ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ކުރީގެ ސަރުކާރުގައި ރިސޯޓު ހަދަން ދޫކުރި ރަށްތަކާ ގުޅޭގޮތުން ސުވާލުކުރުމަށް އަލީ ވަހީދު މަޖިލީހަށް ހާޒިރުކުރަނީ

ކުރީގެ ސަރުކާރުން ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ރިސޯޓު ހަދަން ދޫކުރި ރަށްތަކާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެންބަރު ޖާބިރު މިއަދު ފޮނުއްވި ސިޓީގައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށެވެ.

އެހެންކަމުން އެ ޚިޔާނާތުގެ ތެރެއިން ދައުލަތަށް އެތައް މިލިއަން ޑޮލަރެއް ގެއްލިގެންދާގޮތަށް އެކި ފަރާތްތަކަށް ދީފައިވާ ރަށްތަކާއި، ފަޅުތައް، ސަރުކާރަށް ނަންގަވާނެކަމުގެ ވައުދަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއް ކަމަށެވެ.

އަދި އެމްްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ސަރުކާރަށް ގެއްލުން ލިބޭގޮތަށް ދޫކޮށްފައިވާ ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރަށް ނެގުމަށްޓަކައި މިސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ސުވާލުކުރުމަށް ޖާބިރުގެ ހުށަހެޅުމުގައި ވެއެވެ.

ޖާބިރުގެ ސިޓީގައި ވަނީ އެކަން ތަންފީޒު ނުކުރެވޭނަމަ ތަންފީޒު ކުރުން ލަސްވަނީ ކީއްވެގެންތޯ އާއި މިހާތަނަށް އެކަމަށް އެޅުއްވި ފިޔަވަޅަކީ ކޮބައިތޯ ސާފުކުރުމަށް ސުވާލުކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ޖާބިރުގެ ސިޓީގައި ވަނީ މި ސުވާލުތަކަށް ޖަވާބުދާރީވުމަށް، ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް ނޯޓިސް ފޮނުވައި ދިނުމަށާއި އަދި އެ މައްސަލަ އެޖެންޑާ ކުރެވެން އޮތް ނަމަ، އެޖެންޑާކޮށްދެއްވުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީން ދައުލަތަށް ލިބެންޖެހޭ ކަމަށް ބުނާ 1.4 ބިލިއަން ރުފިޔާގެ މައްސަލައިގައި ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އަދި އެ މައްސަލައިގެ ޝަރީއަތް މިހާރުވެސް ކޯޓުގައި ކުރިއަށް ދެއެވެ.