ލައިފް ސްޓައިލް

އަމިއްލަ ދިރިއުޅުމުގެ ކަންކަން މާގިނައިން ފޭސްބުކްގައި ހިއްސާކުރުމުން މީހުން ފޫހިވޭ: ދިރާސާ

ފަތޯނާ ފާއިޒު

މިއީ މީސްމީޑިއާގެ ޒަމާނެވެ. މިޒަމާނުގައި ގާތް ރައްޓެހިންނާއި އާއިލާގެ މީހުންނާއި ގުޅުން ބަދަހިކޮށް، ދެކެވޭ ގިނަ ވާހަކައަކީ މީސްމީޑިއާގެ ކޮންމެވެސް ވަސީލަތެއް މެދުވެރިކޮށްގެން ދެކެވޭ ވާހަކަ އަކަށް މި ވަނީ ވެފައެވެ. އެހެންކަމުން، މީހަކާ ބައްދަލުކޮށް ދެކެވޭ ވާހަކަތައް މަދުވެ، ދުރުގައި ތިބެގެން ކުރާ މުއާމަލާތްތައް މިވަނީ އިތުރުވެފައެވެ.

ތިމާގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތް އެހެން މީހުންނާ ހިއްސާ ކުރުމުގައި އެންމެ ބޮޑު ދައުރެއް މިހާރު އަދާ ކުރަނީވެސް މީސްމީޑިއާއެވެ. އެގޮތުން ފޭސްބުކަކީވެސް އަމިއްލަ ދިރިއުޅުމުގައި ކުރާ މުހިންމު ހުރިހާ ކަމެއްހެން ހިއްސާ ކުރަމުން އަންނަ ވަސީލަތަކަށް ވަނީ ވެފައެވެ.

ހަޔާތުގެ ބައިވެރިޔާއާއި އެކީގައި ޑޭޓަކަށް ދިޔަސް، ނުވަތަ އެހެން ގައުމަކަށް ޒިޔާރަތެއް ކުރިޔަސް އެ މަންޒަރުތައް ފޭސްބުކް މެދުވެރިކޮށް ހިއްސާ ނުކޮށް ހުންނާނީ ވަރަށް މަދު މީހެކެވެ. ތިބާގެ ދިރިއުޅުމުގެ ކަންކަން ފޭސްބުކްގައި ބަރާބަރަށް ހިއްސާ ކުރަމުންދާއިރު، އެކަންކަމަކީ ތިބާގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރަން އެހެން މީހުން ގެންގުޅޭ ވަސީލަތެއްކަމާމެދުގައި އެންމެ ފަހަރަކުވެސް ވިސްނާލިންހެއްޔެވެ؟

ޖާނަލް ޕާސަނަލް ރިލޭޝަންޝިޕްސްއިން ކުރި ދިރާސާއަކުން ދައްކާ ގޮތުން، ތިބާގެ ލޯބީގެ ހަޔާތުގައި، ތިބާ ހުރީ ހިތްހަމަޖެހިގެންތޯ ނުވަތަ ނޫންތޯ ވަޒަން ކުރުމަށް ގިނަ މީހުން ބަލަނީ ތިބާގެ ފޭސްބުކް ޕްރޮފައިލްއެވެ.

އެ ދިރާސާ ކޮށްފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. ދިރާސާގެ ބައިވެރިން ވަނީ ފޭސްބުކް އެކައުންޓްތަކެއް ހެދުމަށް ފަހު، 200 މީހުންނަށް އެ އެކައުންޓުތައް ނިސްބަތްވާ މީހުންގެ ދިރިއުޅުމާއި ބެހޭގޮތުން ހިޔާލުފާޅުކުރުމަށް ހަވާލުކޮށްފައެވެ.

އެ އެކައުންޓްތައް ބެލުމަށްފަހު، އެންމެ އުފާވެރި ހަޔާތެއް ބައިވެރިޔާއާއި އެކީގައި އުޅެމުން އަންނަ ކަމަށް ނިންމާފައިވަނީ އެންމެ ގިނަ ފޮޓޯތައް، "ލޯބި" ކެޕްޝަންތަކާއިއެކީގައި ހިއްސާ ކޮށްފައިވާ މީހުންނެވެ. އަދި ބައިވެރިޔާގެ ފޮޓޯ ނުލައި، އެކަނި ފޮޓޯލާ މީހުންނަކީ އުފާވެރި ހަޔާތެއް އުޅެމުންދާ މީހުން ނޫން ކަމަށް ދިރާސާގެ ގިނަ ބައިވެރިން ނިންމާފައިވެއެވެ.

މީގެ އިތުރުން، އަމިއްލަ ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއް ފޭސްބުކްގައި ހިއްސާ ކުރާ މީހުންދެކެ މީހުން މާ ބޮޑަށް ފޫހިވާކަންވެސް ދިރާސާއިން ވަނީ ހާމަވެފައެވެ. އެގޮތުން، އެފަދަ މީހުންނަކީ އެކުގައި ހޭންގްއައުޓް ކުރަން އެހާ ކަމުދާ ބައެއް ނޫން ކަމަށްވެސް ދިރާސާގެ ބައިވެރިން ނިންމާފައިވެއެވެ.