އޮންލައިން'' އެވެ.