ފުރާނަދަންދެން

ފުރާނަދަންދެން - 26

2

"ތެދެއް ބުނަންތަ...؟ އަހަރެން އިޝީއާއި ވަރަށް ލައިކްވޭ... އަޒްކާއަށް އަހަންނަށް ބިޓްރޭ ވުމުން އަހަރެން ހުރީ ވަރަށް ބޯ ސަކަރާތްވެފަ. އެހެން އުޅެނިކޮށް އަހަރެންނަށް މަގުމަތިން ފެނުނީ ޕަރީއެއް. ވަރަށް ލޯބި ކުއްޖެއް. މީހަކު މޮޔަވާނެހާ ފުރިހަމަކަމެއް ދެއްވާފައިވާ ކުއްޖެއް. އެކަހަލަ އަޒްކާއަކާއި އަޅާ ކިޔަހާވެސްނުވޭ.... އެކުއްޖާ ހީލުމުން ހީވަނީ މާބަގީޗާއެއްގައި އެކި ކުލަކުލައިގެ މާތަކެއް ފޮޅެމުންދާހެން. އެކަމަކު ރޯއިރު ހީވަނީ ގަދަ ތޫފާނީ ރެއެއްގައި އެއްކަލަ ބަގީޗާގައި ފޮޅިފަ ހުރި މާތަށް ގަދަ ވައިގަ ޖެހި ޗިސްވަމުން ތިރިއަށް ވެއްޓި ވެލިތަކުގެ ތެރޭގައި މޮޑެވިގެންދާހެން..." މާހިލްގެ ޖާދޫވީ ބަސްތަކުގައި ރަނގަޅަށް ނައިޝީ ބަނދެވުނެވެ. މާހިލްގެ ހަށިގަނޑުގައި އޭނާއަށް އޮޅުލައިގަނެވުނެވެ. މާހިލްގެ ތުންފަތްމަތިން ފެންނަމުން ދަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

"އަހަރެން ބޭނުމީ މިރޭ އިޝީ އަހަރެންގެ އަތު ތެރޭގައި އޮވެ ނިދާލަން. މަޑުކުރައްޗެ. އަދި އެއްޗެއް ބޯލަންވެސް ނުބުނެވޭ ދޯ... މި އަންނަނީ އިނގޭ...." ނައިޝީ ކޮޓަރި ތެރޭގައި ބަހައްޓާފައި މާހިލް ނިކުތީ ބޭރަށެވެ. ނައިޝީ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ ތުންފަތްމަތިން ހިތާމައިގެ އަސަރު އަދިވެސް ފެންނަން ހުއްޓެވެ. ނަމަވެސް މާހިލް އަމުނާލި ލޯބީގެ ބަސްތައް މަތިން ހަނދާންވެފައި ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނު ކަހަލައެވެ.

އިރުކޮޅަކުން މާހިލް ގެނެސްދިން ޗެރީ ތަށި ނައިޝީ އަތަށް ދިއްކޮށްލިއެވެ. ކޯވަރެއް ބޯލުމަށްފަހު ނައިޝީ ހީލިއެވެ. މާހިލް ހީލަމުން ތަށީގެ ކޮޅުގައި އިން ޗެރީކޮޅު ނަގާ ނައިޝީގެ އަނގައިގައި ލައްވާލިއެވެ. ނައިޝީ ކާލުމާއެކު މާހިލް އޭނާގެ އަތުގައި ހުރި ތަށި ސައިޑް ކަބަޑްމަތީގައި ބެހެއްޓިއެވެ. އަދި ނައިޝީ ކައިރިއަށް ޖެހިލުމަށްފަހު ނައިޝީ އަތުގައި ހުރި ތަށި އަތުލިއެވެ. ނައިޝީއަށް ތަށީގައި ހުރި އެއްޗެހި ބޯންދިނީ މާހިލްގެ ދެއަތުންނެވެ.

"މީރުތަ....؟" ނައިޝީ މޫނުގައި ފިރުމާލަމުން މާހިލް ބުނެލިއެވެ. ނައިޝީ ހީލަމުން ބޯޖަހައިލިއެވެ. ޗެރީގެ ސަބަބުން އިތުރަށް ރަތްކަމެއް ވެރިވެފައިވާ ނައިޝީގެ ތުންފަތުގައި މާހިލް އިނގިލި ހާކާލިއެވެ. އޭނާއަށް މާހިލްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީ އާޝޯހްވެފައެވެ. މާހިލްގެ ދެލޮލުން އޭނާއަށް ފެނުނީ މީގެ އިރުކޮޅެއް ކުރިން ނާހިދްގެ ދެލޮލުންވެސް ފެނުނު މަސްތުކަމެވެ. ނައިޝީއަށް އިތުރަށް އެއްޗެއް ބުނާނެ ފުރުސަތު ނުދީ މާހިލް ނައިޝީ ދެއަތް މައްޗަށް އުފުލާލާފައި ގެންގޮސް އެނދުގައި ބޭންދިއެވެ.

"އަހަރެންގެ ލޯބި ފަށާނީ އިޝީއަށް ގެއްލިފައިވާ އަރާމަކުން. މިހުރިހާ ދުވަހު އިޝީ ހުރީ އިޝީއަކީ ގާރލްއެއްކަން ވެސް ހަނދާންނެތިފަ. އަހަރެން އިޝީ މޮޔަކޮށްލާނަން.... ޓްރަސްޓް މީ ބޭބީ...." ނައިޝީއަށް އެއްޗެއް ނުބުނެވުނެވެ. ހުދު އޭނާވެސް ހުރީ އެފަދަ ލޯތްބަކަށް ބޭނުންވެފައެވެ. ނައިޝީގެ ބޮލާއި އަޅައިގެން ހުރި ބުރުގާ ވަކިވި ހިނދު މާހިލްއަށް އެހެން ދިމާލަކަށް ކަޅިޖަހާވެސް ނުލެވުނެވެ. އޭނާ އެތައް އަންހެންކުއްޖެއް އޭނާގެ އެކުޅިވަރުގައި ބައިވެރިކޮށްފިއެވެ. އެހުރިހާ ކުދިންނަށް ވުރެ ވެސް ނައިޝީގެ ފުރިހަމަކަމަށް އޭނާ ހިތާހިތުން ތަޢުރީފް ކުރިއެވެ. އޭނާ ނައިޝީގެ ހަށިގަނޑު އޭނާގެ ދެއަތް ތެރޭގައި ގައިދުކޮށްލިއެވެ.

ވަކިކަމެއް ހާޞިލް ކުރުމަށްޓަކައި ނައިޝީގެ އެންމެ ފުރަތަމަ ފެނިލުމުންވެސް ހިތުގައި އަޅައިގެން ހުރި މާހިލްގެ މަޤްސަދު އޭނާއަށް ހާސިލްވެއްޖެއެވެ. އޭނާ ކުރަން ހިތުގައި އަޅައިފިކަމެއް އަދި މިހާތަނަށް އޭނާއަށް ހާޞިލް ނުވެފައެއް ނެތެވެ. ޒުވާން އަންހެން ކުއްޖެއްގެ އިހުސާސްތަކާއި ކުޅެލައިގެން އޭނާގެ ހިތުގެ މުރާދު ހާޞިލްކޮށްފިއެވެ. ދުވަހަކުވެސް ފިރިހެނަކު ބީހިފައި ނުވާ އެ ނާޒުކު މަލުގެ ފިޔަތަކާއި ކަރުގަނޑު ވަކިކޮށްފިއެވެ. ހަށިގަނޑަށް ލިބުނު ލޮޑު ކަމުގައި އޭނާގެ އަތް މަތީގައި ނިދިފައި އޮތް ނައިޝީގެ މޫނަށް ބަލަހައްޓައިގެން އޮތްއިރު އޭނާގެ ތުންފަތް މަތީގައިވަނީ ފަތަހައިގެ ހިނިތުންވުމެކެވެ.

"މޮޔަކުއްޖާ...! އަހަރެންނަށް އަހަރެން ބޭނުންވި ހިސާބަށް ދެވިއްޖެ... ހެހެހެ... ނާހިދް ދެން ޖެހޭނީ ބާއޮޑިއެއްގައި ދަތުރު ފަށަން...." ނައިޝީގެ އޮމާން މޫނުގައި އެއް އިނގިލިން ފިރުމާލަމުން މާހިލް ވާހަކަދެއްކިއެވެ.

"މީހަކު އަހަރެންނާއި ޒާތީ ގޮތުން ހަސަދަވެރިވެއްޖެ ނަމަ އެމީހަކީ އަހަރެންގެ އަތް ދަށުން ސަލާމަތްވާނެ މީހެއް ނޫން. ހެހެހެ... ޕުއަރ ނާހިދް...." މާހިލް ޖަހާލި ހިނިގަނޑު ކޮޓަރީގެ ހަތަރު ފާރުން އެތެރޭގައި ގުގުމައިގެން ދިޔައެވެ.

********************

ކަހާލާފައިވާ ފަރުދާތަކުގެ ތެރެއިން ފުރޭނިގެން ކޮޓަރިއަށް އެޅިފައިވާ އަލި އެނދުގައި އޮތް ނާހިދުގެ ބުރަކައްޓާއި ހަމައަށް ފޯރަން ފެށުމާއެކު އޭނާ ދެއަތަކަށް ހަރަކާތް ކޮށްލިއެވެ. އެހެންނަމަވެސް އޭނާގެ ދެލޮލުގެ އެސްފިޔަތަކުގައި ބަރުހެލިކަމެއް ހުރުމުން ނިދީގެ ތެރެއިން ހޭލަން ފަސޭހައެއް ނުވިއެވެ. އެގޮތުގައި އޭނާއަށް އޮވެވުނީ އިރުކޮޅަކުއެވެ. ބުރަކަށިމަތިން މަޑު ދިލައެއްގެ އިހުސާސް ވުމާއެކު އޭނާ ގަދަކަމުން ދެލޯ ހުޅުވާލިއެވެ. އޭނާގެ ސިކުނޑި ހަމައަށް މަސައްކަތްކުރަން ފަށަންދެން އިރުކޮޅަކު އެނދުގައި އުއްޑުން އޮތެވެ. ސައިޑް ކަބަޑްމަތީގައި ހުރި ކުޑަކުޑަ ގަޑިއަށް އޭނާ ބަލައިލީ ހަމަ ކުއްލިއަކަށެވެ. ގަޑިން ހެނދުނު ދިހައެއް ޖަހަނީއެވެ. އޭނާ ފުންމައިގެން ތެދުވިއެވެ. ހަށިގަނޑުގައި އަންނައުނެއް ނެތްކަން އިހުސާސްވީ ހިނދު ގައިމަތީގައި އޮތް ހުދުކުލައިގެ ކުއިލްޓް ހިއްލާލާފައި ބަލައިލިއެވެ. އޭނާއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ކޮޓަރި ތެރެއިން އޭނާއަށް ފެނުނީ އުއްބައްތި ތަކާއި އުކާލެވިފައިވާ އަންނައުނުތަކެވެ. އޭނާ ސިކުނޑިއަށް ބާރުލަމުން ދިޔައެވެ. ރޭގައި އޭނާއާއި ނައިޝީއާއި ދެމެދު ހިނގައި ދިޔަ ކަންތައް ކޮންމެވެސް ވަރަކަށް ހަނދާނަށް އަންނަން ފަށައިފިއެވެ. ފަހުންވީ އެއްވެސް ކަމެއް އޭނާގެ ހަނދާނުގައި ނެތެވެ. އެނދުގެ އަނެއް ފަޅިއަށް އޭނާ ބަލައިލީ ނައިޝީ އޮތް ކަމަށެވެ. ނަމަވެސް ނެތެވެ.

ފާހާނާއިން ނައީޝީ ނިކުތީ ނާހިދް އެހެން އިންދައެވެ. ނާހިދްގެ ނަޒަރު ނައިޝީއަށް ހުއްޓިފައި ވިޔަސް ނައިޝީ މަސައްކަތްކުރީ ނާހިދަށް ނުބެލުމަށެވެ. އެހެނީ ރޭގައި މާހިލްއާއި އޭނާއާއި ދެމެދު އެހިނގި ކަމަކީ އެއްގޮތަކަށްވެސް އޭނާ ކުރަން ބޭނުންވި ކަމެއް ނޫނެވެ. އޭނާއަށް އެކަމަށް އެއްބާރުން ދެވުނީ ހާލަތު އޭނާއާއި އެއްބައި ނުވުމުންނެވެ. އޭނާއަށް މަޖުބޫރުކުރީ ހާލަތެވެ.

"އިޝީ....!" ނާހިދް ނައިޝީއަށް ގޮވައިލީ އޭނާއާއި ނަޒަރު ސީދާކުރަން ނައިޝީ ނޫޅޭހެން ހީވުމުންނެވެ.

"އިޝީ އާދެބަލަ..." ނައިޝީ އަޅާނުލުމުން ދެވަނަ ފަހަރަށް ނާހިދް ގޮވައިލިއެވެ. އެންމެފަހުން ނައިޝީ އައިސް ނާހިދްގެ ކައިރީގައި އިށީނެވެ. ނަމަވެސް އޭނާ އިނީ އިސްޖަހައިގެންނެވެ.

"އިޝީ...!! ކީއްވެ އިޝީ މަށަށް ނުބަލަން ތިއުޅެނީ...." ނާހިދް އަހައިލިއެވެ.

"ނާހިދް،.....އަހަންނަށް.... އައިމް ސޮރީ..." ނައިޝީގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"ފޯރ ވަޓް...؟ އިޝީ ކީތްކުރީ..." ނާހިދް އަހައިލިއެވެ.

"ރޭގައި... އަހަ..އަހަންނަށް... ކައި..ކައިވެނިން.... ސޮރީ... އެހެން އެވީ ނާހިދް ވެސް ކަންތައްކުރި ގޮތުން...." ނައިޝީ ދައްކަން އުޅުނު ވާހަކަތައް ނާހިދަށް ނަގައިގަނެވުމާއެކު ހިނިއައެވެ. ނައިޝީ ބުނަން އުޅުނީ އެހެން ވާހަކައެކެވެ. ނާހިދު މާނަ ނެގީ އެހެން ގޮތަކަށެވެ.

"ޑޯންޓް ފީލް ސޮރީ އިޝީ... އިޝީ އިސްނަގައިގެން ވިޔަސް ތިކުރީ ރަނގަޅުކަމެއް. އެހެންނޫނީ ދުވަހަކުވެސް އަހަރެމެންގެ މި ކައިވެނި ވޯކްއައުޓެއް ނުކުރީސް... މިހާރު ޔަޤީނުންވެސް ދެމީހުން ދެމެދުގައި އޮތް ދުރުކަން އޮންނާނީ ކެނޑިފައެއްނު..." އިސްޖަހާލައިގެން އިން ނައިޝީގެ ދަތްދޮޅީ ކޮޅުގައި އެއް އިނގިލި ޖައްސާލުމަށްފަހު މައްޗަށް އުފުލާލަމުން ނާހިދް ވާހަކަދެއްކިއެވެ. ނައިޝީ އިސްއުފުލާ ނާހިދަށް ބަލައިލީ އޭނާ ދެއްކި ވާހަކަތަކުގެ މާނަ ނާހިދް ނުބައިކޮށް ނެގުމުންނެވެ.

"އަހަރެމެން ދެމީހުން މެދުގައި ރޭގައި އެއްވެސް...." އޭނާ މަސައްކަތްކުރީ ޙަޤީޤަތް ހާމަކުރުމަށެވެ. ނަމަވެސް އޭނާ ބުނަން އުޅުނު ޖުމްލަ ނާހިދް މެދުކަނޑާލިއެވެ.

"އަހަރެންނަށް ހުރިހާ އެއްޗެއް އިނގޭ.. ހަނދާންވެސް އެބަހުރި... އެއީ އަހަރެންގެ ފަސްޓް ކިސްއަށް ނުވިޔަސް އެކަހަލަ ކަމެއް އަހަރެން އެންމެ ފުރަތަމަ މިކުރީ އިޝީއާއެކު" ނާހިދް ވާހަކަދެއްކިއެވެ. ނައިޝީ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. ނާހިދަށް އެކުރެވެނީ ކުށް ހީއެކެވެ. އޭނާ ޙަޤީޤަތް ހާމަކުރަން ބޭނުންވިޔަސް ދޫ ނުކުޅެދުނެވެ.

"ދެން އިޝީ ދެރަވެފައި ނުހުންނާތި އިނގޭ... އަހަރެންގެ ފަރާތުން ދެން ފިރިއެއްގެ ލޯބި އިޝީއަށް ދެވޭތޯ ޓްރައި ކުރާނަން... އިޝީއަކީ ވަރަށް ކެތްތެރި ކުއްޖެކަން އަހަރެންނަށް އިނގޭ..." ނައިޝީ މޫނުގައި ފިރުމާލަމުން ނާހިދް ބުނެލިއެވެ.

"ބައި ދަ ވޭ... އިޝީ ކީކޭ ހިތަށް އަރައިގެން ކުރިކަމެއް މިއީ..." ލާނެއް ގޮތަކަށް ހީލަމުން ނާހިދް ބުނެލިއެވެ.

"ނާހިދަށް ބޭނުންވެފައި ހުރިވަރުން. އަހަރެންގެ ކެތްތެރިކަން ކޮޅުންލީ. މޭތެރޭގައި އޮވެ ނާހިދްގެ ލޯތްބަށް އެދި ވިންދު ޖަހަމުން ދިޔައީ ޒުވާން ހިތެއް... އެހިތުގެ ގޮވުމަށް އަހަރެން ފުރަގަސްދޭން ބެނުންނުވީ... އެކަމަކު ނާހިދަށް އިނގޭތަ....؟" ނައިޝީ ކޮޅަށް ތެދުވެ ވާހަކަދައްކަމުން ދިޔައެވެ. އެންމެފަހު ޖުމްލައާއެކު އޭނާ ނާހިދަށް ބަލައިލިއެވެ.

"ނާހިދު ކުރި ކަމެއް ކުރީ އަހަރެންނާ އެކުގައެއްނޫން. ދެޓް ކިސް...." ނައިޝީ ބުނަން އުޅުނެވެ.

"ވަޓް ޔޫ މީން އިޝީ..." ނާހިދް އަހައިލިއެވެ.

"ނާހިދް ގޮވީ އަޒ...އަޒްކާއަށް. ނާހިދްގެ ހިތާއި ސިކުނޑީގައި އެވަގުތުގައިވެސް ވީ އަޒްކާ. ނާހިދް އުޅުނީ އަޒްކާއާއި އެކު" ނައިޝީގެ ވާހަކަތަކާއެކު ނާހިދްގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އޭނާ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. ކިޔަންވީ އެއްޗެއް އޭނައަށް ނޭނގުނެވެ. އިނގޭ އެއްޗަކީ ނައިޝީ އެބުނީ ތެދެއް ކަމެވެ. އޭނާގެ ހިތުގައި ރަނިކަން ކުރަނީ އަޒްކާ ނޫން ދެވަނަ އިންސާނެއް ނޫނެވެ. އޭނާއަށް ނައިޝީގެ މޫނުމަތިން ސިފަވެފައި ވަނީ އަޒްކާގެ ސޫރައެވެ.

"އަހަރެން ނުބުނާނަން އިޝީ ތިބުނީ ދޮގެކޭ... ވަރަށް ބޮޑަށް ސޮރީ... އައިއެމް ޓްރައިންގ ޓު ފޮގެޓް ހަރ. ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ. އިންޝާﷲ..." ނާހިދް ވާހަކަދެއްކިއެވެ.

ނައިޝީ ބަހެއް ނުބުނުމުން ނާހިދް ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. އެ މަންޒަރު ބަލަން ހުރި ނައިޝީގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނާ އިސްޖަހާލި ވަގުތު ޑްރެސިންގްޓޭބަލް މަތީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ބަލައިލިއިރު ގުޅަނީ މާހިލްއެވެ. އޭނާ ފޯނު ނުނަގަން ހުރެފައިވެސް އެ ކޯލަށް ޖަވާބުދިނެވެ.

*********************

މޯހަންދާސް ކޮޓަރިއަށް ވަތްއިރު އިނާޝާ އެނދުގައި އިނެވެ. އޭނާ އިނީ ފިކުރެއްގައެވެ. މޯހަންދާސް ވަނުމުން ބަލައިލާފައި އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް މޯހަންދާސް އިނާޝާގެ އަތުގައި ހިފާފައި އަލުން އެނދުގައި ބޭންދިއެވެ. އިތުރު ސުވާލެއް ކުރުމުގެ ކުރިން ކަމެއް ދިރާސާ ކުރަން އުޅޭ ކަހަލަ ގޮތަކަށް އިނާޝާގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. އިނާޝާ އިނީ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންނެވެ.

"ވަޓްސް ރޯންގް..." މޯހަންދާސް އަހާލިއެވެ.

"އަހަރެން ފޯނެއް ބޭނުމެއްނޫން..." މޯހަންދާސް އަތަށް ފޯނު ލައިދެމުން އިނާޝާ ބުނެލިއެވެ.

"އެއީ ކީއްވެ...؟ އިނާވެސް ކުރަން ބޭނުންވާ ކަންތައްތައް ހުންނާނެއްނު. ތިއިން ބޭނުންތަނެއްގައި ހުރެ ޤުރުޢާނާއި ޒިކުރުތައް ކިޔާލެވޭނެ. ތިއީ އަހަރެން ވަރަށް ލޯބިން ދިން އެއްޗެއް..." މޯހަންދާސް ބުނެލިއެވެ.

"އެހެންވިޔަސް މި ފޯނުގެ ސަބަބުން އަހަރެމެން ދެމީހުންގެ ދިރިއުޅުން ބަރުބާދުވާން ބޭނުމެއްނޫން. އަހަރެންގެ ދިރިއުޅުމަށް ފޯނަކަށް އެއްވެސް އުފާވެރިކަމެއް ގެނެސްނުދެވޭނެ" އިނާޝާ ބުނެލިއެވެ. މޯހަންދާސް ބޭނުންނުވިޔަސް އޭނާ ފޯނު މޯހަންދާސްއަށް ދިނެވެ.

"ކީއްވެ ތިހެން ތިބުނީ. މި ފޯނުގެ ސަބަބުން އަހަރެމެންނަށް ކޮން ގެއްލުމެއް އޮތީ..." މޯހަންދާސް އަހައިލިއެވެ.

"ތި ފޯނަށް ބުރުހާނުއްދީން ގުޅާވަރުން އަހަރެންނަށް މިއުޅެނީ ނޭވައެއްވެސް ނުލެވިގެން. ނަންބަރު ހޯދި ތަނެއްވެސް ހޯދި ގޮތެއްވެސް ނޭނގެ" އިނާޝާ ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. މޯހަންދާސް ވިސްނާލިއެވެ. ބުރުހާނުއްދީން އެ އުޅެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ އޭނާ ހީކުރަނީ ބޭނުންނުވީމަ އެއްލާލާފަ ބޭނުންވީމަ ގާތްކުރަން އިނާޝާއަކީ އޭނާ ބުދެއް ކަމަށް ހެއްޔެވެ؟ ބުރުހާނުއްދީނަށް ފިލާވަޅެއް ނަގައިނުދީ އޭނާ ދެން އެއްވެސް ކަމެއް ކުރަން ބޭނުމެއްނުވެއެވެ.

"ކޮންތާކަށް..." އިރުކޮޅަކު ހިމޭނުން އިނުމަށްފަހު މޯހަންދާސް ތެދުވެގެން ކޮޓަރިން ނިކުންނަން ހިނގައިގަތުމާއެކު އިނާޝާ އަހައިލިއެވެ. ނަމަވެސް މޯހަންދާސްގެ ސިކުނޑީގައި އެނބުރެމުން ދިޔަ ކަންތައްތަކުގެ ސަބަބުން އޭނާ ނިކުމެގެން ދިޔައީ އެއްވެސް ބަހެއް ނުކިޔައެވެ. އިނާޝާ އެނދުގައި އޮށޯވެލިއެވެ. ބާލީސް މަތީގައި ބޯ އަޅާލުމަށްފަހު އެއް އަތް ނިތްމަތީގައި ބާއްވާލުމާއެކު އޭނާގެ ސިކުނޑި މާޒީގެ ވޭންދެނިވި ދުވަސްތަކުގެ ތެރޭގައި އޮޔާ ބެހެން ފެށިއެވެ.

****************

އިނާޝާގެ މާޒީ

އެއީ މީގެ އެތައް އަހަރެން ކުރިއެވެ. މައިންބަފައިންގެ ނުރުހުމުގައި ބުރުހާނުއްދީނާއި އޭނާ ކައިވެނި ކުރިއެވެ. ހުރިހާ ކަމެއް ބަލަހައްޓައިދީ ހަރަދުތައް ކުރީ ބުރުހާނުއްދީންގެ ބައްޕަގެ ޖީބުންނެވެ. ކައިވެނީގެ ކުރިން ބުރުހާނުއްދީންގެ މޫނުމަތީގައި އަޅާފައިވާ މާސްކު ނަގާ އެއްލާލީ އަލަތު ކައިވެނި ކުރެވުނު ރޭގައެވެ. އެ ކައިވެންޏަކީ އޭނާ ރުހޭ ކައިވެންޏެއް ނޫން ކަމުގައި ތަކުރާރުކޮށް ބުންޏެވެ. އަހަރެން ކަމުދަނީ އޭނާގެ ބައްޕައަށް ކަމުގައި ބުންޏެވެ. އޭނާގެ ހޮވުމަކީ އިނާޝާއަށް ވުރެ މާ ޗާލު ކުއްޖެއް ކަމުގައި ބުންޏެވެ. އިނާޝާއަށް ޖާގަދިނީ ހަމައެކަނި އޭނާގެ ހަޔާތުން ކަމަށް ބުނެ ހިތުން ޖާގަދޭނީ ހަމައެކަނި ޝުރިއްޔާއަށް ކަމުގައި ބުންޏެވެ. އިނާޝާގެ ހިތާމަވެރި ރޭތަކުގެ ފެށުން އައީ އެރޭގައެވެ. ފިރިމީހާގެ އޯގާތެރި ބަސްތަކުން ހިތަށް ހަމަޖެހުން ލިބޭނެ ކަމުގައި ހީކުރިޔަސް ފިރިމީހާގެ ރަހުމެއްނެތް ބަސްތަކުން ވީދާ ކުދި ކުރަމުން ދިޔައީ އޭނާގެ ކުށެއް ނެތް ހިތެވެ.

އިނާޝާ ދެކެ ބުރުހާނުއްދީން ކިތަންމެ ނަފްރަތެއް ކުރި ކަމުގައި ވިޔަސް އަނތްބެއްގެ ފަރާތުން ބޭނުންވާ ހުރިހާ އުފަލެއް ބުރުހާނުއްދީން ހޯދިއެވެ. އިނާޝާ ދެނީ ލޯބިންނެވެ. ނަމަވެސް ބުރުހާނުއްދީން އިނާޝާގެ ހަށިގަނޑުގައި ފިރުމާލަނީވެސް އަނިޔާވާ ގޮތަށެވެ. އެތައް އާދޭހެއްކޮށް ރޮއެ ހެދިއެވެ. ބޭނުން ނުވަންޏާ މިނިވަންކޮށް ދިނުމަށްވެސް އެތައް ފަހަރަކު އެދުނެވެ. ނަމަވެސް ބުރުހާނުއްދީން މައްސަލައަކަށް ދެއްކީ އެންމެ ކަމެކެވެ. އޭނާގެ ބައްޕައަކީ ހިތުގެ ބަލީގެ ޝިކާރައަކަށްވެފައިވާ މީހަކަށް ވާތީ އެބައްޕަ ކުރިމަތީގައި ޑްރާމާ ކުޅެން ޖެހުނަސް ކުޅޭނެ ކަމުގައި ބުންޏެވެ.

ލޯތްބަށްޓަކައި މައިންބަފައިންނާއި ދެކޮޅަށް ކުރެވުނު ކައިވެނިން އެއްވެސް އުފަލެއް އޭނާއަށް ހާޞިލެއް ނުވިއެވެ. އެމީހުންގެ މޫނުތަކުން އޭނާއަށް ހަމްދަރުދީއެއް ނުލިބުނެވެ. ނަފްރަތާއި ފޫހިކަމާއެކު އެމީހުން އޭނާއާއި ގުޅުން ކަނޑާލިއެވެ. އެހީވާނެ މާގިނަ ބަޔަކު ނެތުމުން ދެންވެސް ދާންޖެހުނީ ބުރުހާނުއްދީން ކައިރިއަށެވެ. ލޯތްބެއް ނުލިބޭނެކަން އިނގޭ އިރުވެސް ބޭނުންވީ އަބަދުވެސް އެމޫނު ފެންނަ ހިސާބުގައި ހުރުމަށެވެ. ނަމާދުކޮށް ދުޢާކޮށް އެ ހަރު ހިތް މަޑު ކަފަކޮޅަކަށް ބަދަލުވޭތޯ ﷲ ގެ ހަޟްރަތުގައި ދަންނަވަން ފެށިއެވެ.

މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުހުންނާތީ ބުރުހާނުއްދީންގެ ބައްޕަ އިނާޝާއާއި ސުވާލު ކުރުމުން އޭނާ އޮޅުވާލިއެވެ. ފިރިމީހާގެ އެއްވެސް ނުބައި ވާހަކައެއް އެއްވެސް މީހަކު ކައިރީގައި ދައްކަން އޭނާ ބޭނުން ނުވިއެވެ. އޭގެ ބަދަލުގައި އޭނާ ބުނީ ދޫކޮށްލާފައި ދިޔަ މައިންބަފައިން މަތިން މާބޮޑަށް ހަނދާންވާ ވާހަކައެވެ. ބުރުހާނުއްދީންގެ ބައްޕަގެ ފަރާތުން އޭނާ ހީވެސް ނުކުރާ ވަރަށް ލޯތްބާއި އަޅާލުން ލިބުނެވެ. އެ ބައްޕައަށްޓަކައި އޭނާ ހުރިހާ ވަގުތެއް ހުސްކުރިއެވެ. ބުރުހާނުއްދީން އޭނާގެ ހިތުގައި ލޮނު މިރުސް އަޅާފައި ދިޔުމުން ފިނިފެނުން ދިލަ މަޑުކޮށްދެނީ އެ ބައްޕަގެ އޯގާތެރި ފިރުމުންތަކާއި ބަސްތަކުންނެވެ.

ކައިވެންޏަށް އަހަރެއް ވެގެން ދިޔައީވެސް އޭނާގެ ދިރިއުޅުމަށް މާބޮޑު ބަދަލެއް އައުމެއް ނެތިއެވެ. ވޭނާއި ކެކުޅުމުގައި އޭނާ ފިރިމީހާއަށް ހިދުމަތްކޮށް ދިނުމުގައި ދެމިހުއްޓެވެ. އެހެން އުޅެނިކޮށް އޭނާ މާބަނޑުވުމުގެ އަލާމާތްތައް ފެންނަން ފެށުމުން ބުރުހާނުއްދީންގެ ހިތް ބަދަލުވާނެކަމަށް ހީކުރެވުނެވެ. ޑޮކްޓަރަށް ނުދެއްކިޔަސް އޭނާ ބަލިވެއިން ކަން އޭނާއަށް ޔަޤީންވިއެވެ. އެހެންކަމުން އެ ހަބަރު ބުރުހާނުއްދީނަށް ދިނެވެ.

"އަހަރެން ކަލޭގެ ބަނޑުން ދުވަހަކުވެސް ދަރިއަކު ބޭނުމެއްނޫން. ތި ދަރި ދުނިޔެއަށް އުފަންވާކަށް ލާހިކެއްނޫން" ބުރުހާނުއްދީންގެ އެ ބިރުވެރި ޖުމްލަ ރުވާފައި ދިޔަ ތީރެއްހެން އޭނާގެ ހިތުގެ އެންމެ ފުނާއި ހަމައަށް ފޫއަޅުވާލިއެވެ. އިނާޝާ އަވަހަށް އެތަނުން ދުރަށް ދިޔައެވެ. އޭނާ ކޮޓަރިއަށް ވަތްގޮތަށް ތަޅުލިއެވެ. އެނދުގައި އިށީނުމަށްފަހު ބާލީސް ގެނެސް ބަނޑުގައި އަޅާ ފޮރުވާލިއެވެ. މިއިން ދުވަހަކު ބުރުހާނުއްދީން އެހާ ރުޅިގަދަވެފައި ހުއްޓާ އޭނާ ދެކިފައެއް ނުވެއެވެ. ތަފާތު އެކި ވިސްނުންތައް އިނާޝާ ވިސްނަމުން ދިޔައެވެ. އޭނާގެ ދެލޮލުން ފަޅުވާން ހުރީ ބިރުވެރިކަމާއި ސިހުމެވެ.

"ދަރިފުޅު މަރާލަން ބުރުހާނުއްދީން އެވިސްނީ ކީއްވެގެން ހެއްޔެވެ؟ އެއީވެސް ހަމަ އަހަރެންދެކެ ކުރާ ނަފްރަތު ހެއްޔެވެ؟ ނުވަތަ ޝުރިއްޔާ މީހަކާ އިނުމުން އެކަމުގެ ސަބަބުން އައިއްސަ ހުރި ރުޅި ހެއްޔެވެ؟" ހިތުގައި އުފެދުނު ބިރުވެރި ކަމެއްގެ ސަބަބުން ނިތްކުރިމަތިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ. އެނދުން ތެދުވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. ބުރުހާނުއްދީން ބުނެފި ކަމެއް އޭނާ ކުރާނެކަން އިނާޝާއަށް ވިސްނުނެވެ. ކުއްލިއަކަށް އޭނާ ސިހުނީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ބުރުހާނުއްދީން ފެނިފައެވެ.

"ހަނދާންކުރާތި ބައްޕައަށް ކަލެ ބަނޑުގައި ދަރިއަކު އޮތްކަން އެނގިގެންނުވާނެ. ތައްޔާރުވޭ... މާދަމާ ނޫން އަނެއްދުވަހު ތި ދަރި ވައްޓާލަން އަހަރެންގެ އެކުވެރިއެއް އަންނާނެ" ބުރުހާނުއްދީން އިންޒާރެއްގެ ސަބަބުން އިނާޝާގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ބިރުވެރިކަމުގެ ރާޅު ބާންޏެއް އޭނާގެ ހިތުގައި ދަތުރުކޮށްލިއެވެ.

ނިދަން އެނދުގައި އޮށޯތަސް އިނާޝާއަށް ނިދޭ ގޮތެއް ނުވިއެވެ. އޭނާއަށް ވިސްނެނީއެވެ. އެހީއަކަށް އެދި ދާނެ އެއްވެސް ތަނެއް ނެތެވެ. އޭނާގެ ހިތުގައި ބުރުހާނުއްދީނާއި މެދު ފޫހިކަމެއް އުފެދުނެވެ. ކައިވެނި ރޫޅާލާފައި ވިޔަސް އޭނާ ދަރިފުޅު ރައްކާތެރިކުރަން ބޭނުންވިއެވެ. ދަންވަރުގެ އެވަގުތު އޭނާ ފޮށްޓަށް އެއްޗެހި އަޅަން ފެށިއިރު ބުރުހާނުއްދީން ގެއަށް ނާދެއެވެ. އޭނާ އަތްމަތި އަވަސް އަރުވާލައިގެން އުޅުނީ ބުރުހާނުއްދީން އަބަދުވެސް ގެއަށް ވަންނަ ގަޑި އޭނާއަށް އިނގޭތީއެވެ. ކޮޓަރިން ނިކުންނަން އުޅެފައި އޭނާ ވިސްނާލިއެވެ. އޭނާ ގެއިން ފިލައިގެން ދާން އުޅޭއިރު ހާދަ އަމިއްލަ އެދުން ބޮޑޭ ހިތަށް އެރިއެވެ. މުސްކުޅި ބައްޕައަށް ވާނެ ގޮތަކާއިމެދު އޭނާ ވިސްނާލިއެވެ. އޭނާ ދިޔަކަން އެނގިއްޖެނަމަ އެމީހާ ހިތްދަތިވެގެން މަރުވެސް ވެދާނެއެވެ. އޭނާ ހަދާނެގޮތް ހުސްވިއެވެ. ދެވަނަ ސިކުންތުގައި އޭނާ ގޮތެއް ނިންމިއެވެ. އޭނާއަށް މިވަގުތު މުހިންމީ އޭނާގެ ބަނޑުގައިވާ ދަރިފުޅެވެ. އޭނާ ގެއިން ނިކުމެގެން ދިޔައީ އެހެން ހުރިހާ މީހުންގެ މަތިން ހަނދާން ނައްތާލާފައެވެ.

ދެވޭ ނުދެވޭ ތަނެއް ނޭނގި އޭނާ މަޑުކޮށްލީ ބަނދަރުމަތީގައެވެ. ފުރަން ތައްޔާރުވެފައި އޮތް ދޯންޏަކަށް އޭނާ އަރާ އިށީނެވެ. އެއީ ރ.އަތޮޅަށް ފުރާ ފެރީއެއްކަން އިނގުނީ އޭގައި އިން އެހެން އަންހެނަކު ބުނުމުންނެވެ. އޭނާއަށް މާބަނޑުވުމުގެ އަސަރުތައް މާބޮޑަށް ވާންފެށީ އެދަތުރު މަތީގައެވެ. އޭނާއަށް ހޮޑުލެވި އަނބުރައިގަތެވެ. އޭނާއަށް އެހީވީ ކުރިން ވާހަކަދެއްކި އަންހެންމީހާއެވެ. އެމީހާ އޭނާއާއި އެތައް ސުވާލެއް ކުރިއެވެ. އެންމެފަހުން އެމީހާއަށް އޭނާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ރ.އިނގުރައިދޫގައި އޭނާ ހުރީ އެމީހާ ކައިރީގައެވެ. މަޑުމަޑުން ރަށު ތެރެއަށް ނިިކުމެ އުޅެން ފެށުމުން އޭނާއަށް އާ ރައްޓެހިން ލިބެން ފެށިއެވެ. އެގޭ އަންހެންމީހާގެ މަސައްކަތުން ގެއާއި ކައިރި ފިހާރައަކުން ވަޒީފާއެއްވެސް ލިބުނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އޭނާގެ ދަރިފުޅު ދުނިޔެއަށް އުފަންވިއެވެ. ފިރިމީހާއާއި ލޭގެ ގޮތުން ގުޅިފައިވާ އެއްވެސް މީހެއްގެ އެހީއަކާއި ނުލާ އޭނާ ވިހެއީ ދުވަސްފުރާ ސިއްހަތު ސަލާމަތުން އޮތް ފިރިހެން ކުއްޖެކެވެ. އެދަރިފުޅުގެ މޫނު ފެނުނު ހިނދު އޭނާ ހުރިހާ ހިތާމަތަކެއްގެ މަތިން ހަނދާން ނެތުނެވެ. އެދަރިފުޅަށްޓަކައި އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށް އޭނާގެ މުޅި އުމުރު އެދަރިފުޅަށްޓަކައި ގުރުބާންކުރަން ބޭނުންވިއެވެ. އޭނާ ހުރި ގޭ މީހުންގެ ފަރާތުން ހީވެސް ނުކުރާހާ އަޅާލުމާއި އޯގާތެރިކަން ލިބެމުން ދިޔައެވެ. އޭނާ ކުޑަކޮށްވެސް ބުރުހާނުއްދީން މަތިން ހަނދާނެއް ނުވެއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅަކަށްވެސް އޭނާ އަކީ މީހެއްގެ އަންބެއްކަން ހަނދާނުން ފިލުވާނުލައެވެ.

އުފާވެރިކަމުގައި ދަރިފުޅާއެކު ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނު މީހަކު ފެނި އޭނާގެ އުފާވެރިކަން ފަޅި ސިކުތެއްގެ ތެރޭގައި ވިއްސި ވިހާލި ވެގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ބުރުހާނުއްދީނަށް އޭނާ ހޯދަން އިނގުނު ގޮތެއްވެސް ނޭނގެއެވެ. އޭނާގެ ހަށިގަނޑުގެ ތެރޭގައި އާދަޔާޚިލާފް ފިނިގަނޑެއް ދައުރުކޮށްލިހެން ހީވި ވަގުތު ހަތަރެސް ފައި ފިނިވެގެން ދިޔައެވެ. ހާސްކަމުގެ ތެރޭގައި އޭނާއަށް ބަލައިލެވުނީ ޓްރޮލީ ތެރޭގައި ލޯބިކޮށް ނިދާލާފައި އޮތް އޭނާގެ ފަސްމަހުގެ ދަރިފުޅަށެވެ. އޭނާ ބަލަހައްޓައިގެން ހުރި ދިމާލަށް ބުރުހާނުއްދީން ބަލައިލިއެވެ. އިނާޝާ ހީކުރީ އެދަރިފުޅުގެ މޫނު ފެނުމުން ބަފާވަންތަ ލޯބި އެ ހިތުގައި އުފެދޭނެ ކަމަށެވެ. ނަމަވެސް ބުރުހާނުއްދީންގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ.

"އިނާޝާގެ ފިރިމީހާ މިހާރު އެހުރީ ބަދަލުވެފައި. އެއައީ ތިދެމައިން ބަލާ... ދަރިފުޅަށްވެސް ރަނގަޅުވާނީ މިހާރު މަންމައާއި ބައްޕަ ކައިރީގައި ހުރުން. ދައްތަ އަބަދުވެސް އެދެނީ އިނާޝާއަށް ހެޔޮ ދުވަސްތަކަކަށް. އިނާޝާ ބޭނުންވާ ދުވަހަކުން މިގޭގައި އައިސް ހުރެވޭނެ...." އިނާޝާ ހުންނަ ގޭ އަންހެން މީހާ ދެއްކި ވާހަކަތަކުން ބުނާނެ އެއްޗެއް އޭނާއަށް ނޭނގުނެވެ. އޭނާ ބަލައިލީ ބުރުހާނުއްދީންގެ މޫނަށެވެ. އޭނާއަށް ފެނުނީ ހިތްހެޔޮ ހިނިތުންވުމެކެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައިވާ ޝައިތާނީ ކުލަވަރު އޭނާއަށް ސިއްރެއް ނުވިއެވެ.

ގެއަށް ވަދެވުމާއެކު ބުރުހާނުއްދީންގެ ޙަޤީޤީ ކުލަވަރު ދައްކާލިއެވެ. ނުވިސްނާ ހުއްޓާ ކޮށްޕާލި ވަގުތު ވެއްޓުނީ އެނދު މައްޗަށެވެ. ދަރިފުޅަށް ގެއްލުމެއް ނުވިކަން އެއީ އެކުއްޖާގެ ނަސީބެވެ. އިނާޝާއަށް އަތް އިސްކުރަން ފެށިއެވެ. އޭނާގެ ބައްޕަގެ ކުއްލި މަރުގެ ތުހުމަތު އެޅުވީ އިނާޝާގެ ބޮލުގައެވެ.

"ކީކޭ... ބައްޕަ.... މަރު..މަރުވީއޭ... ކީއްވެ އަހަރެންނަށް ނޭންގީ..." ޙަޤީޤަތުގައިވެސް އިނާޝާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ހުއްޓާނުލާ އެނދުގައި އޮވެ ރޮމުން ދިޔަ ކުޑަ ދަރިފުޅަށްވެސް އޭނާއަށް އަޅާލުމެއް ނުދެވުނެވެ.

"ކަލެ ހީނުކުރާތީ އަހަރެން ކަލޭ މިގެނައީ ކަލެއަށް ވަރަށް ލޯބިދޭހިތުންނޭ... ކަލޭއާއި ކަލޭގެ މިދަރިފުޅު ޖެހޭނީ މި ނަރަކަ ދުނިޔޭގައި ތެޅެން... ކަލެއަށް ދުނިޔޭގެ ދެކޮޅު ދައްކާލާނަން. ހީކުރީ މަގޭ އަތްދަށުން ސަލާމަތްވެގެން މުޅި އުމުރުގަ އުޅެވޭނެ ކަމަށްތަ...؟" އިނާޝާގެ އިސްތަށިގަނޑުގައި ހިފާ އަތަށް އޮޅާލަމުން ބުރުހާނުއްދީން ވާހަކަދެއްކިއެވެ. އިނާޝާއަށް އަމިއްލަ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވުނެވެ. ކުރިން އެގޭގައި އޭނާއަށް އޯގާތެެރިވި ބައްޕަވެސް މިހާރު އޭނާއަށް އަޅާލަން ހިތްވަރެއްދޭން ނެތެވެ.

ވޭނާއި ކެކުޅުމުގައި ދުވަސްތައް ހޭދަ ކުރަން ޖެހިފައިވި އިނާޝާއަށް އިތުރު ހިތްދަތިކަމެއް ލިބުނީ ޝުރިއްޔާ ގޮވައިގެން ބުރުހާނުއްދީން އޭނާގެ ކުރިމަތީގައި ގޮތްގޮތަށް އުޅޭތަން ފެނުމުންނެވެ. އޭނާ ކެތްކުރަން ކިތަންމެ ބޭނުންވިޔަސް ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. އޭނާ ބުރުހާނުއްދީން ކައިރީގައި އެގޮތަށް ކަންތައް ނުކުރުމަށް އެދުނެވެ. އޭނާ މިނިވަންކޮށް ފޮނުވާލުމަށް އެދުނެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ބުރުހާނުއްދީންގެ ފަރާތުން ލިބެމުން ދިޔައީ އިތުރު އަނިޔާއެވެ. ކުޑަކުޑަ ދަރިފުޅަށްވެސް އަނިޔާ ކުރަނީއެވެ.

އިނާޝާގެ ހިތަށް ހަމަޖެހުމެއް ލިބުނީ މާލޭގައި ތަޢުލީމް ހާޞިލްކުރަމުން ދިޔަ ބުރުހާނުއްދީންގެ އެއްބަނޑު އެއްބަފާ ދައްތަ ސަލްމާ ރަށަށް ބަދަލުވުމުންނެވެ. އަނިޔާއިން މިންޖުވާނެ ކަމަށް ހީކުރެވުނަސް އެކަންވެސް ނިމިގެން ދިޔައީ ހީ އަކުންނެވެ.

(ނުނިމޭ)