އެންވަޔަރަންމަންޓް މިނިސްޓަރު

ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓުގެ ދަށުން ކުނި މެނޭޖުކުރުމަށް ދިރާސާ ކޮށްފި

ވޯލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީއިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓުގެ ދަށުން ބައެއް އަތޮޅުތަކުގައި ކުނިމެނޭޖު ކުރުމުގެ މަސައްކަތް ދިރާސާ ކޮށްފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނު ވިދާޅުވެއްޖެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ ކަމަށާއި އެމައްސަލަ ހައްލު ކުރުމަށް އެކަން ހައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓުގެ މަސައްކަތް ފެށުމުން ރަށު ފެންވަރުގައި ކުނި މެނޭޖްކުރުން އިތުރަށް ހަރުދަނާކުރެވި، އަދި ދަތިތައް ހައްލުވެ ރައްޔިތުންނަށް ފަސޭހަ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަށް ދިރާސާތައް ކުރަމުންދާ ކަމަށާއި އެމަސައްކަތް ފެށުމުން މިހާރަށްވުރެ ތިމާވެށްޓާ ރަށްޓެހި ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތްކުރުމުގެ ފުރުސަތު ރަށު ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށެވެ.

ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓުގެ ދަށުން މ، ފ، ދ، ތ އަދި ލ އަތޮޅުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށުމަށް ދިރާސާކޮށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ބައެއް ރަށްރަށުގައި މިހާރުވެސް ކުނި މެނޭޖް ކުރާނެ އެއްވެސް ގޮތެއް ނެތްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.