ޚަބަރު

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ އެއްވުމެއް އަންނަ މަހުގެ އެކެއްގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ އެއްވުމެއް އަންނަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭ އެއްވުމެއް ބޭއްވުމަށް ދެ ޕާޓީގެ ކައުންސިލުންނާއި ލީޑާޝިޕުން ނިންމާފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތައް މިހާރު މިގެންދަނީ ކުރިމަތިވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށްގެން ހިންގަމުން. އެގޮތުން މާލޭގައި އެކެއް އޯގަސްޓުގައި އަނެއްކާ ޕީޕީއެމް/ޕީއެންސީގެ ވަރުގަދަ ރެލީއެއް ބާއްވަން. އެ ރެލީގައި އަޅުގަނޑުމެންގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން އެއްވުމެއްގައި ބައިވެރިވެވަޑައިގަތުން، މި ސަރުކާރަށް ވެގެންދަނީ ހަޖަމު ނުކުރެވޭ ކަމަކަށް ކަމަށާއި ފެންނަ މަންޒަރުތަކާއި ލިބޭ މައުލޫމާތުތަކުން އެކަން އެނގޭނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ދެ ޕާޓީން ދާދި ފަހުން ކާނިވާ ސަރަހައްދުގައި ބޭއްވި ހަރަކާތަށްފަހު ހިންގާ ކަންތައްތަކެއް. ރައީސް ޔާމީނަކީ ވަރަށް ކެރޭ، ސާބިތުކަމާއެކު ވަކާލާތުކުރައްވާ ލީޑަރެއް. އެބޭފުޅުން ހީކުރައްވާފައެއް ނޯންނާނެ އެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބައްދަލުވުމަށް ރައީސް ވަޑައިގަންނަވާނެ ކަމަކަށް. އެއްގޮތަކަށް ވެސް ހީފުޅުކުރައްވާފައެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ކާނިވާ ސަރަހައްދުގައި ބޭއްވި ބައްދަލުވުމަށް ރައީސް ޔާމީން ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކުން ރައްޔިތުންނަށް އާ ރޫހެއް ލިބި، ވެގެން އުޅޭ ގޮތް ރައްޔިތުންނަށް ސާފުވެއްޖެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ބިރު ދައްކައިގެން އެއްވެސް ކަމެއް ނުހުއްޓުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.