ހާޖަރާގޭ އަބްދުﷲ ލުތުފީ

ލުތުފީއަށް ބޮޑު ބަދަލެއް: މޫނު މަތީން މާޔޫސްކަމާއި މުސްކުޅިކަން

ފަތޯނާ ފާއިޒު

2

ބަޣާވާތް ކުރި ކަމުގެ ކުށް ސާބިތުވެފައިވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެެނައި އިރު، އޭނާ ފެނިގެން މީހުން ދިޔައީ ހީކުރި ގޮތާ މުޅިން ތަފާތުކޮށެވެ.

ލުތުފީގެ އަތުގައި ބިޑި އަޅުވާފައެއް ނެތެވެ. ކޮނޑުގައި ދަބަހެއް އަޅުވާލައިގެން، ބޮލުގައި ތޮތްޕެއް އަޅައިގެން އެއާޕޯޓުގެ އެރައިވަލް ޓާމިނަލުން ނުކުމެގެން އައިއިރު އޭނާގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހަމަޖެހުމެވެ. ހީވީ ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކޮށްލުމަށްފަހު އަމިއްލަ ގައުމަށް އެނބުރި އައި މީހެއް ހެންނެވެ. ފެންނަ ފެނުމަށް އޭނާ އަކީ އުމުރުން ދުވަސްވީ، ބަލި، ގައިދީއެއްހެން ހީވެސް ނުވިއެވެ. 19 ދިވެހިންގެ ލޭ ދިވެހި ފަސްގަނޑަށް އޮހޮރުވާލި އުދުވާނީ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު އެކަކު، ހިނިތުންވުމާއެކު ހިނގާލާފައިދާ މަންޒަރު ފެނުުމުން، ގައުމީ ލޭ ހިނގާ އެތައް ދިވެހިންނެއްގެ ލޭ ކެކިގެން ދިޔައެވެ.

އޭގެ ދުވަސްތަކެއް ފަހުން ލުތުފީގެ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވެގެން ދިއުމާއެކު، މީހުންނަށް ފެނިގެންދިޔައީ އަނެއްކާވެސް މުޅިން އެހެން ލުތުފީއެކެވެ. އެއާޕޯޓުން ހިނިތުންވުމާއެކު ފެނުނު ލުތުފީ މުޅިން އެހެން ސޫރައެއްގައި މި ފެނުނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުންނެވެ. މޫނުގެ ކުލަވަރު ބަދަލުވެ، މުސްކުޅިކަމުގެ ސިފަ، އޭނާގެ ގައިން މިފަހަރު ވަަރަށް ރީއްޗަށް ފެންނަން ހުއްޓެވެ.

މޫނު މަތީގައި ކުރިން ހުރި ހިނިތުންވުންވެސް ވަނީ ގެއްލިފައެވެ. އަތުގައި ބިޑިއެއް އަޅުވާފައި އޮތްއިރު، އޭނާގެ ވަށައިގެން ކަރެކްޝަނަލް ސަރވިސްގެ އޮފިޝަލުން ތިއްބެވެ. ލުތުފީގެ މޫނުމަތިން ފެނުނީ މާޔޫސް ކަމެވެ.

އާނއެކެވެ. ލަންކާގައި ހުންނަ ދިވެހިންގެ އެމްބަސީގައި އުޅެމުން ދަނިކޮށް މާލެ ގެނެސް ހައްޔަރުގައި ބެހެއްޓުމުން ލުތުފީއަށްވެސް ބަދަލުތަކެއް އައިސްފިއެވެ. ޖަލު ބަންދުގައި ހުންނަން ޖެހުމަކީ އިންސާާނާއަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް ބަދަލުތަކެއް އަންނަ ކަމެކޭ ބުނާ ވާހަކައަކީ ހަމަ ހަގީގަތެެކެވެ.

ލުތުފީ އައިޖީއެމްއެޗަށް ގެނައުމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިޝަލަކު ވިދާޅުވީ، މާފުށީ ޖަލުން ގެނެސް އޭނާ ޑޮކްޓަރަށް ދައްކާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން އޭނާގެ ޓެސްޓެއް ވެސް ހެދި ކަމަށް އޮފިޝަލު ވިދާޅުވިއެވެ. ޑޮކްޓަރަށް ދެއްކުމަށްފަހު ލުތުފީ މިހާރު ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައެވެ.

ލުތުފީ އަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ކުލީ ސިފައިން އަރައި ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާއެވެ. އޭނާ ކުރި ކުށަށް މަރުގެ ހުކުމް އިއްވުމުން، އޭނާގެ އަދަބު ލުއިކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. މިހާރު ލުތުފީ ތަންފީޒު ކުރަމުން އަންނަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

އެހުކުމް ތަންފީޒް ކުރަމުން ދަނިކޮށް ބޭސްފަރުވާއަށް އޭނާ ލަންކާއަށް ފޮނުވާލާފައިވަނީ 2010 ވަނަ އަހަރުގައި އެމްޑީޕީގެ ސަރުކާރުންނެވެ. ފުލުހުން ބުނެފައިވަނީ އޭނާ ފިލި މައްސަލަ، ވަކި މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.