މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ދެ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި

ބ. އަތޮޅުގެ ދެ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ކުނި މެނޭޖުކުރާ މަރުކަޒު އިމާރާތްކުރަން ނިންމާފައިވަނީ ބ. ހިތާދޫއާއި ބ. ދޮންފަނެވެ.

ހިތާދޫގައި މަރުކަޒު އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލް-އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައިވާ ގޮތުން 1.7 މިލިއަން ރުފިޔާއަށް އެ މަސައްކަތް ތިން މަސްތެރޭގައި ނިންމަން ޖެހެއެވެ.

އަދި ދޮންފަނުގައި އިމާރާތްކުރާ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެހިކޮން ޕްރައިވެޓް ލިމިޑެޓާއެވެ. ދެ މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ އެ މަސައްކަތް 120 ދުވަސްތެރޭގައި ނިންމަން ޖެހެއެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ރ.އުނގޫފާރުގެ ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑު ކުރުމަށްވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އެގޮތުން އުނގޫފާރުގައި ހުރި މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ވެހި-ކޮން ޕްރައިވެޓް ލިމިޓެޑާއެވެ. އަށް ލައްކައަށްވުރެ ގިނަ ރުފިޔާގެ މިމަޝްރޫއުގެ މަސައްކަތް ހަތަރު މަސް ދުވަހުގެތެރޭގައި ނިންމަން އެއްބަސްވުމުގައި ވެއެވެ.