ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިނިވަންދުވަހު ރައީސް ސޯލިހު ގައުމާ މުޚާތަބުކުރައްވާނެ

މަރިޔަމް ޝަހުދާ

މިނިވަންދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރައީސް ސޯލިހު ދިވެހި ގައުމާއި މުހާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވުމަށް ހަމަޖައްސަވާފައި ވަނީ، މިނިވަން ދުވަހު ހެނދުނު 10:00 ގައެވެ. އެއީ 26 ޖުލައިވާ ހުކުރު ދުވަހެވެ. ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ރައީސް ސޯލިހު ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާތަން ލައިވްކޮށް ދައްކާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

މިނިވަން ދުވަހުގެ މުނާސަބާގައި މިމަހު 25ގައި ރައީސް ސޯލިހުގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުވުން މިމަހު 25ވާ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ތެރޭ ހިމެނޭ ހެވިކަމާއި ކުޅިވަރުތައް 26 ވަނަ ދުވަހުގެ ރޭ ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ. މިމަހު 27 ގައި ފުޅަނދުބުރުގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ޕެރޭޑާއި ރޫޓް މާޗް ކުރިއަށް ދިއުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި 28 ވަނަ ދުވަހު ފުޅަނދުބުރުތައް ދައްކާލުމަށް ވަނީ ހަމަޖައްސައިފަ އެވެ.

މިއަހަރު ރާއްޖެއިން ފާހަގަ ކުރާނީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހެވެ. ރާއްޖެ އިނގިރޭސިވިލާތުގެ ހިމާޔަތުން މިނިވަންކަން ހޯދާފައިވަނީ 26 ޖުލައި 1965 ގައެވެ.