ބޮލީވުޑް

ޖެކުއިލިން އަމިއްލަ ޗެނަލެއް ހުޅުވަނީ؟

2009 ވަނަ އަހަރު ފިލްމް އެލާޑިން އިން ބޮލީވުޑަށް ތައާރަފުވި ޖެކުއިލިން ފެނާންޑިޒް އަށް ފިލްމު ތަކުން މާބޮޑު ކާމިޔާބީއެއް ނުލިބުނަސް އިންސްޓަގްރާމް ފޮލާވާސް 30 މިލިއަނަށް އަރައިގެން ދިޔުމުން އޭނާއަށް އޮތް ޑިމާންޑް ހާމަވެގެން ދެއެވެ.

ޖެކުއިލިންގެ ފިލްމު "ރޭސް ތިނެއް" ނާކާމިޔާބުވެފައިވާއިރު ފިލްމު "ޑްރައިވް" ރިލީސްކުރުން ވަނީ ފަސްކޮށްފަ އެވެ.

ނަމަވެސް މީސްމީޑިއާއިން އޭނާއަށް ލިބިފައިވާ ލޯތްބަށް ޖެކުއިލިން ވަނީ ފޭނުންނަށް ޝުކުރު އަދާކޮށް ޕޯސްޓެއް ކޮށްފައެވެ. އަދި 30 މިލިއަން ފޭނުންނާ އެކު އޭނާ ވަނީ އިންސްޓަގްރާމު ޕްރައިވެޓް ކޮށްފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޖެކުއިލިން ވަރަށް އަވަހަށް އަމިއްލަ ސްޓްރީމިން ޗެނަލެއް ލޯންޗްކުރަން ވަނީ ނިންމާފައެވެ. އެ ޗެނަލުގައި ފިޓްނަސް، ބިއުޓީ ރޫޓިން، ޓްރެވެލް ޑައިރީޒް އަދި އޭނާ ރައްޓެހިންނާއެކީ ހޭދަކުރާ ވަގުތުތައް ހިއްސާކުރާނެ ކަމަށްވެއެވެ. މީގެ އިތުރުން ފޭނުންނާވެސް މުއާމަލާތް ކުރާނެ ކަމަށްވެއެވެ.

މީގެ ކުރިން ބަތަލާ އާލިޔާ ބަޓްވެސް ވަނީ އަމިއްލަ ޔޫޓިއުބް ޗެނަލެއް ހުޅުވާފައެވެ. އާލިޔާ ޔޫޓިއުބް ޗެނަލް ހުޅުވީ މިދިޔަ މަހު 26ގަ އެވެ. އާލިޔާގެ ޗެނަލަށް ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ.

ތަރިން މިގޮތަށް ޗެނަލް އުފެއްދުމުން ހަމަގައިމުވެސް ފޭނުންނަށް ގިނަ ކަންތައްތަކެއްގެ މައުލޫމާތު ލިބިގެންދާނެއެވެ. އަވަސް މުސްތަގުބަލެއްގައި ޗެނަލް އުފެއްދުން ބޮލީވުޑްގައި ޓްރެންޑަކަށް ވުންވެސް އެކަށީގެންވެއެވެ.