އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ރާއްޖޭގެ ފިރިހެން ޓީމުން ބެޑްމިންޓަންގެ ޓީމު އިވެންޓުގެ ލޯ މެޑެލް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބެޑްމިންޓަންގެ ފިރިހެން ޓީމު އިވެންޓުގައި ޝީޝެލްސް އަތުން މޮޅުވެ، ރާއްޖެއިން ލޯ މެޑެއްޔެއް ހޯދައިފިއެވެ.

ތިންވަނަ ހޯދާ ޓީމު ކަނޑައެޅުމަށް މިއަދު ކުޅުނު މެޗުގައި ޝީޝެލްސްގެ މައްޗަށް ރާއްޖެއިން ކުރި ހޯދީ 4-1 ގޭމުންނެވެ.

ސިންގަލްސް އިވެންޓުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ މުހައްމަދު އަޖުފާން ވަނީ 18-21 އަދި 17-21 އިން ބަލިވެފައެވެ. ދެވަނަ ގޭމުގައި ރާއްޖޭގެ ނިބާލް މުހައްމަދު 21-16 އަދި 21-17 އިން މޮޅުވި އިރު، ތިންވަނަ ގޭމު ރާއްޖޭގެ ނަޝީއު ޝަރަފުއްދީން ކާމިޔާބުކުރިއެވެ. ތިންވަނަ ގޭމުގެ ފުރަތަމަ ސެޓު ނަޝީއު ގެންދިޔައީ 21-17 އިންނެވެ. ދެވަނަ ސެޓު 13-21 އިން ޝީޝެލްސް ގެންދިޔަ ނަމަވެސް، ފަހު ސެޓު ނަޝީއު ގެންދިޔައީ 25-13 އިންނެވެ.

ޑަބަލްސް އިވެންޓުގައި ކުޅުނު ދެ ގޭމު ވެސް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. ޑަބަލްސް އިވެންޓުގެ ފުރަތަމަ ގޭމްގައި ޝީޝެލްސްއާ ދެކޮޅަށް ނުކުތީ އިބްރާހިމް ޝާމިއު އާއި ނަޝްފާން މުހައްމަދެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ. އެ ގޭމުގެ ސެޓުތައް ރާއްޖެއިން ގެންދިޔައީ 27-25، 21-14 އަދި 21-12 އިންނެވެ.

ޑަބަލްސް އިވެންޓުގެ ދެވަނަ ގޭމްގައި ޝީޝަލްސްއާ ދެކޮޅަށް ނުކުތީ އަޖުފާނާއި ނަޝީއު ޝަރަފުއްދީނެވެ. އެ ގޭމުގެ ދެ ސެޓު ވެސް ރާއްޖެއިން ވަނީ ގެންގޮސްފައެވެ. ރާއްޖެއިން އެ ގޭމުގެ ސެޓުތައް ގެންދިޔައީ 21-16 އަދި 21-19 އިންނެވެ.