ޚަބަރު

މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން 27 ގައި ބާއްވަނީ

އާނިފާ ހުސެއިން ސިރާޖް

ދިވެހިރާއްޖޭގެ 54 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބާއްވާ ޝަރަފުގެ ހިނގާލުން މިފަހަރުވެސް މާލޭގައި މިމަހު 27ގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ހިނގާލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައި ސިފައިންގެ މައި މަރުކަޒު އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް، ބޮޑުތަކުރުފާނު މަގުން އިރަށް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ކަނބާއައިސާރަނި ހިނގުމުން ދެކުނަށް އައިސް އަމީނީ މަގުން އިރަށްގޮސް، ޢިއްޒުއްދީން މަގުން ދެކުނަށް ގޮސް ކަޅުތުއްކަލާ ކޮށްޓަށް ނިންމާ ގޮތަށެވެ.

ޝަރަފުގެ ހިނގާލުން ހުއްޓުމަށް ހަމަޖެހިފައިވަނީ މުލިއާގެ ކައިރި އާއި ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމައްޗާއި، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅިކަންމައްޗާއި މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅިކަންމަތީގެ މަޖީދީ މަގު މާފަންނު ސަހަރާ ކުރިމަތީގައެވެ.

މި ފަސް ސަރަޙައްދުގައި ސިފައިންގެ ބޭންޑުގައި އެކި ރާގުތައް ކުޅުމަށްހަމަޖެހިފައި ވެއެވެ.