ހުޅުމާލެ

ހުޅުމާލޭ ފްލެޓްތަކުގެ ވަށައިގެން އޮންނަ ހުސްބިން އެއްބަޔަކު "މިލްކު" ކުރުމުން، މައްސަލަ ހޫނުވެއްޖެ

3

އިޖުތިމާއީ ބޯހިޔާވަހިކަމަށް ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ވަށައިގެން އޮންނަ ހުސް ބިން ވަކި ބަޔަކު "މިލްކު" ކޮށްގެން އުޅޭ މައްސަލަ ހޫނުވެއްޖެ އެވެ.

އިޖުތިމާއީ ބޯ ހިޔާވަހި ކަމަށް ދޫކޮށްފައިވާ ފްލެޓްތަކަކީ އެއްމެދު އިމާރާތްތަކެކެވެ. އެ އިމާރާތްތަކުން ދޫކޮށްފައިވާ ފްލެޓްތަކުގެ ހަތަރު ފާރުން ފެށިގެން އެތެރެ ފިޔަވައި ދެން އޮންނަ ބަޔަކީ އެންމެންގެ މެދުގައި ހަމަހަމަކަމާ އެކު ބޭނުން ކުރެވޭން ޖެހޭ ތަންތަނެވެ. އެ އިމާރާތްތަކުގެ ތިރީގައި އޮންނަ ހުސް ބިމަކީ އެއްވެސް ބަޔަކަށް ދޫކޮށްފައި އޮންނަ ތަނެއް ނޫނެވެ. އެއީ "ކޮމަން" އޭރިއާ އެކެވެ.

ކަން އޮތީ މިހެން ނަމަވެސް، ފްލެޓްތަކުގައި ދިރިއުޅޭ ވަކި ބަޔަކު، ވަކީން ހާއްސަކޮށް އެންމެ ތިރީބުރީގައި އުޅޭ މީހުން ފްލެޓް އިމާރާތުގެ ވަށައިގެން އޮންނަ ހުސްބިން އެކީގައި "މިލްކު" ކޮށްގެން އުޅޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި ބައެއް ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި މި މައްސަލަ ހޫނުވެ، މާރާމާރީއާ ހަމަޔަށް ވެސް ގޮސްފައިވާ ކަމަށް "ވަން އޮންލައިން"އަށް މައުލޫމާތު ލިބިފައިވެ އެވެ.

"ވަން" ގެ ނޫސްވެރީން ގޮސް ބެލި އިރު، ފްލެޓްތައް ހިމެނޭ ބައެއް އިމާރާތްތަކުގެ ވަށައިގެން އޮންނަ ބިން އެކީގައި ވަނީ އޭގެ ތެރެއިން ކޮންމެވެސް އެއްބަޔަކު ނަގައިފަ އެވެ. އެ ބިންތައް ބޭނުންކުރަމުންދަނީ އެ މީހުންގެ އަމިއްލަ ތަނެއްގެ ގޮތުގަ އެވެ. އާންމުކޮށް މިކަން ކުރަނީ ކޮންމެ ފްލެޓެއްގެ ވެސް އެންމެ ތިރީގައި އުޅޭ މީހުންނެވެ. ބައެއް ފްލެޓް ތަކުގެ ވަށައިގެން އޮންނަ ހުސް ބިން އެއްކޮށް ބައްދާފައިވެ އެވެ. ދަގަނޑު ހޮޅި ޖަހައިގެންނާއި ލަކުޑި ބޭނުންކޮށްގެންނާއި ދާ ޖަހައިގެން އަދި އެ ނޫން ގޮތްގޮތުން ވެސް އެ ސަރަހައްދު އެއްކޮށް ބަންދުކޮށްގެން އެއް ބަޔަކު އެ މުޅި ބިމަށް ބާރު ހިންގާ ބިންތައް ގިނަކަން ފާހަގަކުރެވެ އެވެ.

ބަންދުކޮށްގެން ބޭނުންކުރާ ބައެއް ބިންތަކުގައި އެކި ކަހަލަ ގަސްތައް ހައްދާފައިވާ އިރު، ބައެއް ސަރަހައްދުތައް އެމީހުންގެ އަމިއްލަ ވެހިކަލްތައް ބެހެއްޓުމާއި ބައެއް ކަހަލަ އަމިއްލަ މަސައްކަތަށް ބޭނުންކުރެވޭ ގޮތަށް ވެސް ހުރިކަން ފާހަގަވެ އެވެ. ޖެޓްސްކީ ފަދަ އެއްޗެހި ވެސް ފްލެޓްތަކުގެ ކުރިމަތީ ހުސްބިމުގައި ބަހައްޓާފައި ހުއްޓެވެ.

އެންމެ ފަހުން ދޫކުރި ޗައިނާ ފްލެޓްތަކުގެ ސަރަހައްދުގައި ދިރިއުޅޭ މީހަކު "ވަން އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ، އެ ފްލެޓްގެ ކުރިމަތީގައި އޮންނަ ހުސްބިން ވަށައިގެން ލަކުޑި ޖަހައިގެން ބައްދައިގެން ބޭނުންކުރަނީ އެންމެ ތިރީގައި އުޅޭ މީހުން ކަމަށާއި އެހެން ނަމަވެސް ފްލެޓް ދީފައިވާ އެގްރީމެންޓުގައި ބުނާ ގޮތުން ނަމަ، އޭނާއަށް ވެސް އަދި ތިރީގައި އުޅޭ މީހުންނަށް ވެސް އިމާރާތުގެ ވަށައިގެން އޮންނަ ހުސް ބިން ބޭނުންކުރުމުގެ ވަކި ހުއްދައެއް ދީފައި ނުވާ ކަމަށެވެ.

"އެމީހުން އުޅެނީ ހުސްބިންކޮޅު އެއްކޮށް މިލްކުކޮށްލައިގެން. ދެން މި ތިބި އެންމެން މިތިބެނީ އެކަމާ ރަތަށް އަރާފަ. އަހަރެމެން ވެސް ނޭވާލައި އަހަރެމެންގެ ކުދީން ވެސް ފައިބައި ކުޅެލަން އޮތް ތަަނަކީ އެއީ. އެތަން ވަކި ބަޔަކު ބޭނުން ގޮތަކަށް އެމީހުންގެ މިލްކެއް ގޮތަށް ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." އެމީހާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެބިން ބޭނުންކުރާ މީހުން އެތަން ބާއްވާފައި އޮންނަނީ ވެސް ވަރަށް ގޮނޑުކޮށް ކަމަށާއި ގަސް ހެއްދުމަށް ގެރިގުއި އެޅުމާއި އެކި ކަހަލަ ކެމިކަލްތައް ބޭނުންކުރުމުގެ ސަބަބުން އޭގެ އަސަރު ވެސް ދެން ތިބޭ މީހުންނަށް ކުރާ ކަމަށެވެ. އަދި ނުބައި ވަސް ވެސް އެދިމާއިން ވައި ޖެހޭ އިރު އެހެން ފްލެޓް ތަކަށް އަދި އެ ސަރަހައްދަށް ދުވާ ކަމަށް އޭނާ ބުންޏެވެ.

އެހެން ފްލެޓަކުން ވާހަކަދެއްކި މީހަކު ބުނީ އޭނާ ދިރިއުޅެނީ ދެވަނަ ބުރީގައި ކަމަށާއި ތިރީގައި އޮންނަ ހުސްބިން ބޭނުންކުރަނީ އެއްވަނަ ބުރި އަދި އެންމެ ތިރީގައި އުޅޭ މީހުން ކަމަށެވެ. އެ ދެބައި މީހުން އެ އިމާރާތުގެ ވަށައިގެން އޮންނަ ހުސްބިން އެއްކޮށް ނަގައި ވަކީން ދާ ޖަހައިގެން ބޭނުންކުރަމުންދާ އިރު ދެން ބާކީ ހުރި ފްލެޓްތަކުގެ މީހުންނަށް އެފަދަ ފުރުސަތެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ މައްސަލައަކީ ބަޔަކު އެތަން ބޭނުންކުރުމެއް ނޫން. އެކަމަކު އަޅުގަނޑުމެން އެއް މެދު އިމާރާތެއްގެ ކޮމަން އޭރިއާ އެންމެ ބަޔަކު އަމިއްލަ މިލްކެއް ގޮތަށް ބޭނުންކުރާ އިރު ފިޔަވަޅެއް ނޭޅުން އެއީ ބޮޑު މައްސަލައެއް. މިކަމެއް މިހެން ހިނގާތާ އެތައް އަހަރެއް މިވީ. އެޗްޑީސީގައި މީހުން ޝަކުވާ ކުރަނީ ވެސް އަލަކަށް ނޫން." ފަހުން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ މި މައްސަލައަކީ އަހަރުތަކެއް ވެގެން ގޮސްފައިވާ މައްސަލައެއް ކަމަށާއި ހައްލުނުވެ ގިނަ ދުވަސް ވެގެން ދިޔުމުގެ ސަބަބުން އެކީގައި ދިރިއުޅޭ އަވަަށްޓެރީންގެ މެދުގައި ބޮޑެތި ހަމަނުޖެހުން އުފެދި މަސްލަހަތު ގެއްލިފައިވާ ކަމަށެވެ.

"މިކަންކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން. އުސޫލުން ބޭރުން ކަންކަން ވާން ދޫކޮށްލާފަ އޮތީމަ އަޅުގަނޑުމެން މިޖެހެނީ އެއް ބަޔަކު އަނެއްބަޔަކާ ހިފަން. ބިމަކީ އިމާރާތުގެ އެންމެނަށް އެއް ހަމަޔަކުން ބޭނުންކުރެވޭ ތަނަކަށް ހަދާފަ އެކަމަށް ރަނގަޅު އުސޫލެއް ކަނޑައަޅަން ވެއްޖެތާ ކިތަންމެ އަހަރެއް." ފަހުން ވާހަކަދެއްކި މީހާ ބުންޏެވެ.

ފްލެޓެއްގައި ދިރިއުޅޭ، ހުޅުމާލޭގައި ޓީޗަރެއްގެ ވަޒީފާ އަދާ ކުރާ މީހަކު ބުނީ، ފްލެޓްތަކުގެ ތިރީގައި އޮންނަ ހުސްބިން ފެހިކޮށް އޮތުމުން ލިބޭ ހިތްހަމަޖެހުން ބޮޑު ކަމަށާއި އެއީ ސިއްހީ ގޮތުންނާއި އެނޫން ގޮތްގޮތުން ބަލާ އިރު ވެސް ރަނގަޅު ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރެވެން ވާނީ އުސޫލެއް ހަމަޖެހި ގޮތްތަކެއް ކަނޑައެޅިގެން، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން ނުއުފެދޭނެ ގޮތެއްގެ މަތީން ކަމަށް އޭނާ ފާހަގަކުރި އެވެ.

"ބައްލަވާ މި ތަނުގަ މި ހުރީ ޖަބުރޯލު، ތޮޅި މިރުސް، ކޮޕީފަތް، ހިކަނދިފަތް އަދި އެކި ކަހަލަ މާގަސްތައް. މީ ހަގީގަތުގައި ވަރަށް ޖަޒީރާވަންތަ އިހުސާސެއް ކުރެވޭ ކަމެއް. އެކަމަކު މައްސަލައަކީ މި މުޅިތަން ބަންދުކޮށްގެން މި ގެންގުޅެނީ އެއްބަޔަކު. ދެން އުޅޭ އެންމެން މި ތިބެނީ އެ ފުރުސަތުން މަހުރޫމް ވެފަ. އެންމެން ވެސް މި ފުރުސަތު ބޭނުންވާނެ ދެއްތޯ!" ޓީޗަރު ބުންޏެވެ.

އޭނާ ބުނީ ފްލެޓްތަކުގެ ތިރީގައި އޮންނަ ހުސްބިން އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ގޮތަށް ހެދުން އެއީ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ވެސް އެދޭ ގޮތް ނޫން ކަމަށާއި ގިނަ މީހުން އެދޭ ގޮތަކީ އެ ބިންކޮޅުން އެންމެނަށް ވެސް ހަމަހަމަ ކަމާ އެކު މަންފާއެއް ވާނެ ގޮތަކަށް ހަމަޖެހުން ކަމަށެވެ. އެ ގޮތުން އެޗްޑީސީން އުސޫލުތަކެއް ކަނޑައަޅައި އެކަން އަވަހަށް ނިންމުން މުހިންމުކަމަށް އޭނާ ބުންޏެވެ.

އެހެން މީހަކު ބުނީ އޭނާ މިދިޔަ ހަފުތާގައި، ފްލެޓުގެ ތިރީގައި، އެހެން މީހުން ގަސްހައްދައި ބާކީ އޮތް ހުސްތަންކޮޅެއްގައި ދާ ޖަހަން އުޅެނިކޮށް އެޗްޑީސީން އައިސް ހުއްޓުވާފައިވާ ކަމަށާއި އެއީ މަނާކަމެއް ކަމަށް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހެން މީހުންނަށް ކުރެވޭ އިރު، އޭނާއަށް ނުކުރެވުމަކީ އިންސާފު ކަމަށް ގަބޫލު ނުކުރާ ކަމަށް އެމީހާ ބުންޏެވެ.

"ދެން އަޅުގަނޑު އެ މައްސަލައިގައި އެޗްޑީސީއަށް ދިޔައީމަ ބުނީ މިހާރު މި އުޅެނީ އުސޫލެއް ހަދަންށޭ. އެހެންވީމަ މިހާރަ ތިކަން ކޮށްގެން ނުވާނޭ. އެމީހުން އެހެން ކިޔާތާ މިވީ ކިތައް އަހަރު؟ އަދިވެސް ވާނީ އެވަރު. މީ އިންސާފެއް ނޫން. ވަންޏާ އެންމެނަށް ވެސް ވާން ޖެހޭނެ ނުވަންޏާ ޖެހޭނީ ހުރިހާ ގަހެއް ވެސް އުފުރަން." ރުޅި އައިސްފައި ހުރި އެ މީހާ ބުންޏެވެ.

މި މައްސަލައިގައި، "ވަން އޮންލައިން" އިން ސުވާލު ދެންނެވުމުން އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، ފްލެޓް އިމާރާތްތަކުގެ ތިރީގައި އޮންނަ ކޮމަން އޭރިއާ ގަވައިދާ ހިލާފަށް ބޭނުންކުރާ ކަމުގެ ޝަކުވާތައް ލިބިވަޑައިގެންފައިވާ ކަމަށާއި މިއީ އެތައް އަހަރެއްވީ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް ޓަކައި، އެ ކަމާ ގުޅޭ ދިރާސާއެއް މިހާރު ފައްޓަވައިގެން ކުރިޔަށް އެބަ ގެންދަވާ ކަމަށާއި އެ ދިރާސާ ނިމުނުހާ އަވަހަކަށް އެކަމަށް ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށެވެ.

"ކުރީން ބައުންޑަރީ ވަކިކޮށް ދޫކޮށްފައިވާ ބައެއް ފްލެޓްތަކުގެ ތިރީގައި އިމާރާތާ އިންވެގެން ބައުންޑަރީގައި އަމިއްލައަށް އިމާރާތް ކުރުން ފަދަ ސީރިއަސް މައްސަލަތައް ވެސް އެބަ ހުރި. އަދި ތިވިދާޅުވާހެން ތިރީގައި އޮންނަ ކޮމަން އޭރިއާ ގެ މައްސަލަވެސް އެބަ އޮތް. ގަސްތައް ހައްދާފައި ހުރުމަކީ ފެހިކަން ވެސް ގެނެސްދޭ ކަމެއް. އަޅުގަނޑުމެން މިހާރު މި ކުރިޔަށް ގެންދާ ދިރާސާއަށް ފަހު އެންމެ އެކަށޭނެ ހައްލެއް ގެނެވޭތޯ ބަލަމުން މިހާރު މިދަނީ." ސުހެއިލް ވިދާޅުވި އެވެ.

މަލާކާ

އެޗްޑީސީ އެތަން ބަލަހައްޓާ ސާފު ކުރާނަމަކާ ތިކަމެއް ދިމައެއްނުވީސް. ސާފު ކުރަން ޖެހެނީ ތިރީގައި އުޅޭމީހުންނަށް. ކުންޏާއި ސިގިރޭޓް ފިލްޓަރ އަޅަނީ މަތީގައި އުޅެއްވާ ބޭފުޅުން. ދެން ހައްލެއް ހޯދާދީބަލަ.

ތިރީމީހާ

ތިރީމީހުންނަށްވާ އުނދަގޫ އިހުސާާސް ކުރެވޭނަމަ ތިބޭފުޅާ މިގޮތަށް މި ޚަބަރު ނުލިޔުނީސް...

މަރީ

ގަސް އިންދަނީ ވެސް ހައްދުފަހަނަ އަޅާ ދާވަރަށް، ދެން ސައިކަލްތަށް ޕާކް ކޮށްފަ ހުންނަނީ ހިނގަން އޮންނަ ތަންކޮޅުގަ، ދެން ކުޑަކުއްޖަކު ނިކުމެ ކުޅެލަނިކޮށް އެއިން ގަހަކަށް ބޯޅަ އެއް ގޮސް ކަމެއްވެއްޖެޔާ ނިމުނީ، އަނެއްކޮޅުން މިގަސްތައް އިންދައިގެން ވިޔަފާރި ކުރާ މީހުންވެސް މަދެއް ނޫން