ޕީޖީ އައިޝަތު ބިޝާމް

ޑްރަގް ފަރުވާއަށް ގޮތެއް ނުނިމި 277 މީހުން، ފަރުވާނުދެވި 800 މީހުން އެބަތިބި: ޕީޖީ

އިބްރާހިމް ޒަކީ

މަސްތުވާތަކެތީގެ މައްސަލަތަކުގައި، ފަރުވާއަށް ފޮނުވުމާމެދު ގޮތެއް ނުނިމި 277 މީހުންގެ މައްސަލަ ޑްރަގް ކޯޓުގައި އެބައޮތް ކަމަށާއި، ޑްރަގް ކޯޓު މެދުވެރިކޮށް، ރިހެލިބިޓޭޝަނަށް އަމުރުކޮށް، ފަރުވާއަށް ދާންތިބި 800 އަށްވުރެ ގިނަމީހުން އެބަތިބި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް، އެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީޖީ ބިޝާމް ވިދާޅުވީ، ޝަރީއަތުގެ މަރުހަލާގައި މައްސަލަތައް ލަސްވަމުންދާ މިންވަރުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ހުކުމެއް ނުކޮށް ރިމާންޑްގައި އެތައް އަހަރެއްވަންދެން ގިނަ މީހުން ތިބެން ޖެހޭ މައްސަލައާބެހޭގޮތުން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވީ ޑްރަގް ފަރުވާ ހޯދުމަށް އެހާ ގިނަމީހުން ތިބިއިރު، ހިންމަފުށީގައި ހުންނަ ރެޒިޑެންޝަލް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެވެނީ 172 ފިރިހެނުންނާއި 10 އަންހެނުންނަށް ކަމަށެވެ.

ޕީޖީ ވިދާޅުވީ، ޑްރަގް މައްސަލަތަކުގައި ތިބި އެމީހުންނަކީ މުޖުތަމައަށް ދޫވެފައިތިބި މީހުން ކަމަށެވެ.

ޕީޖީ ވިދާޅުވީ، އެމީހުންގެ ޑްރަގް މައްސަލަތައް ނުނިމުމުގެ ސަބަބުން އެމީހުންނަށް ނިސްބަތްވާ، ނިސްބަތުން ކުދި މައްސަލަތަކެއް ޕީޖީގައި ހޯލްޑް ކުރެވިފައިވެސް ވާކަމަށެވެ.