ލަންކާ އެޓޭކް 2019

ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ފަތޯނާ ފާއިޒު

ސްރީލަންކާގައި މިދިޔަ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން، އެގައުމުގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފިއެވެ. މިފަހަރު މުއްދަތު އިތުރުކޮށްފައިވަނީ، އިތުރު އެއްމަސް ދުވަހަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސްރީލަންކާގެ ތިން ފައްޅިއަކާއި، ތިން ލަގްޒަރީ ހޮޓަަލަކަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާތަކުގައި 250އަށްވުރެ ގިނަ މީހުން މަރުވިއެވެ. އެހަމަލާތަކާއި ގުޅިގެން ލަންކާގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން ރައީސް މައިތުރިޕާލާ ސިރިސޭނާ ނިންމެވީ އިއްޔެގެ ވަގުތތެއްގައެވެ.

ރައީސް ސިރިސޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން ނިންމެވީ ޓެރަރިޒަމްއާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މަގުފަހި ކުރުވުމުގެ ގޮތުން ކަމަށެވެ. އަދި އެފިޔަވަޅު އަޅަން ނިންމެވީ ރައްޔިތުންގެ މަސްލަހަތަށްޓަކައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ލަންކާގައި ދިން ހަމަލާތަކާއި ގުޅިގެން މިހާތަނަށް 100އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި 10 އަންހެނުންވެސް ހިމެނެއެވެ.