ކުޅިވަރު

ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމު އައިއޯއައިޖީގެ ފައިނަލަށް ދަތުރުކޮށްފި

މަރިޔަމް ޝަހުދާ

ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މޮރިޝަސްގައި މިހާރު ކުރިއަށްދާ އައިއޯައިޖީ 2019 ގެ މިއަދު ކުރިއަށް ދިޔަ ސެމީ ފައިނަލް މެޗުތަކުގައި ރާއްޖެއިން ވާދަކޮށްފައިވަނީ މަޑަގަސްކަރ އާއެވެ. އެގޮތުން ސެމީ ފައިނަލްގެ ހަތަރު މެޗެއް މިއަދު ހެނދުނު ރާއްޖެއިން މަޑަގަސްކަރަ އާއި ދެކޮޅަށް ކުޅެފައިވާއިރު ރާއްޖެއިން ވަނީ ތިން މެޗެއް ކާމިޔާބުކޮށްފައެވެ.

މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗުގައި މަޑަގަސްކަރައާ ދެކޮޅަށް މެޗުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ އައިޝަތު ރަފާ ނާޒިމް އެވެ. މިމެޗު ރަފާ ކާމިޔާބުކޮށްފައިވަނީ ތިން ސެޓުންނެވެ. އެއީ 12-10، 11-6 އަދި 11-4 އިން ނެވެ. ދެވަނަ މެޗުގައި ރާއްޖެއިން ފާތިމަތު ދީމާ އަލީ ކުޅެފައިވާއިރ ދީމާވެސް މެޗު ކާމިޔާބު ކޮށްފައިވަނީ ތިން ސެޓުންނެވެ. އެއީ 11-7، 11-6 އަދި 11-4 އިންނެވެ.

ރާއްޖެއާއި މަޑަގަސްކަރަ އާ ދެމެދު މިއަދު ކުޅެވުނު ތިންވަނަ މެޗުން ރާއްޖެ ވަނީ އެއް ސެޓު ތިން ސެޓުން ބަލިވެފައެވެ. އެއީ 11-8، 9-11، 4-11 އަދި 9-11 އެވެ. މިމެޗުގައި ރާއްޖޭގެ ފަރާތުން ކުޅެފައިވަނީ މުއީނާ މުހައްމަދެވެ. ސްމީ ފައިނަލްސްގެ އެންމެ ފަހު މެޗް ރާއްޖެއިން ވަނީ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. އެއީ 11-8، 11-5 އަދި 11-6 ކުންނެވެ. މި މެޗުގައި ރާއްޖޭގެ ފަރާތުން ކުޅެފައިވަނީ ދީމާ އެވެ.

މި ކާމިޔާބީއަށް ފަހު ވާހަކަދައްކަވަމުން ރާއްޖޭގެ އަންހެން ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ކޯޗު އިބްރާހިމް ޝިއުރީ ބުނީ މިކާމިޔާބީއަކީ ދުރާލާ ރާވައިގެން، ވަކި ޓާގެޓަކަށް އަމާޒުކޮށްގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. ޝިއުރީ ބުނީ މިހާރު ރިހި މެޑަލް ޔަގީންވެފައި ވީނަމަވެސް ހުރިހާ ކުޅުންތެރިންގެ އަމާޒަކީ ގޯލްޑް މެޑަލް އެއް ހޯދުން ކަމަށެވެ.

ޝިއުރީ ބުނީ ކުރީގެ ޗެމްޕިއަން ބަލި ކުރުމަށް ފަހު ގްރޫޕް ސްޓޭޖުން އެއްވަނަ ހޯދައި، ސެމީ ފައިނަލްގައި ވަރުގަދަ ޓީމެއް ބަލި ކުރުމަށް ފަހު ފައިނަލަށް ދަތުރު ކުރުމުން ގޯލްޑް މެޑަލްއެއް ހާސިލް ކުރުމަކީ ވާނެ ކަމެއްކަން އެނގޭ ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިންގެ ސަމާލުކަން މިހާރު އޮތީ ފައިނަލް މެޗަށް ކަމަށް ޝިއުރީ ވިދާޅުވިއެވެ.

ޓޭބަލް ޓެނިސްގެ ސެމީ ފައިނަލް މެޗްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެކަނބަލުން އަދި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ވަޑައިގެންނެވިއެވެ. އަދި ގައުމީ އަންހެން ޓެބަލް ޓެނިސް ޓީމް ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދެންނެވިއެވެ. އައިއޯއައިޖީ 2019ގެ އަންހެން ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ.