ކުޅިވަރު

އައިއޯއައިޖީގައި ބައިވެރިވާ އެމްއެންޑީއެފްގެ ދުވުންތެރިންނާއި ރައީސް ބައްދަލުކުރައްވައިފި

ފަތޯނާ ފާއިޒު

މިހާރު މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް(އައިއޯއައިޖީ)ގައި ބައިވެރިވާ ސިފައިންގެ ދެ ދުވުންތެރިންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ބައްދަލުކުރައްވައިފި އެވެ.

އައިއޯއައިޖީގައި ސިފައިންގެ ދެ ދުވުންތެރިންކަމުގައިވާ ކޯޕްރަލް ޝިފާޒް މުޙައްމަދު، އަދި ކޯޕްރަލް ހުސެއިން ފަޒީލް ހާރޫން ބައިވެރިވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، އެ ދެމީހުންނާއި ބައްދަލުކުރައްވާ، ހިތްވަރު ދެއްވާފައެވެ.

މޮރިޝަސްގެ ޕޯޓް ލުއީގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފަށާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ މުބާރާތުގައި ރާއްޖެއިން 14 ކުޅިވަރެއްގައި ބައިވެރިވެއެވެ.

ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، ކުޅިވަރު މުބާރާތުންނެވެ.

ރާއްޖެއަކީ މި މުބާރާތުގެ ފައުންޑަރ މެންބަރު ޤައުމެއްވެސް މެއެވެ. މީގެއިތުރުން ރާއްޖެއިން އަންނަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.