ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، އިނގިރޭސި ވިލާތުގެ އިމަޖެންސީ ޕްލޭނިންގް ކޮލެޖް އަދި ރާއްޖެއާއި ބޭރުގެ ކަމާބެހޭ ބައެއް ފަރާތްތައް ގުޅިގެން އިމަޖެންސީ ހާލަތްތަކަށް ތައްޔާރުވުމާއި ބެހޭ ވޯކްޝޮޕެއް ފަށައިފި އެވެ.
މިއަދު ފެށި މި ވޯކްޝޮޕަކީ މިމަހު 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ފުލުހުންގެ އިތުރުން އެމްއެންޑީއެފް، ލޯކަލް ގަވަމަންޓް އޮތޯރިޓީ އަދި ސިއްހީ ދާއިރާ އާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިންގޮތުގައި މި މަސައްކަތު ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލު ކުރާނެ މިހާރަށް ވުރެ ހަރުދަނާ އުސޫލެއް ކަނޑައެޅުމެވެ. އަދި އެފަދަ ހާލަތަކަށް ތައްޔާރުވުމުގައި އަމަލުކުރާނެ ގޮތް މިހާރަށް ވުރެ ހަރުދަނާ ކުރުމެވެ.
މި ވޯކްޝޮޕަކީ ރައީސް އޮފީހާއި އިނގިރޭސި ވިލާތުގެ ކައުންޓަރ ޓެރަރިޒަމް ޕޮލިސިންގް އާއި ޖަކާޓާ ސެންޓަރ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިޔަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.