ކްރިމިނަލް ކޯޓް

ދިފާއީ ހެކިން ހުށަހަޅަން ޔާމީނަށް 5 ދުވަސް، ދެން ޝަރީއަތް އޮންނާނީ 4 އޯގަސްޓުގައި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑާ ކުރުމުގެ ދައުވާގައި، މިއަދު ބޭއްވި ޝަރިއަތުގެ އަޑުއެހުމުގައި، ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ، ބަދަލުގައި ދިފާއީ ހެކިން ހުށަހެޅުއްވުމަށް ރައީސް ޔާމީނަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، އަންނަ އޯގަސްޓް މަހުގެ ހަތަރެއްގައި ހެކިބަސް ނެގުމަށް ޝަރީއަތުގެ މަޖިލިސް ބާއްވަން ނިންމައި މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޝަރީއަރުގެ މަޖިލީހުގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ހުށަހެޅުއްވުމަށްފަހު، އެކަން ސާބިތު ކުރުމަށް ހެކިިންވެސް ހުށަހެޅުއްވިއެވެ.

ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ދައުވާއާއެކު، ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅުއްވި ކިތާބީ ހެކިންގެ ތެރޭގައި އެކައުންޓަށް ފައިސާ ޖަމާ ކުރުމުގައި ޗެކްތަކުން ކޮށްފައިހުރި މުއާމަލާތްތަކާއި، އޭސީސީ އާއި ރައީސް ޔާމީނާ ދެމެދުވި އެއްބަސްވުން ހިމެނެއެވެ.

މީގެ އިތުރުން ރައީސް ޔާމީން ފުލުހުންނަށް ދެއްވި ބަޔާނާއި، އޭސީސީގެ ރިޕޯޓާއި، ސިޓީއަކާއި، މޫސާ ޒަމީރުގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ސްޓޭޓްމަންޓާއި، ޗެކާއި، އެސްކްރޯ އެކައުންޓުގެ ކަން ހިނގި ގޮތުގެ ރިޕޯޓާއި އޭސީސީ އަށް ރައީސް ޔާމީން ދެއްވި ބަޔާނާއި ރައީސް އޮފީހުގެ ސިޓީ އާއި، އެމްއެމްޕީއާރްސީ އޮޑިޓް ރިޕޯޓުގެ އިތުރުން ރަށެއް ކުއްޔަށް ދިނުމަށްވި އެއްބަސްވުމަކާއި، ބޭންކު އެކައުންޓެއްގެ ސްޓޭޓުމަންޓާއި، ރައީސް ޔާމީނުގެ މާލީ ބަޔާނާއި ބޭންކު ސްޓޭޓުމަންޓުތައް ހިމެނެއެވެ.

ދައުލަތުން ހުށަހެޅި ޝަފައީ ހެކިންގެ ތެރޭގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މިހާރުގެ ރައީސް މުއައްވިޒު ރަޝީދާއި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއެކު އަށް ހެތްކެއް ހިމެނެއެވެ.

ދައުލަތުން ހެކިިން ހުށަހެޅުމުން، ދިފާއީ ހެކިން ހުށަހެޅުމަށް ރައީސް ޔާމީނުގެ ވަކީލުންނަށް އިސް ގާޒީ ފުރުސަތު ދެއްވިއެވެ.

އެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވަކީލް އަބުދުﷲ ޝިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން މުޅި ދައުވާގެ އަސްލަށް އިންކާރު ކުރާ ކަަމަށާއި ދިފާއީ ހެކިން ހުށަހެޅުމަށް ފުރުސަތު ބޭނުންވާ ކަމަށެވެ.

އެހެންކަމުން ހެކިން ހުށަހެޅުމަށް ރައީސް ޔާމީނަށް ފަސް ދުވަހުގެ ފުރުސަތެއް ދެއްވުމަށްފަހު، އިސް ގާޒީ ވިދާޅުވީ، އަންނަ އޯގަސްޓްމަހުގެ 4 ވަނަ ދުވަހު ހެކިންގެ ހެކިބަސް ނެގުމަށް ޝަރީއަތުގެ މަޖިލިސް ބާއްވަވާނެ ކަމަށާއި، އެ މަޖީހަށް ހެކިން ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން އެ ފުރުސަތު ދެއްވުމަށްފަހު އިސް ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވައި ލެއްވިއެވެ.