އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ރާއްޖޭގެ އަންހެން ޓީމުން ޓޭބަލް ޓެނިސްގެ ޓީމު އިވެންޓުގެ ރަން މެޑެލް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސްގެ އަންހެން ޓީމު އިވެންޓުގެ ފައިނަލުގައި މޮރީޝަސް ބަލިކޮށް، ރާއްޖެއިން ރަން މެޑެއްޔެއް ހޯދައިފިއެވެ.

ރާއްޖެ އިން ރަން މެޑެއްޔެއް ހޯދާފައިވަނީ މިއަދު ކުޅުނު ވާދަވެރި ފައިނަލުގައި 3-2 އިން މޮރީޝަސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަޑައިގެންނެވިއެވެ.

މިއަދު ކުޅުނު ފައިނަލްގެ ފުރަތަމަ ގޭމަށް ރާއްޖޭގެ ފަރާތުން ނުކުތީ ފާތިމަތު ދީމާ އަލީއެވެ. އެ ގޭމް މޮރީޝަސް އިން ކާމިޔާބުކުރީ 3-1 އިންނެވެ. އެ ގޭމްގެ ދެ ސެޓު މޮރީޝަސް އިން ގެންދިޔައީ 9-11، 2-11 އިންނެވެ. ތިންވަނަ ސެޓު 12-10 އިން ދީމާ ގެންދިޔަ ނަމަވެސް، ހަތަރުވަނަ ސެޓު 6-11 އިން ގެންދިޔައީ މޮރީޝަސްގެ ކުޅުންތެރިޔާއެވެ.

ދެވަނަ ގޭމްގައި ރާއްޖޭގެ އާއިޝަތު ރަފާ ނާޒިމް ނުކުމެ، 3-2 އިން ގޭމް ކާމިޔާބުކޮށް ރާއްޖެއަށް ވަނީ އުންމީދު އާކޮށްދީފައެވެ. އެ ގޭމްގެ ފުރަތަމަ ސެޓު 9-1 އިން މޮރީޝަސްގެ ކުޅުންތެރިޔާ ގެންދިޔަ ނަމަވެސް، ދެވަނަ ސެޓާއި ތިންވަނަ ސެޓު ރަފާ ގެންދިޔައީ 12-10 އަދި 11-7 އިންނެވެ. އެ ގޭމްގެ ހަތަރުވަނަ ސެޓު 3-11 އިން ގެންގޮސް، މޮރީޝަސް އިން ވަނީ އެއްވަރުކޮށްފައެވެ. ގޭމްގެ ފަހު ސެޓު ރަފާ ގެންދިޔައީ 11-9 އިންނެވެ.

ތިންވަނަ ގޭމުގައި މޮރީޝަސް އަތުން ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދު ވަނީ 3-0 އިން ބަލިވެފައެވެ. އެ ގޭމްގެ ސެޓުތައް މޮރީޝަސް އިން ގެންދިޔައީ 1-11، 8-11 އަދި 12-14 އިންނެވެ.

ހަތަރުވަނަ ގޭމުގައި މޮރީޝަސްއާ ދެކޮޅަށް ނުކުމެ، ދީމާ ވަނީ 3-1 އިން މޮޅުވެ އަލުން ރާއްޖެއަށް އުންމީދު އާކޮށްދީފައެވެ. އެ ގޭމުގެ ފުރަތަމަ ސެޓު 7-11 އިން މޮރީޝަސް އިން ގެންދިޔަ ނަމަވެސް، ފަހު ތިން ސެޓު ދީމާ ގެންދިޔައީ 11-6، 11-5 އަދި 11-6 އިންނެވެ.

މެޗު ކާމިޔާބުކުރާ ޓީމެއް ކަނޑައެޅުމަށް ކުޅުނު ފަސްވަނަ ގޭމަށް ރާއްޖޭގެ ފަރާތުން ނުކުތީ ރަފާއެވެ. ރާއްޖޭގެ އުންމީދީ ކުޅުންތެރިޔާ އެ ގޭމް ކާމިޔާބުކުރީ 3-1 އިންނެވެ. އެ މެޗުގެ ފުރަތަމަ ދެ ސެޓު ރަފާ ގެންދިޔައީ 11-6 އަދި 11-5 އިންނެވެ. ތިންވަނަ ސެޓު 10-12 އިން މޮރީޝަސް އިން ގެންދިޔަ ނަމަވެސް، ފަހު ސެޓު 13-11 އިން ރަފާ ގެންގޮސް، ރާއްޖެއަށް ރަން މެޑެލް ކަށަވަރުކޮށްދިނެވެ.