ލައިފް ސްޓައިލް

ސްޓްރެސް ނައްތާލައި ސިކުނޑި ތާޒާކޮށްލުމަށް 30 މިނެޓްގެ މިި މޯނިންގް ރޫޓިންގެ އަޖުމަ ބަލައިލާ!

ހެނދުނު ހޭލުމަށްފަހު މީހާ ހަމަޖެހިލުމަކީ ކިތަންމެ "މޯނިންގް" މީހަކަށްވިއަސް އެހާ ފަސޭހަ ކަމެއްނޫނެވެ. ހާއްސަކޮށް ބިޒީ ކޮށް އުޅޭ މީހުން ނުވަތަ އާއިލާއެއް ގޮވައިގެން އުޅޭކަމަށް ވާނަމަ ހެނދުނު ހޭލައިގެން އުޖާލާކަންމަތީ ހުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ދުވަހަކީ އުފާވެރި އަދި ބާއްޖަވެރި ދުވަހަކަށް ހެދުމަށް އަދި ދުވަހުގެ ކުރާ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރުމަށް ކޮންމެ މީހަކުވެސް ހެނދުނު ހޭލައިގެން ހޭދަ ކުރާ ވަގުތަކީ ރަނގަޅު ވަގުތެއްގެ ގޮތުގައި ހަދަން އެބަ ޖެހެއެވެ.

މިހެން ބުނާއިރު މި ދައްކަނީ ކިހާ ވަގުތެއްގެ ވާހަކަބާ އެވެ؟ އަސްލު މިހުރިހާ ކަމެއްވެސް ގުޅިފައިވަނީ އެމީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށެވެ. ނަމަވެސް ގިނަ ސިއްހީ މާހިރުންގެ ލަފާއަކީ ހެނދުނުގެ 30 މިނެޓުން މި ހައްލު ހޯދި ދާނެކަމެވެ.

މި 30 މިނެޓް ދެ ރޫޓިންއަކަށް ބަހާލުމަށްފަހު އެ ދެ ރޫޓިން ފަސް މިނެޓާ ދިހަ މިނެޓްގެ ބައިބަޔަށް ބަހާލާށެވެ. ދެން ކުރަންވީ ކަންކަން ތިރީގައި މިވަނީއެވެ. މި ކަންކަމަކީ އެމީހެއްގެ ހެނދުނުގެ ކަސްރަތު އަދި ސައިގެ ކުރިން ކުރުން މުހިއްމު ކަންކަމެވެ.


- ފުރަތަމަ ދެ މިނިޓް: ފޯނު ދުރުގައި ބޭއްވުމަށްފަހު އުފާވެރި ހިޔާލުތައް ކޮށްލާށެވެ.

 • ފޯނުން އެލާމް ކޮށްގެން ހޭލުމަކީ ގިނަ މީހުންގެ އާދައެކެވެ. އެހެން އެކަން ކުރުންވެސް އެންމެ ރަނގަޅެވެ. ނަމަވެސް ލޯ ހުޅުވާގޮތަށް ފޯނަށް އައިސްފަ ހުންނަ މެސެޖްތައް ނުވަތަ ލިބިފައިވާ މިސްކޯލްތައް ބެލުމަކީ އެހާ ރަނގަޅުކަމެއް ނޫނެވެ. ފޯނުން އެލާމް ކޮށްގެން ހޭލާގޮަތަށް މިބުނި ކަންކަން ކުރަން އުނދަގޫވާނަމަ އެންމެ ރަނގަޅު ގޮތަކީ ފޯނު އަތު ނުޖެހޭ ހިސާބު ދުރުގައި ބޭއްވުމެވެ. އަދި އާއްމުކޮށް ބޭނުން ކުރާ އެލާމް ކްލޮކެއް ހޯދުމެވެ.
 • އެންމެ ފުރަތަމަ ލޯ ހުޅުވާ ސިކުންތަކީ ވަރަށް މުހިއްމު ސިކުންތެކެވެ. އެއީ އެމީހެއްގެ އެދުވަސް އެކީ ބައްޓަން ކޮށްލާނެ ސިކުންތެކެވެ. އެހެން ކަމުން ހޭލާފަ އެންމެ ފުރަތަމަ ހިޔާލު ކުރަންވީ އެދުވަހަކީ އެންމެ ބާއްޖަވެރި ދުވަސްކަމުގައި ވުމެވެ. ނުވަތަ ތިމާއަކީ އުފާވެރި، ކާމިޔާބު އަދި ސިއްހަތު ރަނގަޅު މީހެއްކަމަށެވެ. ނުވަތަ ދިރިއުޅުން ދެކެ ލޯބިވުން ކަހަލަ ހިތަށް އުފާވެރިކަން ލިބޭނެ ކަހަލަ ކަންކަމަށް ހިތަށް އެރުވުމެވެ.
 • ހެނދުނު ހޭލާގޮތަށް މި ވިސްނުންތައް ގެންނަން އުނދަގޫ ވެދާނެއެވެ. އެހެން ކަމުން ނިދަން އަރާއޮވެ ވެސް މިކަމާމެދު ހިޔާލު ކޮށްލުމަކީ ރަނގަޅު ގޮތެކެވެ.


- ދެން އޮތް ފަސް މިނިޓް: ފުން ނޭވާލުމާ ހިތް ސާފުކޮށްލުމެވެ.

 • ދެ މިނެޓްގެ އުވާފެރި ހިޔާލުތަކަށް ފަހު ދެން ކުރަން އެންމެ ރަނގަޅު ކަމަކީ ފަތިސް ނަމާދު ކޮށްލުމެވެ. އެއީ މީހާގެ ހިތް ސާފު ކޮށްލާ ދުވަސް އުޖާލާކޮށް ބާއްޖަވެރި ވާނެ ވަަރަށް މުހިއްމު އެއްކަމެވެ.
 • އެއަށްފަހު ފުންނޭވާ ލުމުގެ ކަސްރަތެއް ކޮށްލެވިދާނެއެވެ. މި ކަސްރަތު ކުރުމަށް އެނދުގައި އެޮށޯވެލައިގެން އޮތުމަށްފަހު ނޭފަތުން ފުންކޮށް ނޭވާލުމަށްފަހު ފަސް ސިކުންތު ވަންދެން ހިފަހައްޓާލާށެވެ. އަދި އަނގައިން ނޭވާ ބޭރުކޮށްލާށެވެ. މިގޮތަށް ދެތިން ފަހަރަކު ފުންނޭވާ ލުމުން ސިކުނޑި އާއި ހަށިގަނޑު ރިލެކްސް ވުމަށް އެހީއަކަށް ވެއެވެ.


- ފަސް މިނިޓްގެ ވަގުތު ކޮޅެއް އެއްޗެއް ލިޔެލުމަށް ނުވަތަ ރިކޯޑްކޮށްފައިވާ އެއްޗެއް އަޑު އެހުމަށް ހޭދަކޮށްލާށެވެ.

 • ކުރިން މި ބުނި ކަންކަން ކުރުމަށްފަހު އަދިވެސް ފޯނުގައި އަތްލާކަށް ނުވެއެވެ. ދެންވީ ފޮތަކާ ގަލަމެއް ނުވަތަ ފަންސުރެއް ނަގާށެވެ. ނިދުމުގެ ކުރިން ޖާރނަލް އެއް ނުވަތަ އެބޭފުޅެއްގެ ޑައިރީ އެނދުކައިރީ ބޭއްވުމުން މިކަމަށް ފަސޭހަ ވެގެން ދެއެވެ. ދެން އެދުވަހަކާ މެދު ތިމާ ދެކޭގޮތް ނުވަތަ އެންމެ އުފާވާ ތިން ކަމެއް މިކަހަލަ ޕޮސިޓިވް ބައެއް ކަންކަން ލިޔެލާށެވެ.
 • ތިބާ އަކީ ލިޔުމަށް ޝައުގު ވެރިކަން ނުހުންނަ މީހެއް ކަމަށްވާނަމަ ނުވަތަ ރޭގަނޑު ނިދުމުގެ ކުރިން ޑައިރީ ލިޔާ ބޭފުޅެއް ކަމުގައި ވާނަމަ ރޭގަނޑު ނިދަމުން ބައެއް ޕޮސިޓިވް އެއްޗެހި ފޯނުގައި ރިކޯޑްކޮށްލައިގެން މިވަގުތުގައި އަޑު އަހާލާށެވެ.


- ފަސް މިނިޓް އެދުވަހެއްގައި ކުރަންޖެހޭ މުހިއްމު ކަންކަން ލިޔުމަށް ހޭދަކޮށްލާށެވެ.

 • ކުރިން ލިޔުނީ އުފާވާނެ ކަންކަމާ ހިތްހަމަ ޖެހޭ ކަންކަމެވެ. ދެންވީ އެދުވަހެއްގައި ތާވަލުކޮށްފައިވާ މަސައްކަތްތައް ނުވަތަ އެދުވަހަކު ތިމާ ކުރަން ރާވާފައިވާ ނުވަތަ ކުރަންޖެހޭ ކަންކަން ނޯޓް ކޮށްލުމެވެ. ހަމައެކަނި ހިތަށް އަންނަ ކަންކަން ލިޔުމަށްވުރެ މި ބައިގައި ފޯނު ބަލައިގެން އީމެއިލް އެޕޮއިންޓްމެންޓްސް ތަކާ މިނޫނަސް އޮފީހުގެ ނުވަތަ ވަޒީފާގެ މުހިއްމު ކަންކަން ނޯޓުކޮށްލާށެވެ.
 • މިގޮތަށް ނޯޓް ކުރާއިރު ކޮންމެހެން ކުރަން ޖެހޭ މުހިއްމު ކަންކަން ކުރިއަށް ތާވަލުކޮށް މަސައްކަތްތައް ރާވާލާށެވެ.


- ދިހަ މިނެޓް، އާއިލާއާއެކު

 • މިހާރު ތިވަނީ 17 މިނެޓް އަމިއްލަ ނަފްސަށް ދެވިފައެވެ. އެ 17 މިނެޓްގައި ތި ކުރެވުނީ އަމިއްލަ މީހާއަށް އެކި ގޮތްގޮތުން ފައިދާ ވާ އެކި ކަންކަމެވެ.
 • ދެން މިއޮތް ބާކީ 12 މިނެޓަކީ އާއިލާ އަށް ދޭންވީ ވަގުތު ކޮޅެވެ. މިހެން ބުނާއިރު ތުއްތު ކުދިން ގެންގުޅޭ ބޭފުޅަކަށް މިވަގުތު ކޮޅު މިގޮތަށް ހޭދަ ކޮށްލަން ދަތި ވެދޭނެއެވެ. އަދި ތައްޔާރުކޮށް ސްކޫލަށް ފޮނުވުމުގެ ބުރަ މަސައްކަތާއިގެން ކުރިއަށް ދާންޖެހޭނެތީއެވެ. ނަމަވެސް ޅަފުރާގެ ދަރިން ނުވަތަ ބޮޑެތި ދަރިން ތިބޭ މީހުނާއި، މައިންބަފައިން ކައިރީ އުޅޭ މީހުނަށް މިއީ އެމީހުނާ ގުޅުން ބަދަހި ކޮށްލަން ލިބޭ ވަރަށް މުހިއްމު ވަގުތު ކޮޅެކެވެ.

ދެން އޮތީ ބާކީ 2 މިނެޓެވެ. ފޯނުގެ ބޭނުން ކުރަންވީ ވަގުތު ޖެހުނީއެވެ.