ބޮލީވުޑް

ދިއްލީގެ ވިޔަފާރިވެރިޔަކު އީޝާ ގުޕްތާއަށް އަބުރުގެ ދައުވާކޮށްފި

ދިއްލީގެ ވިޔަފާރިވެރިޔަކު ބަތަލާ އީޝާ ގުޕްތާގެ މައްޗަށް އަބުރުގެ ދައުވާ ކޮށްފިއެވެ.

ރޯހިތް ވަރްމާ ކިޔާ އިންޑިއާގެ މި ވިޔަފާރިވެރިޔާ އީޝާއަށް އަބުރުގެ ދައުވާކޮށް މައްސަލަ ހުށަހަޅާފައިމިވަނީ ނިއު ދިއްލީގައި ހުންނަ ސަކެތު ކޯޓަށެވެ.

ހުށަހަޅާފައިވާ މައްސަލާގައި ރޯހިތުގެ ފަރާތުން އެދިފައިވަނީ، ބަތަލާ އީޝާ ގެ ސަބަބުން، އަބުރު ގެއްލިފައި ވާތީ އެ މައްސަލަ ބަލައި އަދަބު ދިނުމުގެ އިތުރުން އަބުރުގެ ބަދަލު ނަގައިދިނުމަށެވެ.

ރޯހިތުގެ ދައުވާގައި އިތުރަށް ބުނެފައިވަނީ އީޝާ އޭނާއަށް ކޮށްފައިވާ ތުހުމަތުތަކާ ހެދި ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށާއި ގާތްމީހުންނާއި ރައްޓެހިން އޭނާއަށް ގުޅައި ސުވާލު ކުރަމުންދާ ކަމަށާއި އޭގެ އިތުރުން އޭނާގެ ވިޔަފާރިއަށްވެސް ބުރޫއަރާފައިވާ ކަމަށެވެ.

މިމައްސަލަ ޖެހުނީ، މި މަހުގެ ހަވަނަ ދުވަހު އިޝާ ރޯހިތު އަށް ތުހުމަތުކޮށް ކޮށްފައިވާ ޓުވީޓުތަކެއްގެ ސަބަބުންނެވެ. އީޝާގެ ޓުވީޓުގައި ވަނީ ރޯހިތުގެ "ލޮލުން" އޭނާ ރޭޕްކޮށްފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން އީޝާގެ ޕޯސްޓުގައި ވާގޮތުގައި ރޯހިތު ވަނީ މުޅި ރޭ އޭނާއަށް ބަލާފައި ކަމަށާއި، ސެކުއިރިޓީ ވަނީ އޭނާ ދިފާއުކޮށްފަ އެވެ. މުޅި ރޭ ރޯހިތު އޭނާއަށް ބެލުމުން އެކަމާ ހެދި އޭނާ ވަނީ "އަންކޮމްފޮޓަބަލް" ވެފައި ކަމަށާއި ރޯހިތު އޭނާ ގައިގައި އަތް ނުލާކަމަށާއި އަދި ވާހަކަވެސް ނުދައްކާކަމަށް އީޝާގެ ޕޯސްޓުތަކުގައި ބުނެފައި ވެއެވެ. ނަމަވެސް ރޯހިތުގެ ދެލޮލުން އޭނާއަށް ކަޅި އަޅާނުލައި މުޅި ރޭ ދިޔައީ ބަލަމުންކަމަށް ވެއެވެ. އެއީ ފޭނުން ބަލާގޮތް ނޫން ކަމަށްވެސް އީޝާ ވަނީ ބުނެފައެވެ.

"އަހަންނަކީ އެކްޓަރެއް، އަންހެނެއް، އަހަރެންނަށް ރައްކާތެރިކަން އޮތީ ކޮންތާކު؟" އީޝާގެ ޓުވީޓުގައި ބުނެފައިވެ އެވެ.

ކޯޓުން ވަނީ މި މައްސަލަ ބަލައިގަނެ އޯގަސްޓް 28 އަށް ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައެވެ.