މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް

ގައުމީ ސައިންސް ފައުންޑޭޝަނެއް އުފައްދަން މަސައްކަތްކުރާނަން: މަލީހު

ގައުމީ ސައިންސް ފައުންޑޭޝަނެއް އުފައްދަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހު މިފަދައިން ވިދާޅުވީ ހިރިޔާ ސްކޫލަށް 10 އަހަރު ފުރުން ފާހަގަކުރުމަށް އެ ސްކޫލުގައި ބޭއްވި ސައިންސް ފެއާ އިފްތިތާހުކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ސައިންސްގެ ދާއިރާ ކުރިއެރުވުމަށްޓަކައި ސައިންސާ ގުޅޭ ދިރާސާތައް ހެދުމަށާއި ތައުލީމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ޓެކްނޮލޮޖީ އަކީ މިއަދު ދުނިޔޭގައި އާއްމު ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދީ، އަދި އިންސާނުންގެ މަސައްކަތްތަކުގެ އުނިކަން ފޫބައްދައިދޭ މުހިންމު ވަސީލަތެއް ކަމަށެވެ.

އެހެންކަމުން ގައުމީ ސައިންސް ފައުންޑޭޝަނެއް އުފައްދަވައި، އެ ފައުންޑޭޝަނުގެ ދަށުން ސްކޫލުތަކަށް އެހީ ދިނުމަށް ގަސްދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދި އެގޮތަށް މާލީ އެހީތެރިކަން ދޭނީ ސައިންސާ ގުޅޭ ދިރާސާތައް ހެދުމަށާއި ތައުލީމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މަލީހު ވިދާޅުވި ގޮތުގައި، ސައިންސް ފައުންޑޭޝަނުގެ މައިގަނޑު މަގްސަދަކަށް ވާނީ ސައިންސްގެ ދާއިރާ ކުރިއަރުވައި، އެ ދާއިރާއިން ރިސާޗުތައް ހެދުމާއި ސައިންސާއި އިންޖިނިއަރިންގެ ތައުލީމު ފުޅާ ކުރުމެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ސައިންސް ފެއާތަކަކީ ތައުލީމަށް ރިސާޗް ހެދުމަށް މުހިންމު ފެއާތަކެއް ކަމަށެވެ. އަދި މިފަދަ ފެއާތަކަކީ ސައިންސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށްވެސް ހުޅުވިގެންދާނެ ދޮރެއް ކަމަށްވެސް މިނިސްޓަރު މަލީހު ވިދާޅުވިއެވެ.