ރައްޔިތުންގެ މަޖިލިސް

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މަޖިލިސް ކޮމިޓީގައި ދޮގު ހެއްދެވި މައްސަލަ މަޖިލީހުން ފުލުހަށް ހުށަހަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުންނެވެ.

މިހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ކަންތައްތަކާބެހޭ މައުލޫމާތު މީޑިއާއަށް ދެއްވަމުން އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ، މި މަހު 16 ގައި ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ސައްހަ ނޫން މައުލުމާތު ދީފައިވާކަމަށް އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަންގަވާފައިވާ ކަމަށެވެ.

އަދި ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯއަށް ތުހުމަތުކުރެވޭ މި މައްސަލަ ތަހުގީގުކޮށްދެއްވައި އެ މައްސަލައިގައި ދައުވާކޮށްދިނުމަށް ފުލުހަށް މިއަދު ހުށަހަޅުއްވާނެ ކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.

"ގާނޫނުއަސާސީގެ 99 ވަނަ މާއްދާގައި ބަޔާންވެގެންވަނީ، ކޮންމެ މީހަކަށްމެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލިހުގެ ކޮމިޓީއަކަށް ހާޒިރުވެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާކަމަށް. އަދި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާ ކުރާ ކޮންމެ ސުވާލަކަށްމެ އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެކަމަށް ވަނީ ބަޔާންވެގެންވޭ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ވެސް ހަމަ މިހެން ތަކުރާރު ކުރެވިފައިވޭ،" އަމީން އާއްމު ވިދާޅުވިއެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، މަޖިލީހުގެ ކޮމިޓީތަކަށް މުއައްސަސާތަކުން ވަޑައިގަންނަވާ ބޭފުޅުން ދޮގު މައުލޫމާތު ދޭ ނަމަ އެ މައްސަލަ ތަހުގީގު ކުރާ އިދާރާތަކަށް ފޮނުއްވައި އެފަރާތްތަކަށް ޝަރީއަތް ހިންގަން އަންގަވާނެ ކަމަށެވެ.