Close
ކޮލަމް

ޔަޘްރިބުގެ އުދަރެސް އިސްލާމީ ފަތިހަކަށް ދޮންކޮށްލުން (5)

އަބްދުﷲ ފާރޫގް ހަސަން

1

ސައުދުބިން މުޢާޛު އިސްލާމީ ތަހްރީކާ ގުޅިވަޑައިގަތުން

މައްކާއެކޭ އެއްފަދައިން ޔަޘްރިބުގައިވެސް އިސްލާމީ ތަހްރީކަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ޤަބީލާތަކުގެ ބޮޑުންގެ "ގަދަކެއުޅު" ވަންތަކަމުގެ ނިޒާމެވެ. ޤަބީލާތަކުގެ ބޮޑުންނާއި ސަރުދާރުންނަކީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ރާއިން އަބަދު މަސްތުވެފައި ތިބޭބައެެކެވެ. އެބައިމީހުންގެ ނަޒަރުގައިވެސް އައިން ފެންނާންޖެހޭނީ ކެއުޅުންނަށެވެ. އެބައިމީހުން ޚިޔާރުކުރާގޮތެއް ޤަބީލާގެ ޢާއްމުންޖެހޭނީ ޤަބޫލު ކުރާށެވެ. ދެއްކި މަގަކުން ވާނީ ހިނގާށެވެ. އެގޮތަކީ ކިތަންމެ ކުށްގޮތެއްކަމުގައިވިޔަސް ރަނގަޅުގޮތެއްކަމުގައިވިޔަސް ވެހެވެ. އެމީހުންތިބެނީ އެމީހުން އެޤަބޫލުކުރާގޮތެއްގައި ކޮލުދަތުން ހިފަހައްޓައިގެންނެވެ. ކިރިޔާވެސް އެގޮތަކުން އެއްފަރާތްވެލުމަކީ އެބައިމީހުންގެ ނަޒަރުގައި އެބައިމީހުންނާ ކުފޫހަމަވާކަމެއްް ނޫނެވެ. އެބައިމީހުންގެ ގޮތްފިޔަވައި އެހެން ގޮތެއް އެމީހުން ލައްވައި ޤަބޫލުކުރުވާންވާނެ ވާހަކަ ދެއްކުމަކީ އެމީހުންނަށް ކުރެވޭ ތައުހީނެކެވެ. އިހާނެތިކުރުމެކެވެ. ތިމާމެންނަށް ތައުހީނު ކުރެވުމުގެ ބަދަލުގައި އެމީހުން ތަރުޖީހު ދެނީ މަރުވުމަށެވެ. އެބައިމީހުން ކަމަކަށް އެއްބަސްކުރުވުމާއި، އެބައިމީހުންގެ ކާބަފައިންގެ ދީނުން އެބައިމީހުން ފިރާލުމަކީ ފަސޭހަކަމެއް ނޫނެވެ.

ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ދުރުވިސްނިވަޑައިގަތުމާއި މީހުންގެ ޖައުހަރު ދެނެވަޑައިގެންނެވުމުގެ ނަތީޖާއެއްގެ ގޮތުން ޔަޘްރިބަށް ފޮނުއްވި ދާއީ އަކީ އެ އުނދަގޫ މަސައްކަތްޕުޅު ކާމިޔާބުކުރައްވަން ބޭނުންފުޅުވާ ހުރިހާ ސިފަތަކަކާއި، ރީތި ޚުލުޤުފުޅުތަކެއް އެއްކުރައްވައިގެން ހުންނެވި ބޭކަލެކެވެ. އެހެންކަމުން ކައުސާހިބާގެ ސަފީރަށް އެކަލޭގެފާނުގެ މަސައްކަތްޕުޅުގައި އާދަޔާ ޚިލާފު ކާމިޔާބީތަކެއް ލިބިވަޑައިގެންނެވިއެވެ. ކޮންމެދުވަހަކުވެސް އެކަކު ދެމީހަކު އިސްލާމްވަމުންދިޔައެވެ.

މުޞްޢަބު ރަޟިޔަﷲ އަންހުގެ މަސައްކަތްޕުޅުގެ ދެނަމޫނާއެއް މިތާގައި ހުށަހަޅައިލާނަމެވެ. އިސްލާމީ ތަހްރީކުގެ މިޒާޖާއި އެދައުވަތުގެ މަންހަޖު އޮންނަ ގޮތް ވިސްނައިވަޑައިގެންނެވުމަށްޓަކައެވެ. އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުގައި ކަމަށް ބުނެ ސަލީބީންނާއި ސަހްޔޫނީން ނާއި މުޝްރިކުން އަރުވާ އަޑުއެރުވުމުގެ ޙަޤީޤަތެއް ނެތްކަންވެސް މިދެ މިސާލުން ސާބިތުވެއެވެ.

1. ޢަބްދުލްއަޝްހަލު ވަންހަޔަކީ ޔަޘްރިބުގައި ވަރަށް ނުފޫޒުހުރި ނުހަނު ބަސްވިކޭ ޤަބީލާއެކެވެ. އާރާއިބާރާއި ފަންވަރުހުރި ޤަބީލާއެކެވެ. އެޤަބީލާގެ މޮހުމާއި ގޮށްޖެހުމުގެ ވެރީންނަކީ ސަޢުދުބިން މުޢާޛު އާއި، އުސައިދު ބިން ޙުޟައިރު އާ ދެބޭކަލުންނެވެ. މަދީނާގެ މުޝްރިކުން ގެންދިޔައީ އިސްލާމީ ތަހްރީކާމެދު އެދެބޭކަލުންގެ ހިތްޕުޅުގައި ކުށްހީތައް އުފައްދަން މަސައްކަތްކުރަމުންނެވެ.

އެއްދުވަހަކު ބަޔަކު ގޮސް އެދެ ބޭކަލުންގެ އަރިހުގައިދެންނެވިއެވެ. މުޞްޢަބު ބިން ޢުމައިރު ބަނޫޡުފަރުގެ ބަގީޗާއެއްގައި ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅުގައި އެބައުޅުއްވައެވެ. އެކަލޭގެފާނުގެ އަރިހުގައި އަސްޢަދު ބިން ޒުރާރާވެސް އެބަ އިންނެވިއެވެ. އައު މުސްލިމުންގެ ބަޔަކުވެސް އެބަތިއްބެވެ. ސައުދު ބިން މުޢާޛު އެވާހަކަ އަޑުއައްސަވައިފައި ވަރަށް ކޯފާވިއެވެ. އޭނާ އުސައިދުގެ އަރިހުގައި ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ސަރަހައްދަށް ވަދެ އަޅުގަނޑުމެންގެ ނުވިސްނޭ ސާދާމީހުން މަގުފުރައްދަމުންއެގެންދާ ދެމީހުން ބިރުގަންނަވައިލައްވައި އަޅުގަނޑުމެންގެ ސަރަހައްދުން ބޭރުކޮށްލައްވާށެވެެ. މިކަމާ އަޅުގަނޑު ކަލޭގެފާނަށް އުނދަގޫފުޅު މިކުރަނީ އަސްޢަދާ އަޅުގަނޑާ ދެމެދުގައި އޮންނަ ތިމާގެ ކަމާހުރެއެވެ. އަސްއަދަކީ އަޅުގަނޑުގެ ބޮޑުދައިތާފުޅުގެ ދަރިކަލުންނެވެ. އެހެންކަމުން އެންމެފުރަތަމަ އަޅުގަނޑު ސީދާ ގޮސް އެކަލޭގެފާނާ ދެކޮޅުވެރިކަންފަށަން ފަސްޖެހެވެނީއެވެ. ވީމާ ކަލޭގެފާނު ވަޑައިގެން އެދެމީހުން ބިރުގަންނަވައިލައްވާށެވެ. ކަލޭގެފާނު ވާހަކަ ދެއްކެވީމާ ވާގޮތަކުން އަޅުގަނޑުވެސް ދާނަމެވެ.

ސައުދު ބިން މުޢާޒު އެވާހަކަފުޅު ދެއްކެވުމުން އުސައިދު ބިން ޙުޟައިރު އެކަލޭގެފާނުގެ ލޮންސިކޮޅު ހިއްޕަވައިގެން މުޞްޢަބުގެ ފާނާއި، އަސްއަދާ ދެބޭކަލުން ތިއްބެވިތަނަށް މިސްރާބުޖެއްސެވިއެވެ. އެކަލޭގެފާނު ވަޑައިގަންނަވާ ތަން ފެނިވަޑައިގެންފައި އަސްޢަދު ވިދާޅުވިއެވެ. މިވަޑައިގަންނަވަނީ އޭނާގެ ޤައުމުގެ ދެ ވެރީންކުރެ އެއްބޭކަލެކެވެ. އޭނާއާ ރަނގަޅަށް ވާހަކަދައްކަވާށެވެ. އުސައިދު ވަޑައިގެން ހުއްޓިވަޑައިގެންފައި ވަރަށް ބޮޑަށް ކޯފާވެ ހަޅޭފުޅުލައްވައިގެންނެވިއެވެ. "ތިޔަބައިމީހުން ތިޔަކުރަނީ ކީއްހެއްޔެވެ. އަހަރެމެންގެ ތެރެއިން ޢަޤީދާ ބަލިކަށި ސާދާމީހުން މަގުފުރައްދަނީ ހެއްޔެވެ. ތިޔަބައިމީހުންގެ ފުރާނަދެކެ ލޯބިވާނަމަ އަވަހަށް މިތަނުން ހިނގައިދާށެވެ."

މުސްއަބު ނުހަނު ހަމަޖެހިވަޑައިގެން މަޑުމައިތިރިކަމާއި ކަމޭހިތްތެވުމާއެކު ވިދާޅުވިއެވެ. "ކަލޭގެފާނު ކުޑައިރުކޮޅަކު އިށީދެވަޑައިގެން އަޅުގަނޑުމެން މިދައްކާ ވާހަކައެއް އަޑުއައްސަވައި އެވާހަކައިގެ ފޭރާން ހުރިނެތް ގޮތެއް ބައްލަވައެއް ނުލައްވާނުތޯޯއެވެ؟. އެވާހަކައިގެ ތެރޭގައި ކަލޭގެފާނުވެސް ރުހިވަޑައިގަންނަވާ ފަދަ ވާހަކައެއް އޮވެއްޖެނަމަ ޤަބޫލުކުރައްވާނީ އެވެ. ޤަބޫލުފުޅުނޫން ވާހަކައެއްނަމަ ދޫކޮށްލައްވާނިީއެވެ."

މަތީގައިވާ ފޮޓޯގެ ކުރު ތަޢާރަފެއް

މިއީ ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޝަރަފުވެރިގެކޮޅު ، މި ގެކޮޅު ހުންނަނީ ޝިއުބު އަބީޠާލިބު ފެށޭތާނގައެވެ. ސައުޔުކުރައްވާ މަގުގެ އިރުމަތީ ފަރާތުން މަރުވާ އާ ވީކޮޅުން ބޭރަށް ނިކުމެވަޑައިގަންނަވާއިރު މިގެކޮޅު ފެނިވަޑައިގަންނަވާނެއެވެ.

ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ ހިޖްރައަށް ވަޑައިގެންނެވުމުން ޢަޤީލު ބިން އަބީޠާލިބް ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ބެއްލެވުމުގެ މިގެކޮޅު ދަށަށް ގެންދެވިއެވެ. އަޤީލަށްފަހު އެކަލޭގެފާނުގެ ބޭފުޅުންގެ ބެއްލެވުމުގެ ދަށުގައި މިގެކޮޅު ހުއްޓައި މުޙައްމަދުބިން ޔޫސުފް އައްޘަޤަފީ (ހައްޖާޖު ބިން ޔޫސުފްގެ އަޚް) މި ގެކޮޅު ގަނެފައި ދާރުލްބައިޟާއުގެ ނަމުން ނަންދިނެވެ. ޚަލީފާހާރޫނުއްރަޝީދުގެ މައިކަނބަލުން އަލްޚައިރުޒާން ހިޖްރައިން 171 ވަނަ އަހަރު ހައްޖަށް ވަޑައިގެންފައި މިގެކޮޅު ބައްލަވައިގެންފައި މިސްކިތަކަށް ހެއްދެވިއެވެ. މިސްކިތެއްގެ ގޮތުގައިހުއްޓައި 1950 ވަނަ އަހަރު މިގެކޮޅު މައްކާގެ ލައިބްރަރީއަކަށް ބަދަލުކުރެވުނެވެ. މިހާރުވެސް މިއީ މައްކާގެ ލައިބްރަރީއެވެ. މިލައިބްރަރީގައި ވަރަށް ނާދިރު އިލްމީ ފޮަތްތަކާއި އަތުލިޔުންތަކާއި ވަރަށް މުހިންމު ތާރީޚީ މައުލޫމާތު އެބަހުއްޓެވެ. މާތްﷲގެ ރަހްމަތްފުޅުން އަޅުގަނޑަށް ވަނީ ދެފަހަރަކު މިގެކޮޅަށް ވަނުމުގެ ހެޔޮ ތައުފީޤު ލިބިފައެވެ.


އުސައިދު ބިން ޙުޟައިރު މައިތިރިވެވަޑައިގެންފައި ވިދާޅުވިއެވެ. "ތިޔަވިދާޅުވީ އިންސާފުވެރި ވާހަކައެކެވެ." އެހެންވިދާޅުވެފައި ލޮންސިކޮޅު ބިމަށް ޖައްސަވައިފައި ލޮންސިކޮޅުގެ ކައިރީގައި އިށީދެވަޑައިގެންފިއެވެ.

މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ އަންހު އިސްލާމްދީނުގެ އަސާސީ އަޤީދާ ތަކާއި އެދީނުގެ މުހިންމަތާއި މަޤްސަދުތައް އުސައިދަށް ބަޔާންކޮށްދެއްވިއެވެ. ނުހަނު ފޮނި ބަސްފުޅުތަކުންނެވެ. އެހައިމެ ބަލާޣަތްތެރިކަމާއެކުގައެވެ. އެއަށްފަހު ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެ ދެއްވިއެވެ. އުސައިދު ބޭއިޚްތިޔާރުގައި ކުއްލިޔަކަށް ވިދާޅުވިއެވެ. ތިޔައީ ހާދަ ރަނގަޅު ހާދަ ފުރިހަމަ ވާހަކަފުޅުތަކެކެވެ.

މާތްﷲގެ ކަލާމުފުޅު އެކަލާމުފުޅުގެ މުޢުޖިޒާތީ އަސަރު އުސައިދުގެ ހިތްޕުޅަށް ވެރިކުރުވައިފިއެވެ. އެކަލޭގެފާނުގެ ވިސްނުންފުޅާއި ބުއްދިފުޅު އީމާންކަމުގެ ނޫރުން ފާންވެ ވިދައި ބަބުޅައިގަތެވެ. އުސައިދު ވިދާޅުވިއެވެ. "އަޅުގަނޑު ތިޔަދީނަށް ވަންނާންކުރާންވީ ކޮންކަމެއްތޯއެވެ؟"

މުޞްޢަބު ރަޟިޔަﷲ އަންހު ޖަވާބުދެއްވިއެވެ. "ފެންވަރުވައި (ވުޟޫކުރައްވައި) ހަށިކޮޅު ތާހިރު ކުރައްވާށެވެ. އެއަށްފަހު ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުވާށެެވެ." އުސައިދު ވަގުތުން ވުޟޫކުރައްވައި ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުވެ އިސްލާމްވެ ވަޑައިގެންނެވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "އަޅުގަނޑު ނޫން އަދި އެކަކު އެބަހުއްޓެވެ. ތިޔަބޭކަލުން އޭނާ ތެދުމަގަށް ގެންނެވޭތޯ ބައްލަވާށެވެ. (އުސައިދު އެ އިޝާރަތް ކުރެއްވީ ސަޢުދު ބިން މުޢާޛަށެވެ.) އޭނާ އިސްލާމްވެއްޖެނަމަ އޭނާގެ މުޅި ޤައުމު އޭނާއަށް ތަބާވާނެ ކަން ކަށަވަރެވެ. އަޅުގަނޑު ހަމަމިހާރު އޭނާ ތިޔަބޭކަލުންގެ އަރިހަށް ފޮނުވާނަމެވެ."

އުސައިދު އެނބުރި ވަޑައިގެންނެވިއިރު ސަޢުދު ބިން މުޢާޛު އިންނެވީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ އެއްވުމެއްގައެވެ. އުސައިދު ފެނިިވަޑައިގަތުމުން ސަޢުދު ވިދާޅުވިއެވެ. އުސައިދު މިވަޑައިގަންނަވަނީ އަހަރެންގެ ގާތުން ވަޑައިގެންނެވި މޫނު ފުޅާއިގެންނެއް ނޫނެވެ. އުސައިދު ބަދަލުވެވަޑައިގެންފިކަން ސަޢުދަށް އެނގިވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އެކަންފާޅު ނުކުރައްވައި ސުވާލުކުރެއްވިއެވެ. "ކަލޭގެފާނު އެބައިމީހުންގެ ގާތަށް ވަޑައިގެން ކުރެއްވީ ކީއްތޯއެވެ؟" އުސައިދު ވިދާޅުވިއެވެ. "އަޅުގަނޑު އެދެ މީހުނާ ވާހަކަ ދެއްކީމެވެ. މާތްﷲ ގަންދެމެވެ. އެދެމީހުންނަކީ މާތްﷲގެ ރަސްކަންފުޅުފިޔަވައި އެހެން އެއްވެސް ފަރާތެއް ދެކެ ބިރުގަންނަ ބައެއް ނޫނެވެ. އެމީހުން ބުނީ އެމީހުންކުރަނީ އެމީހުންގެ ނަޒަރުގައި ރަނގަޅުކަންތައްކަމަށާއި އެކަންތައް ކުރާނެކަމުގައެވެ. އަނެއްކާ އަޅުގަނޑަށް އެނގުނު ގޮތުގައި ޙާރިޘަތު ވަންހައިގެ މީހުން އަސްއަދު ޤަތުލުކުރާން ނިކުމެއްޖެއެވެ. އެބައިމީހުން އެކަންކުރާން އެއުޅެނީ އަސްޢަދަކީ ކަލޭގެފާނުގެ ބޮޑުދައިތާފުޅުގެ ދަރިކަލުން ކަމުގައިވާތީއެވެ. ކަލޭގެފާނުގެ ހިތްޕުޅުދަތިކުރުވާން ވެގެންނެވެ. އެކަލޭގެފާނުގެ އަހްދު އުވައިލައިފައެވެ."

އެވާހަކަ އިވިވަޑާއިގަތުމުން ސަޢުދު ވަރަށް ބޮޑަށް ކޯފާވިއެވެ. ވިދާޅުވިއެވެ. "ކަލޭގެފާނަށް ތިޔަކުރެއްވުނީ ކޮންކަމެއްތޯއެވެ؟. އަނެއްކާ އަޅުގަނޑު އަމަށުން ހުއްޓައި އަސްޢަދު ޤަތުލުކުރެވިގެން ވެދާނެތޯއެވެ.؟. ތިޔަބައިމީހުން މިތާގައި ތިބޭށެވެ. ތިޔަކަންތައްތައް ރަނގަޅުކޮށް ހަމަޔަށް އަޅުވައިފައިއެބައަންނަމެވެ." ސައުދު ބިން މުޢާޛު މިހެންވިދާޅުވެފައި ކަނޑި ހިއްޕަވައިގެން މުޞްޢަބާއި އަސްޢަދު ގެ އަރިހަށް ވަޑައިގެންފިއެވެ. އަސްއަދުދެކެ ސައުދުގެފާނު ކޯފާވީ އިސްލާމްދީނުގެ މުބައްލިޣުންނަށް އަސްޢަދު މެހްމާންދާރީ އަދާކުރައްވާތީއެވެ. އެކަލޭގެފާނުގެ އަރިހުން ޙިމާޔަތް ދެއްވައިފައިވާތީއެވެ. ސަޢުދު ވަރަށް ކޯފާވެފައި އަސްޢަދާ ދިމާޔަށް ވިދާޅުވިއެވެ. " އޭ އަބޫއުމާމާއެވެ! ވައްލާހިއެވެ. ކަލޭގެފާނާއި އަޅުނޑާ ދެމެދު ތިމާގެ ކަމެއް ނުވާނަމަ މިކަނޑީން ކަލޭގެފާނުގެ އިސްތަށިފުޅު ކަނޑައިލީމުހެވެ. ތިޔަބޭކަލުން އަޅުގަނޑުމެންގެ ސަރަހައްދުގައި އަޅުގަނޑުމެންގެ މީހުން މަގުފުރައްދަވަނީއެވެ."

އަސްޢަދު ބިން ޒުރާރާ ރަޟިޔަﷲ އަންހު އެއްވެސް ޖަވާބެއް ނުދެއްވިއެވެ. ނަމަވެސް މުސްއަބު ނުހަނު މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަވައި ސަޢުދު ބިން މުޢާޛު އިށީދެވަޑައިގަންނަވަން އެއްބަސްކުރުއްވިއެވެ. މުޞްޢަބު ވިދާޅުވިއެވެ. އަޅުގަނޑުމެން ދައްކާ ވާހަަކަތައް އެންމެފުރަތަމަ އަޑުއައްސަވައިލައްވާށެވެ. އެވާހަކަ ތަކުގެ ތެރެއިން ރަނގަޅުކަމުގައި ފެނިވަޑައިގެންނެވި ވާހަކައެއް ޤަބޫލުކުރައްވާނީއެވެ. ރުހިވަޑައިނުގަންނަވާ ވާހަކައެއްނަމަ އަޅުގަނޑުމެން އެވާހަކައެއް ކަލޭގެފާނަކަށް އަޑެއް ނުއިއްވާނޫއެވެ."

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟