ދުނިޔެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ބޮރިސް ޖޯންސަން އިންތިހާބުކޮށްފި

މަރިޔަމް ޝަހުދާ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ބޮރިސް ޖޯންސަން އިންތިހާބުކޮށްފި އެވެ.

ބޮރިސް އިންގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމު ކާބިޔާބުކޮށްފައިވަނީ އެގައުމުގެ ފޮރިން މިނިސްޓަރ ޖެރެމީ ހަންޓް އާއި ވާދަކޮށް ކުރިހޯދައިގެނެވެ. ބޮރިސްއަށް މިމަގާމު ލިބިފައިވަނީ އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް އައްޔަން ކުރުމަށް ނެގި ވޯޓުންނެވެ. އެގޮތުން ބޮރިސްއަށް ޕާޓީގެ 92،153 މެމްބަރުން ވޯޓު ދެއްވި އިރު ޖެރެމީއަށް ލިބިވަޑައިގެންނެވީ 46،656 ވޯޓެވެ.

ބޮޑުވަޒީރުކަމުގެ މަގާމު ކާމިޔާބުކުރެއްވުމުން ދެއްވި ތަގުރީރުގައި ބޮރިސް ވިދާޅުވީ މިއަހަރު އޮކްޓޫބަރ މަހު ނިމުމުގެ ކުރިން އިގިރޭސިވިލާތް އީޔޫއިން ވަކިކޮށް ގައުމު އެއްބައި ކުރާނެ ކަމަށެވެ. އަދި އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރ ޖެރެމީ ކޯބީން ބަލިކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުރީގެ ބޮޑުވަޒީރު ތެރީސާ މޭއަށް ޝުކުރު އަދާކުރައްވައި، އެކަމަނާގެ ކެބިނެޓުގައި މީގެ ކުރިން ބައިވެރިވުމަށް ފުރުސަތު ލިބުމަކީ ލިބިލެއްވި ޝަރަފެއް ކަމަށް ބޮރިސް ވިދާޅުވިއެވެ.

ބޮރިސްއަކީ މީގެ ކުރިން ލަންޑަންގެ މޭޔަރގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބޮރިސް ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމުވެސް އަދާކޮށްފައެވެ.