މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 23

(20 ޖުލައި ގެ އަދަދާ ގުޅޭ)

މިގޮތަށް ފުރަތަމަ ދަރިފުޅު ލިބެންދެން އަންހެންކުއްޖާ ފިރިމީހާގެ ގެއަށް ފުނޑަން ބަލައިދެއެވެ. އޭގެފަހުން ކޮންމެހެން އާދަކާދައިގެ ގޮތުން ފުނޑަން ބަލައިދިއުމެއް ނޯންނާނެއެވެ.

ފިރިހެންކުއްޖާވެސް އަންހެންކުއްޖާގެ ގެއަށް ދެވަނައަށް ނިދަންދާރޭ އަންހެންކުއްޖާގެ ތިމާގެ ގޭގޭގެ ތެރެއިން އޭނާ ދާންވީ ގޭގެ އޮޅުންފިލުވައިގެން އެގޭގެއަށްގޮސް ހަދައެވެ.

ކުރީޒަމާނުގައި މަލިކުގައި އަނބީންގެ ޚަރަދުދީ އުޅުނީ އެމީހެއްގެ ދަރަޖައިގެ ނިސްބަތުންނެވެ. މިގޮތުން ޚަރަދުދީ އުޅުނުގޮތް ތިރީގައި މިދަންނަވަނީއެވެ.

ބޮޑުން

އަނތްބަކަށް (އަހަރަކު) -/300 ރުފިޔާ
ވިހެއުމުގެ ޚަރަދު -/100 ރުފިޔާ
ދަރީން ބެލުމަށް (މަހަކު) -/1 ރުފިޔާ
ކިރުގެ ޚަރަދު (މަހަކު) -/1 ރުފިޔާ

ނިޔަމިން

އަނތްބަކަށް (އަހަރަކު) -/150 ރުފިޔާ
ވިހެއުމުގެ ޚަރަދު -/50 ރުފިޔާ
ދަރީން ބެލުމަށް (މަހަކު) -/8 އަނާ
ކިރުގެ ޚަރަދު (މަހަކު) -/8 އަނާ

ފަޅުވެރީން/ރާވެރީން

އަނތްބަކަށް (އަހަރަކު) -/75 ރުފިޔާ
ވިހެއުމުގެ ޚަރަދު -/25 ރުފިޔާ
ދަރީން ބެލުމަށް (މަހަކު) -/8 އަނާ
ކިރުގެ ޚަރަދު (މަހަކު) -/8 އަނާ

މިހާރަކަށްއައިސް ޚަރަދު ދިނުމަށް ވަކި ޢަދަދެއް ކަނޑައެޅިފައެއް ނޯވެއެވެ. ގިނަމީހުންނަކީ ބޯޓުދަތުރުކުރާމީހުން ކަމަށް ވުމާއެކު ތަނަވަސްކަމާ އެއްވަރަށް ޚަރަދު ކުރެއެވެ. ދެމަފިރީންގެ ދެމެދުގައި މައްސަލައެއް ޖެހިގެން ޚަރަދުގެ މައްސަލަ ނުކުމެއްޖެނަމަ ކަތީބު ޚަރަދު އަތުލައިދެއްވަނީ ދެމަފިރީން ޞުލްޙައިގައި އުޅޭ ދުވަސްވަރު ޚަރަދުދީ އުޅުނު ނިސްބަތަކުންނެވެ. މަލިކުގެ އާދަކާދަ އޮންނަގޮތުން ކާވެނީގެ ފަހުގައި ފިރިމީހާ އުޅެންޖެހެނީ އަނބިމީހާގެ ގޭގައެވެ. ނަމަވެސް ފިރިމީހާ އަނބިމީހާގެ މަންމައާއި އޭނާގެ އުޚުތުން ބޮޑުދައިތައިންފަދަ މީހުން ތިބޭ ތަންތަނަށްގޮސް އެމީހުނާ ވާހަކަދައްކައެއް ނޫޅެއެވެ. އެމީހުންނަށް ލަދުބަލަން ޖެހޭތީއެވެ. ހަމައެފަދައިން އަންހެންކުއްޖާވެސް އޭނާގެ ފިރިމީހާގެ ބައްޕައާއި ބޮޑުބޭބެއިންނާއި އަޚުންނާމެދު ލަދުބަލައެވެ. ފިރިހެންކުއްޖާ ހެނދުނުނާސްތާ ފިޔަވައި އެހެންވަގުތަކު އެގެއިން ކައިބޮއެއްވެސް ނުހަދައެވެ. ބައެއްމީހުން އެއްކުއްޖަކު ދެކުއްޖަކު ލިބުނީމާ އަނބިމީހާގެ ގެއިން މެންދުރު ކައިވެސް އުޅެފާނެއެވެ. ނަމަވެސް ޢާންމުގޮތެއްގައި އޭނާ އަންހެނުންގެ ގެއާމެދު ބަލަނީ އޭނާ ނިދާގެ ކަމުގައެވެ.

ކާވެނީގެފަހުން ފުރަތަމަ އަންނަ ރޯދަމަހުގެ ކޮންމެވެސް އެއްދުވަހަކު އަންހެންކުއްޖާގެ ގެއިން ފިރިހެންކުއްޖާގެ ގޭގެ އެންމެންނަށް ރޯދަވީއްލަން ތައްޔާރުކޮށްގެން ގެންގޮސްދެއެވެ. ހަމައެފަދައިން އެއްރޭ ތަރާވީސްދަމަށް ހެދިކާވެސް ގެންގޮސްދެއެވެ.

މަލިކުގައި ގެއާއި ގޭތެރޭގައި ހުންނަ ހުރިހާ ގެވެހިކަންވާރަކާއި، ރަންރިއްސަކާއި، ފެހާމާނު މުދަލެއް ލިބޭނީ އަންހެންކުއްޖާއަށް ނުވަތަ އަންހެންދަރީންނަށެވެ. ފިރިހެންދަރިޔަކަށް އޭނާގެ މައިންބަފައިންގެ މުދަލުގެ ތެރެއިން ގޭގެ ހަތަރުފާރުން އެތެރޭގައި ހުރި އެއްޗަކުން ލިބޭނީ ހަމައެކަނި ނިދާނެ އެނދެކެވެ. އަންހެންދަރީންނަށް ގޯތި ފަތްލިޔެދެނީއެވެ. މިގޮތަށް ފަތް ލިޔެދޭއިރުވެސް އެއްކަލަ އެނދުގެ ޙައްޤާއި އަނބިމީހާގާތު ނުއުޅެވިގެން ވަރިވެގެން އަތުވެއްޖެނަމަ ގޭގައި ހުރެވުމުގެ ޙައްޤު ފިރިހެންދަރީންނަށް ރައްކާތެރިކޮށްދެއެވެ. ފިރިހެންދަރީން ބެލުންވެސް ޝަރުޠު ކުރެއެވެ. ނަމަވެސް ގޯތިން ބޭރުގައި ހުންނަ ހުރިހާ މުދަލަކުން ފިރިހެން ދަރީންނަށް ދެބައި ލިބެއެވެ.

މަލިކު މިހާރު އެބައެއްގެ ސަރަޙައްދުގައި ހިމެނޭ އިންޑިޔާގައި ގިނަ އަންހެންދަރީން ލިބުމަކީ މައިންބަފައިންނަށް ކުރިމަތިވާ ވަރަށްބޮޑު މައްސަލައެކެވެ. ނަމަވެސް މަލިކުގައި މިކަން އޮންނަނީ އޭގެ އިދިކޮޅަށެވެ. މައްސަލައަކަށް ވަނީ ގިނަ ފިރިހެންދަރީން ލިބުނީމައެވެ. އެމީހުންގެ ކާވެނިކޮށްދިނުމާއި އެކަމުގައި ހިނގާ ބޮޑު ޚަރަދު ބަރުދާސްކުރުމަކީ ބައްޕައިންނަށް ވަރަށްބޮޑު ބަރެކެވެ. އެހެންކަމާއެކު މަލިކުމީހުން ބޮޑަށް ލޯބިވަނީވެސް އަންހެންދަރީން ދެކެއެވެ. މަލިކުގައި ފިރިހެނުންނަށްވުރެ އަންހެނުން ގިނައީ އެހެންވެގެންވެސް ތޯއްޗެކެވެ.

ވިހެއުން

ޝައްކެއްނެތެވެ. ކޮންމެ ތަނެއްގައިވެސް ދެމަފިރިއަކަށް އަލަށް ދަރިޔަކު ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. މަލިކުގައިވެސް އެއީ މުހިންމު ކަމެކެވެ. އަޅުގަނޑުމެންނަށްވުރެ އެމީހުންނަށް އެކަން މާމުހިންމެވެ. ފިރިހެންމީހާގެ ޢާއިލާއަށް އާ ޚަރަދުތަކެއް ކުރަންޖެހޭ ކަމެކެވެ.

އަލަށް ދަރިޔަކު ލިބޭ ދުވަހު ފިރިމީހާގެ ގެއިން އަނބިމީހާގެ ގެއަށް ވަރަށްގިނަ ސާމާނު ފޮނުވަން ޖެހެއެވެ. އޭގެތެރޭގައި ދަރިފުޅު ހިނަވަން ފެންކައްކާނެ ދެއުޅައްލީ ބޮޑު ލޯގަނޑަކާއި، ކުދީން ފެންވަރާ ޒާތުގެ ތަށްޓަކާއި، ފެންއަޅާނެ ޖަގަކާއި، ކަދައަކާއި، ސައިބޯޖޯޑަކާއި، ސަމުސަލަކާއި، ކުޑަ ގޮދަޑިއަކާއި، ތިންކަންނޭލާއި، މަދިރިގެއަކާއި، މާމުއިފުޅިއަކާއި، ގޮނޑިއަކާއި، ތެލާއި، ސައިބޯންޏާއި، މިބާވަތުގެ ތަކެތި ފޮނުވަން ޖެހެއެވެ. އެއީ، ކުޑަދަރިފުޅަށެވެ.

މީގެއިތުރަށް އެމީހުންގެ ޅީދަރިފުޅަށް ތިންކުނަލާއި، ފަހާފައި އޮންނަ ކަފަނުލައްވާ ގޮދަޑިއަކާއި، ތިންކަންނޭލާއި، ތިންހެދުމާއި، ފައްސަތޭކައާއި ހާހަކާ ދެމެދު ޢަދަދެއްގެ ފައިސާއާއި އެދުވަހު ސަޔަށް ހިނގާނެ ޚަރަދު ފޮނުވަން ޖެހެއެވެ.

ފޫޅުކެނޑުން

މަލިކު އަންހެނުން ޢާއްމުކޮށް ވިހަނީ އެމީހުންގެ ގޭގައެވެ. ރާއްޖޭގައިވެސް އިހުގައި އޮންނަގޮތަށެވެ. މިހާރަކަށް އައިސް މަދުމަދުން ހޮސްޕިޓަލަށްވެސް ވިހަން ދެއެވެ. އަންހެންމީހާ ބަނޑުގައި ރިއްސަން ފަށާއިރަށް ފިރިމީހާގެ ޢާއިލާއަށް އެކަން އަންގައެވެ. އެޚަބަރު ލިބުމުން ފިރިމީހާގެ ޢާއިލާގެ ފަރާތުން ކުއްޖާގެ ފޫޅު ކަނޑާނެ ކުރަފަތެއް ހިފައިގެން އެގެއަށް ދެއެވެ. މަލިކުގެ އާދަކާދައިގައިވާ ގޮތުން ފޫޅުކަނޑާނީ ފިރިމީހާގެ ޢާއިލާގެ ހާޒިރުގައެވެ. ރާއްޖޭގައިވެސް އިހުގައި މިކަން އޮންނަނީ މިކަހަލަ ގޮތަކަށެވެ. މިހާރުވެސް ރާއްޖެތެރޭގެ ރަށްރަށުގައި ކުއްޖަކު ވިހެއުމުން އެކުއްޖާގެ ފޫޅުކެނޑުމުގެ ކުރީން ފޫޅުކަނޑާނީ ކާކަށްތޯ މާމަ ސުވާލުކުރެއެވެ. ފޫޅުކަނޑާނީ ބައްޕަގެ ނަމުގައެވެ. މިކަމުގެ ބޭނުމަކީ ވިހޭ ކުއްޖަކީ ޞައްޙަ ނަސަބަކުން ވަކިޢާއިލާއަކަށް ނިސްބަތްވެގެން ދުނިޔެއަށް އައި ކުއްޖެއްކަން ވީހައިވެސް ބޮޑަކަށް ހާމަކުރުމެވެ.

އަލަތުދަރިފުޅުގެ ފޫޅުވެއްޓޭ ދުވަހު އަންހެންމީހާގެ ގޭގައި އަވަލިމޮޑުން އޮވެއެވެ. އެދުވަހަކީވެސް ފެންކުޅި އޮންނަ ދުވަހެކެވެ. އެދުވަހުގެ ފެންކުޅީގައި ފިއްލެޔޮވެސް އުކާކަމުގައި ވެއެވެ. ވިހައިގެން އުޅޭ ގޭގެއަށް ދިޔައިމާ ފެންޖެހުމަކީ، އަޅުގަނޑުމެން ރާއްޖޭގައިވެސް ބައެއް ރަށްރަށުގައި އޮންނަ ކަމެކެވެ.

ރާއްޖެތެރޭގައިވެސް މިކަހަލަ ރަސްމިއްޔާތެއް އޮވެއެވެ. މިކަން އޮންނާނީ ކުއްޖާގެ ބޯބާލާ ދުވަހު (ހަތްދުވަސްވާދުވަހު) އެވެ. އެރަސްމިއްޔާތަކީ "ފުރަހަނި" ކެއްކުމެވެ. ފުރަހަންޏަކީ އޮލަކޮށް ކައްކައިފައި ހުންނަ ފޮނިކާއެއްޗެކެވެ. އެދުވަހު ހުރިހާ ކުޑަކުދީންނަށާއި އެކިގޭގެއަށް "ފުރަހަނި" ބަހައިއުޅެއެވެ.

(ނުނިމޭ)